...

Support Us

ކޮލަމް ކޯދު: އިސްތަށިކޮޅު ގެއްލި ތަލަވި ބޮލެއްގެ ވާހަކަ

މެދު އުމުރެއްގެ މީހެކެވެ. އޭނާގެ ދެ އަނބިން ތިބެވެ. އެކަކީ އޭނާގެ ޒުވާން އުމުރުގައި އެންމެ ލޯބިން އިން އަލަތު އަނބި މީހާއެވެ. އޭނާއާ އެއް އުމުރެއްގެ އަންހެނެކެވެ. ދެވަނަ އަނބި މީހަކީ އޭނާގެ އުމުރުގެ ރަބީއު މޫސުން ނިމި ޚަރީފު މޫސުމަށް އެޅުމުން، ހަޔާތަށް އަލުން ރަބީއު މޫސުން ގެނައުމުގެ ވަހުމީ ޚިޔާލުގައި އިން، އޭނާގެ ދޮށީ ދަރިފުޅަށް ވުރެ ވެސް ހަގު، ޒުވާން، އަނބިމީހާއެވެ.

މާގިނަ ދުވަސްތަކެއް ނުވެ، އަޅުގަނޑުމެންގެ ވާހަކައިގެ ބަތަލުގެ ހަށިގަނޑުން އުމުރުން ދުވަސްވުމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ. ހަޔާތަކީ ވަގުތީ އެއްޗެއްކަމާއި ދުނިޔޭގައި އުޅުމުގެ އަޖަލު ކަނޑައެޅި ނިމިފައި އޮތްކަން ހަޔާތް އޭނާއަށް ހަނދާންކޮށްދޭން ފަށައިފިއެވެ. އޭނާގެ ބޯ ނުރައިން އަލިވާން ފަށެމުންނެވެ.

މިކަމާ އޭނާގެ ހަނގު އަނބި ނުރުހުނެވެ. އޭނާގެ ފިރިމީހާގެ ކައިރީގައި ހުންނައިރު، ފިރިމީހާއަކީ އޭނާގެ ބައްޕަކަމަށް މީހުން ހީކޮށްފާނެތީ އެވެ. ދެން، އޭނާާއާ އެކު ފިރިމީހާ ހޭދަކުރާ ކޮންމެ ރެއަކުމެ، ފިރިމީހާގެ ބޯ އޮމާންކޮށް ބޮލުގައި ހުރިހާ ނުރަތައް އުފުރަން ފެށިއެވެ. ފިރިމީހާ ވެސް އޭނާގެ ހަގު އަނބިމީހާ ރުއްސުމުގެ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އަޅާނުލާ އޮވެއެވެ.

މިއާ ޚިލާފަށް، ފިރިމީހާގެ ބޯ ހުދުވާން ފެށުމުން، ދޮށީ އަނބިމީހާ ވަރަށް ވެސް އުފާކުރިއެވެ. މިހާރު ދޮށީ އަނބިމީހާގެ ބޯ ވެސް ހުދުވަމުން ދާތީއާއި ފިރިމީހާގެ ބޯ ކަޅުކޮށް ހުރެއްޖެ ނަމަ، ފިރިމީހާ ކައިރީ އޭނާ ހުންނައިރު، އޭނާއަކީ ފިރިމީހާގެ މަންމަކަމަށް މީސްތަކުން ހީކޮށްފާނެތީއެވެ. ދެން، އޭނައާއެކު ފިިރިމީހާ ހޭދަކުރާ ކޮންމެ ރެއަކުމެ، ފިރިމީހާގެ ބޯ އޮމާންކޮށް، އޭނާގެ ބޮލުގައި ހުރިި ހުރިހާ ކަޅު އިސްތައްޓެއް އުފުރަމުން ދިޔައެވެ. ދޮށީ އަނބި ރުއްސުމުގެ ގޮތުން މިކަމާ ވެސް އެއްޗެއް ނުބުނެ ފިރިމީހާ ހިމޭނުން އޮވެއެވެ.

ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ތިޔަ ހީކުރީ ހަމަ ރަނގަޅަށެވެ! މާގިނަ ދުވަސްތަކެއް ނުވެ، ފިރިމީހާގެ ބޮލުން ހުރިހާ އިސްތައްޓެއް އުފުރައި ހުސްވެ، އޭނާގެ ބޯ އެއްކޮށް ތަލަވުމެވެ.

އާދެ، އެންމެން ރުއްސައި، އެންމެންގެ މަގުބޫލުކަން ހޯދަން އުޅެފި ނަމަ ކަންތައް ވާނީ މިހެންނެވެ. އެދޭ އެއްކަން ވެސް ހާސިލުނުވެ، އަމިއްލައަށް ގެންލުން އުފުލަންޖެހުމެވެ. އެހެންވެ، މީހުން ރުއްސައި މީހުންގެ މަގުބޫލުކަން ހޯދަން ކަންތައް ކުރަން އުޅުމަކީ ހަގީގީ އެއްވެސް ފައިދާއެއް އެކަމުން ލިބޭނޭ ކަމެއް ނޫނެވެ! އެހެންވެ، އެ ގޮތް ޚިޔާރުކުރުމަކީ ބުއްދިވެރި ގޮތެކޭ ބުނުން ވެސް ވަރަށް ވެސް ދައްޗެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.