Support Us

ކޮލަމް ކޯދު: ޣާފިލުކަމާއި މޮޔަކަމަކީ ގާނޫނަކުން ހިމާޔަތްކުރެވޭނޭ ކަންކަމެއް ނޫނެވެ!

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވުމަށް ގަސްދުކޮށް، އުކުޅެއް ހަދަން ފަގީރު މީހަކު ރޭވިއެވެ. އަދި ނޫހެއްގައި އިޝްތިހާރެއް ޖެއްސެވެ. "އަވަހަށް މުއްސަނދިވާން ބޭނުންނަމަ އެއް ޑޮލަރު މި އެކައުންޓަށް ފޮނުވާށެވެ!"

މިލިޔަނަކަށްވުރެ ވެސް ގިނަ މީހުން އޭނާ ބުނި އެކައުންޓަށް ފައިސާ ޖަމާކުރިއެވެ. އަދި، ހަގީގަތުގައިވެސް، ފަގީރުކަލޭގެ މިލިޔަނަރަކަށްވެ، މުއްސަނދިވިއެވެ. ދެން މީނާ ކުރި ކަމަކީ މީނާ މުއްސަނދިވި ގޮތް މީނާ އިޝްތިހާރު ޖެހި ނޫހުގައި ބަޔާންކޮށް ޝާއިއުކުރީއެވެ. މިކަން އެނގުމުން، އެންމެން ރުޅިއައިސް، ފަގީރުކަލޭގެ ގޮވައިގެން ކޯޓަށް ދިޔައެވެ. އަދި އޭނާއާ މެދު ދައުވާކޮށް، އެމީހުން ފޮނުވި ފައިސާ އަނބުރާ ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ގާޒީ ދެކެވަޑައިގަތީ ފަގީރުކަލޭގެ ގާނޫނީ އެއްވެސް ކުށެއް ނުކުރާކަމެވެ. އަދި އެމީހުންނަށް ގާޒީ ވިދާޅުވިއެވެ. "ކަލޭމެންނަށް ދިމާވި ކަމަކީ، މީހަކު ހަމަ އެއްޗެއް ބުނާއިރަށް، އޭގެ ހަގީގަތަށް ބަލައިލުމެއް ނެތި، އެއަށް އަމަލުކުރުމުގެ ނަތީޖާއެވެ. ކަލޭމެންގެ އަމިއްލަ ވިސްނުން އެކަމާ ދޭތެރޭ ހިންގާލުމަށް ހުރަސް އެޅީ ކަލޭމެންގެ ދަހިވެތިކަމެވެ. ކަލޭމެންގެ އަމިއްލަ އެދުމެވެ. ކަލޭމެންގެ ދަހިވެތިކަމާއި އަމިއްލަ އެދުން ކަލޭންމެން ކަނުކޮށް ކަލޭމެންގެ ހަމަ ބުއްދި ފިލުވައިލީއެވެ. ތެދެކެވެ. ގާނޫނު، މީހުންގެ ހައްގުތައް، ހިމާޔަތްކޮށްދެއެވެ. ނަމަވެސް މީހުންގެ މޮޔަކަމާއި ޣާފިލުކަމަކީ ގާނޫނަކަށް ހިމާޔަތްކުރެވޭނެ ކަންކަމެއް ނޫނެވެ!"

މިކަމުން ލިބިގަނެވޭނޭ ފިލާވަޅަކީ ކޮބައިބާވައެވެ؟ ކަމެއް ކުރަންވާނީ ރަނގަޅަށް ވިސްނާފައެވެ. ތިމާ ކަމެއް ކުރަން ގަސްދުކުރާއިރު، އެކަން ކުރަންވާނީ އެކަމާ ދޭތެރޭ ތިމާ އަމިއްލައަށް ވިސްނައި ނަޒަރު ހިންގާލާފައެވެ. އެ ދަނޑިވަޅުގައި ތިމާގެ އަމިއްލަ އެދުމާއި ދަހިވެތިކަން، ތިމާ އެހެން މީހުން ދެކެ ފޫހިވާވުމާއި އެމީހުން ދެކެ ރުޅިއަންނަ އައުން، ތިމާގެ ވިސްނުން ނެތިކޮށްލައި ހަމަ ބުއްދި ފިލުވާލަދިޔަ ނުދޭށެވެ! އެހެން ނޫންނަމަ، ޝާއިރު ވިދާޅުވިހެން:

ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި

ގިސްލަމުން ހިތި ކަރުނަތައް އޮހޮރަން ޖެހިދެޔޭ އުމުރަށް މުޅިން

މިއަންނަނީ އެންމެންވެސް އެމީހުންގެ އަމިއްލަ ވިސްނުން ބޭނުންކުރަން ޖެހޭ ދުވަސްވަރެކެވެ، ވޯޓުގެ ދުވަސްވަރެކެވެ. އިސްކުރަން ޖެހޭނީ ކުލައެއް ނޫނެވެ. ތިމާގެ ކަމާއި ރައްޓެހި ކަމެއް ވެސް ނޫނެވެ! ނުރުހުމާއި ނަފުރަތުކުރުމެއްވެސް ނޫނެވެ. ކަންކުރެވޭ މީހުން ދެނެގަނެ، އިސްކަން ދޭންޖެހޭނީ އެފަދަ މީހުންނަށެވެ. މާޒީގެ މައްޗަށް ބަލައި، އެބަޔަކާ ކަމެއް ހަވާލުކުރުމުން، މުސްތަގުބަލު އޮންނާނެ ގޮތް ލަފާކޮށް، އަމިއްލައަށް އެކަން ވަޒަންކޮށްލެވޭތޯ މަސައްކަތްކޮށްގެންނެވެ!