Support Us

މިޞްރާއި ސޫރިޔާ ތަފާތު މައިދާންތަކުގެ މަޝްވަރާތަކަށް އެއްބަސްވެއްޖެ

މިޞްރާއި ސޫރިޔާއާ ދެމެދުގައި ތަފާތު މައިދާންތަކުގައި ވާހަކަދެއްކުންތަކާއި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާއި ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލުލް މިޤްދާދު އެއްބަސްވެ ވަޑައިގެންފިއެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރު މިޞްރަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން މިޞްރުގެ ޚާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާން ބުނާގޮތުގައި ދެ ވަޒީރުން އެ ދެ ޤައުމުގެ ދެމެދުގައި ވާ ގުޅުންތައް ހަރުދަނާކުރުމަށް ޓަކައި އަވަހަށް މަސައްކަތް ފެށުމަށް އެއްބަސްވެ ވަޑައިގަތެވެ. 

ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަކީ 2011 ގެ ފަހުން މިޞްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިޞްރާއި ސޫރިޔާގެ ވަޒީރުން 2021 ގެ ސެޕްޓެންބަރުގައި ނިވްޔޯރކްގައި ބައްދަލުކުރައްވައިފައި ވެއެވެ.

ސިއްރު ބައްދަލުވުމެއް

 މިޞްރުން ހާމަކުރި ގޮތުގައި ދެ ވަޒީރުން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ސިއްރު ބައްދަލުވުމެއްގެ ތެރެއިންނެވެ. އެއަށްފަހު އެ ދެ ޤައުމުގެ ވަފްދުތައް ބައިވެރިވެގެން ފުޅައު ވާހަކަދެއްކުންތައް ބޭއްވުނެވެ. މި ބައްދަލުވުންތަކުގައި އެ ދެ ޤައުމުގެ ގުޅުންތަކުގެ އިތުރަށް ސަރަޙައްދީ ފައިލްތަކާއި ބައިންލައަޤްވާމީ މަސްއަލަތަކާ ބެހޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

ސޫރިޔާގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި މިޞްރުން މަސައްކަތް ކުރާނެ ކަމަށް މި ޞްރުގެ ވަޒީރު ސާމިޙު ޝުކްރީ ވިދާޅުވިއެވެ. ސޫރިޔާގެ މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ސޫރިޔާގެ ތަފާތު ޖަމާޢަތްތަކުގެ މެދުގައި އިތުބާރު ބިނާކުރުމަށް ޤާހިރާއިން މަސައްކަތްކުރާނެ ކަމަށް ވެސް ޝުކްރީ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސޫރިޔާގެ ދުސްތޫރީ ކޮމެޓީގެ ބައްދަލުވުންތައް ފެށުމަށް ވެސް މިޞްރުން ބާރުއަޅައި މަސައްކަތް ކުރާނެއެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރު މިޤްދާދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޢަރަބި އެއްބާރުލުމާއި އެކަތިގަނޑަކަށްވުން ސޫރިޔާއަށް ލިބޭނެއެވެ.މި ކަމުގެ ސަބަބުން ސޫރިޔާއަށް މަސއަލަ ގިރާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ސޫރިޔާގެ ޚަރިޖީ ވަޒީރު އަލްމިޤްދާދު ޤާހިރާއަށް ވަޑައިގަތީ މިޞްރުގެ ވަޒީރު ޝުކްރީގެ ދަޢުވަތަކަށެވެ. 

ތުރްކީއަށާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކާ ވިދިގެން މަރުވި މީހުންނަށް ތަޢުޒިޔާ ވިދާޅުވުމަށް ޓަކައި މިޞްރުގެ ވަޒީރު ޝުކްރީ 27 ފެބްރުވަރީގައި ދިމަޝްޤަށް ދަތުރުފުޅެއް ކުރެއްވިއެވެ. އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޓަކައި މިޞްރުން ސޫރިޔާއަށް 1500 ޓަނުގެ އެހީ ދިނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *