Support Us

އަޤްޞާ މިސްކިތުގައި ފަލަސްޠީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ބަރަކާތްތެރި އަޤްޞާ މިސްކިތުގެ ތެރޭގައި ބާބުއް ސިލްސިލާ ދޮރުކޮޅުގައި ކައިރީގައި އިސްރާއީލު ސިފައިން ފަލަސްޠީނުގެ ޒުވާނެއްގެ ގަޔަށް ސީދާ ބަޑި ޖަހައި ރޭ ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިސްރާއީލު ސިފައިން މަރައިލި ފަލަސްޠީނުގެ ޒުވާނަކީ 1948 ގައި އިސްރާއީލު ހިފައިފައިވާ ނަޤަބު ސަރަޙައްދުގެ މީހެކެވެ. އޭނާގެ ޢުމުރަކީ 26 އަހަރެވެ.

އޭނާ މަރައިލުމާ ވިދިގެން އިސްރާއީލު ފުލުހުން އަޤްޞާ މިސްކިތުގެ ދޮރުކޮޅުތަކާއި ޤުދްސުގެ ޤަދީމީ ސަހަރު އެތައް ގަޑިއިރެއް ވަންދެން ބަންދުކޮށް ޙަރަކާތް ހުއްޓުވައިލިއެވެ.

ފަލަސްޠީނުގެ ރިވާޔަތްތައް ބުނާގޮތުގައި މި ޒުވާނާ ގަޔަށް އިސްރާއީލު ފުލުހުން ބަޑި ޖެހީ ފަލަސްޠީނުގެ އަންހެނަކު ޙިމާޔަތް ކުރުމަށް ޓަކައި ފުލުހުންގެ ތެރެއަށް ވަނުމުންނެވެ. އިސްރާއީލުން ބުނާގޮތުގައި އޭނާ ގަޔަށް ބަޑިޖަހަން ޖެހުނީ އޭނާ އިސްރާއީލު ފުލުހެއްގެ ހަތިޔާރު ޖަހައިގަންނަން އުޅުމުންނެވެ.

އަޤްޞާ މިސްކިތަށް ވަދެ ތިބުމަށް ގޮވައިލުން

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތުން އިއްޔެ ވަނީ ޤުދުސުގެ ރައްޔިތުންނަށް އަޤްޞާ މިސްކިތަށް ވަދެ ބޭރަށް ނުނުކުމެ ތިބުމަށް ގޮވައިލައިފައެވެ. ޙަމާސުގެ ބަޔާން ބުނާގޮތުގައި އިސްލާމީ ޝަޢީރާތައް ފާޅުކުރުމަށް ޓަކައި އަޤްޞާ މިސްކިތުގައި އިޢުތިކާފު ކުރުމަށާއި އަޅުކަން ކުރުމަށް ވަދެ ތިބުން ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އަޤްޞާ ޙިމާޔަތްކުރުމަށާއި ޔަހޫދީ ވަޒަންވެރިން ދައްކަމުންދާ ބިރުތަކާ ކުރިމަތިލުމަށް ޓަކައި ކުރަން ޖެހިފައިވާ ކަމެއްކަމަށް ވެސް މި ބަޔާން ބުންޏެވެ.

މި ގޮވައިލުންތަކާ ވިދިގެން ހުކުރު ދުވަހު ހެނދުނުން ފަށައިގެން ފަލަސްޠީނީން ދަނީ އަޤްޞާއަށް ދިޔުމަށް ދަތުރުފަށައިފައެވެ.

އިސްލާމީ ޖިހާދު ޖަމާޢާތުން ނެރުނު ބަޔާނުގައި ވެސް ފަލަސްޠީނު މީހުންނަށް ވަނީ ދަތުރުކޮށްފައި އަޤްޞާ މިސްކިތަށް ގޮސް އެ މިސްކިތުގެ ޙަރަންފުޅާއި ޤުއްބުތަކާއި މުޞައްލާތަކުގައި އިޢުތިކާފުކުރުމަށާއި އަޅުކަން ކުރުމަށް ތިބުމަށް ގޮވައިލައިފައި ވެއެވެ.

އިސްރާއީލު ސިފައިން އަޤްޞާ ސަރަޙައްދު ބަންދުކޮށް މިސްކިތަށް ދިޔަ މީހުންނަށް ހުރަސްއެޅި ނަމަވެސް އެތައް ލައްކަ ބަޔަކު އަޤްޞާ މިސްކިތުގައި އިއްޔެ ހުކުރު ނަމާދު ކުރިއެވެ.

އިސްރާއީލުން މި ދިޔަ ހޯމަދުވަހު ވަނީ ހުޅަނގު އައްސޭރީގެ މީހުން އިރުމަތީ ޤުދްސަށް ވަނުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އިސްރާއީލުން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާ ސަރަޙައްދުގެ އެއްވެސް މީހަކަށް އިރުމަތީ ޤުދްސަކަށް ނުދެވޭނެއެވެ. ހުޅަނގު އައްސޭރީގެ ފިރިހެނުންގެ ތެރެއިން ޤުދްސަށް ހުއްދަ ނުނަގާ ދެވޭނީ 55 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްވުރެ ހަނގު ފިރިހެނުންނަށް ދެވޭނީ ޚައްޞަ ހުއްދައެއް ހޯދައިގެންނެވެ. ހުރިހާ ޢުމުރެއްގެ އަންހެނުންނަށާއި 12 އަހަރު ނުފުރޭ ކުޑަކުދީންނަށް އިރުމަތީ ޤުދްސަށް ދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *