ރަޝިޔާއާއާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާ ތައްޔާރަށް އޮތްކަމަށް ބުނެ ތައިވާނުގެ މަސއަލައިގައި އެމެރިކާއަށް އިންޒާރެއް ދީފިއެވެ.
އެމެރިކާގެ ހައުސްގެ ރައީސް ތައިވާނުގެ ރައީސާއާ ބައްދަލުކުރައްވައިފިނަމަ ޗައިނާއިން ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އަޅާނެކަމަށް ބޭޖިންގުން ބުންޏެވެ. ޗައިނާގެ ދިފާޢީ ވުޒާރާއިން ހާމަކުރިގޮތުގައި ރަޝިޔާއާއެކު އިސްތިރާތީޖީ ވިލަރެސްކުރުމާއި ގުޅުންތައް ހަރުދަނާ ކުރުމަށް ޓަކައި ރަޝިޔާގެ ޢަސްކަރިއްޔަތާއެކު މަސައްކަތް ކުރުމަށް ޗައިނާގެ ޢަސްކަރިއްޔަތު އޮތީ ތައްޔާރަށެވެ.
ޗައިނާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ތާން ކީ ވިދާޅުވި ގޮތުގައި ޢާލަމީ ސަލާމަތީ އިސްނެގުންތަކުގައި ޗައިނާއިން ރަޝިޔާއާއެކު އެއްބާރުލާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެ ޤައުމުން ދަނީ ޢަސްކަރީ އިތުބާރު ވަރުގަދަކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ ޢަދާލަތާއި އިންސާފު ޙިމާޔަތް ކުރުމަށް އެ ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެއެވެ.
ތާން ވިދާޅުވި ގޮތުގައި ގުޅިގެން ކަނޑާއި ވައިގެ ތަމްރީނުތައް މެދުނުކެނޑި ބާއްވަމުންދާނެއެވެ.
ކަނޑުގެ ބާރުތައް ވަރުގަދަކުރުން
އޭނާ ހާމަކުރެއްވި ގޮތުގައި ޢުމާން ގަލްފުގައި ޗައިނާއާއި ރަޝިޔާއާއި އީރާން ގުޅިގެން ބޭއްވި ޢަސްކަރީ ތަމްރީނުތަކުގެ ސަބަބުން މި ތިން ޤައުމުގެ އަސްކަރީ ބާރުތައް ވަނީ ވަރުގަދަވެފައެވެ. އަދި މި ކަމުގެ ސަބަބުން މި ތިން ޤައުމުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުން ވެސް ވަނީ ހަރުދަނާވެފައެވެ. ތާން ހާމަކުރެއްވި ގޮތުގައި މި މަހު 15 އިން 19 އަށް ބޭއްވި މި ތަމްރީނުތަކުގައި 12 މަނަވަރާއި ކަނޑު އަޑިއަށް ފީނާ ބާރުތަކާއި ޚާއްޞަ މަސައްކަތްތައް ކުރާ ފައުޖުތައް ބައިވެރިވިއެވެ.
ބަދަލުހިފުމުގެ ރައްދު
އަނެއްކޮޅުން ބަލާއިރު ތައިވާނުގެ ރައީސާ އެމެރިކާގައި މަޑުކޮށްލައްވާ ދަތުރުފުޅެއްގައި ބުދަދުވަހު ވަނީ ނިވްޔޯރކަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގެ ސަބަބުން ޗައިނާ ވަނީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ޗައިނާ ބުނާގޮތުގައި އެމެރިކާގެ ބަރްލަމާނުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް)ގެ ރައީސް މެކާރތީ ތައިވާނުގެ ރައީސާއާ ބައްދަލުކުރައްވައިފިނަމަ ބަދަލުހިފުމުގެ ރައްދު ފިޔަވަޅެއް ޗައިނާއިން އަޅާނެއެވެ. ތައިވާނުގެ ރައީސާ އެމެރިކާއަށް ވަޑައިގަތީ މެދުތެރޭ އެމެރިކާގެ ދެ ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގެ މަތީގައެވެ. އޭނާ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ގުވަޓިމާލާއަށާއި ބެލީޒަށެވެ. ތައިވާނަށް އެނބުރި ވަޑައިގަންނަވާއިރު ކެލިފޯރނިޔާއަށް ޒިޔާރަތް ކުރައްވާނެއެވެ.
ޗައިނާ ބުނާގޮތުގައި ތައިވާނުގެ ޒަޢީމާއަށް އެމެރިކާއަށް ވަޑައިގަތުމަށް ހުއްދަދިނުމަކީ ޗައިނާއަށް ކުރާ ޖެއްސުންކުރުމެކެވެ. މި ކަމުގެ އަމާޒަކީ އެމެރިކާގެ ވާގިވެރިކަމުގައި ތައިވާން މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމެވެ. ޗައިނާ ދެކޭގޮތުގައި ތައިވާނަކީ "އެއް ޗައިނާ"ގެ ބައެކެވެ.



advertisment