...

Support Us

ކޮލަމް: ދިނަށަ

ކޮލަމް: ދިނަށަ: މާލެމައްޗަށް އިރު

މިއަހަރު ދެކުނުން އުތުރަށް އިރު ކުރާ ދަތުރުގައި ޚައްޠުއިސްތިވާ ފަހަނަޅައި އުތުރަށް ޖެހި، މާދަމާ، މާރިޗު 31 ވާ ހުކުރު ދުވަހު މެންދުރު މާލޭ ގަޑިން 12 ގަޑި 10 މިނެޓް 17 ސިކުންތުގައި އިރު މާލެ މައްޗަށް އާދެއެވެ.

އިރު އެތަނެއްގެ މަތީގައި ހުންނަ ހިނދުކޮޅުގައި އެތަނެއްގައި އޮލަނބަށް ހުންނަ އެއްޗެއް އެއްޗެއްގެ ހިޔަނި އެ އެއްޗަކުން ނެއްޓި އެއްވެސް ފަރާތަކަށް ނުނެއްޓޭނެއެވެ. މުރާދަކީ، އެފަދަ އެއްޗެއްގެ ހިޔަނި އެވަގުތު ފާޅެއް ނުވާނެއެވެ. އެބަހީ، ހިޔަނި ހުސްވާނެއެވެ.

އިރު ކޮންމެ އަހަރަކުވެސް ފުރަތަމަކޮޅު ދެކުނުގައި ހުރެފައި އުތުރަށް ދަތުރުކޮށްފައި އަހަރު ނިމުމުގެ ކުރީގައި އެނބުރި ދެކުނަށް ދެއެވެ.

އިރު ޚައްޠުއިސްތިވާގެ ދެކުނަށް ވެސް އަދި އުތުރަށްވެސް ދާ މިންވަރަކީ، 23 ދަރަޖަ 26.3 ދަގީގެވެ.

އިރު އުތުރަށާއި ދެކުނަށް ޖެހިފައި ހުންނަތަން ދުނިޔެއަށް ފެންނާނީ އެމިންވަރަށެވެ.

އިރު ކޮންމެ އަހަރަކު ވެސް އުތުރަށް ނުވަތަ "ޓްރޮޕިކް އޮފް ކެންސަރ" އަށް ދަތުރު ކުރަނީ އެއްފަހަރު އެވެ. ޚައްޠުއިސްތިވާ ހުރަސް ކުރަނީ ދެފަހަރުއެވެ. ދެކުނަށް ނުވަތަ "ޓްރޮޕިކް އޮފް ކެޕްރިކޯނަށް ދަތުރު ކުރަނީ ދެފަހަރުއެވެ.

އިރު އެގޮތުގެ މަތީގައި ހިނގަހިނގައި ހުރެއެވެ.

އިރު މި މާނައިގައި އިރު ހިނގުމާއި އިރުގެ ދައުރުވުމޭ ބުނެވޭ ބުނުމަކީ ފަލަކީ، އިސްޠިލާޙެކެވެ.

ޙަޤީޤަތަކީ އިރުގެ ދައުރުވުމެއް ނޫނެވެ. އިރުވަށައިގެން ދައުރު ކުރަނީ ދުނިޔެއެވެ. ދުނިޔެ އޭގެ ފަލަކުގައި އިރުގެ ވަށައިގެން 365 ދުވަހާއި ހަ ގަޑީރުން ޖަހާ ބުރުގައި ދުނިޔޭގެ ނިސްބަތުން ދުނިޔެއަށް އިރު ހުންނަ ތަން ނުވަތަ ފަލަކީ ދިމާ (މިޞްރާބު) ފެންނަ ފެނުމަށް އިރު ހިނގާ ހިނގުމޭ ނުވަތަ އިރު ހުރިތަނޭ ކިޔަނީ ފަލަކީ ގޮތުން ނިސްބަތް ކުރުމަށް ފަސޭހައަކަށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.