Support Us

ކޮލަމް ކޯދު: ޕިޔެރީ ކިޔޫރީގެ ވާހަކަކޮޅެއް

ފިޔެރީ ކިޔޫރީއަކީ ތަބީއިއްޔާތުގެ ފަރަންސޭސި އިލްމުވެރިޔެކެވެ. ތަބީއިއްޔާތުގެ އިލްމުން (ފިޒިކްސް)، 1903ގައި އޭނައާއި އަދި އޭނާގެ އަންހެނުން މަރީ ކިޔުރީއާއި އަދި އަންތުވާން އޮންރީ ބެކްއެރެލްއަށް، ނޯބެލް އިނާމު އެރުވުނެވެ. ތިރީގައި އެވަނީ ޕިޔެރީ ކިޔޫރީއަށް ނިސްބަތް ކުރެވޭ ބުނުމެއްގެ ތަރުޖަމާއެވެ. މި ބުނުން ނެގިފައިވަނީ 2018ގައި، ތުރުކީވިލާތުގެ މަރްމަރާ ޔުނިވަސިޓީގައި ޕީ.އެޗް.ޑީއަށް ކިޔަވާ ވިދާޅުވަމުންގެންދެވި، އިސްތަންބޫލުގެ ގާނޫނީ ވަކީލެއް ކަމުގައިވާ ފަރްހަތު ކިޔުޗިކް، 2018ގެ ސެޕެޓެމްބަރުގައި ލިޔުއްވައި ޝާއިއުކޮށްފައިވާ ލިޔުއްވުމަކުންނެވެ. (އެ ލިޔުމުގެ ލިންކު)

ފިޔަރީ ކިޔުރީ ވިދާޅުވެފައި އޮވެއެވެ. "ޒައްރާ ބައިބައިކޮށްލުމުގައި، އިސްޕޭނުގެ އިސްލާމީ ހަޟާރަތުން އަހަރުމެން އަތްމައްޗަށް އެރި 40 ފޮތުގެ ބޭނުންކުރެވުނެވެ. [މޮޣޯލުން ލީޑަރު] ހާލާގޫ ޚާން، [މުސްލިމު އިލްމުވެރިންގެ] އެތައް ސަތޭކަހާސް ފޮތް އަންދާ ނުލި ނަމަ، މިއަދު އަހަރުމެން އުޅޭނީ ގެލެކްސީތަކުގެ މެދުގައި ބޯޅަކުޅޭށެވެ!"

ޝައްކެއްނެތް ގޮތުގައި، އިހުގެ މާޒީގެ ދުވަސްތަކުގައި، މުސްލިމުން އެކިއެކި އިލްމީ ރޮނގުތަކުގައި، ކުރިއަރާ ދިޔުމަށް، އިސްލާމް ދީން ބާރުއަޅައި ހިތްވަރުދިނެވެ. އަދި، އިސްލާމީ މުޖުތަމައުގައި އޮތް ވެރިކަމުގެ ނިޒާމު ވެސް މިކަމަށް ހިތްވަރުދީ މިކަން ކުރުމުގެ މަގުފަހިކުރުވިއެވެ. އެ ނިޒާމުތަކުގައި ހުރި ނަމަ ހުރި އުނިކަމާއި އެކުގައި ވެސް މެއެވެ.

ނަމަވެސް މިއަދުގެ ހާލަތަކީ ކޮބާ ހެއްޔެވެ؟ އިލްމީ މައިދާންތަކުގައި، މުސްލިމު މުޖުތަމައުތަކުގެ އުޑުން އިލްމީ ތަރިތައް ފާޅުވެ، ވިދާނުލައެވެ. މިކަމުގެ ސަބަބަކީ ފަހަރެއްގައި ވެސް އިސްލާމް ދީނެއް ނޫނެވެ. މިއީ ހަގީގަތެއް ނަމަ، އިހުގައި މުސްލިމުންނަކަށް އިލްމީ މައިދާންތަކުގައި ކުރިއެއް ނުހޯދުނީހެވެ. މިކަމުގެ މައިގަނޑު އެއް ސަބަބަކީ އިސްލާމް ދީނާ ދޭތެރޭ މުސްލިމުން މިއަދު ދެކޭ ގޮތެވެ. އިސްލާމް ދީނަކީ ފިކުރުގެ މިނިވަންކަން ހުޅުވާލަދޭ ދީނެއް ކަމުގައި ނުދެކުމެވެ. އެމީހުންގެ ބުނުންތަކާއި އަމަލުތަކުންނެވެ. މިއަދުގެ، އިސްލާމީ ދީނީ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން، އިސްލާމް ދީން އާންމުންގެ ކުރިމައްޗަށް ނެރެނީ ހުރިހާ ކަމެއް ހެން ހަރާން ކުރާ ދީނެއްގެ ގޮތުގައެވެ. އަދި، އެމީހުންގެ ވާހަކަތަކުން، އާންމު މުސްލިމުންނަށް ވިސްނިފައި އޮންނަނީ އިލާހުވަންތަ ފަރާތަކީ އަޅުތަކުންގެ ފާފަފުއްސަވާ، ރަހުމަތްލައްވާ އިލާހެއްކަމުގެ ބަދަލުގައި އަބަދުމެ އަޒާބުދެއްވުމަށް ތައްޔާރުވެވަޑައިގެން އެކަމުގެ އިންތިޒާރުގައި ވޮޑިގެންވާ ފަރާތެއްކަމެވެ. ދީނުގެ ޖައުހަރަކީ، މި ނަންގަތް މީހުންގެ ވާހަކަތަކުން ދޭހަވާ ގޮތުގައި، މުޅިން ވެސް ބޭރުފުށުގެ ކަންކަމެވެ.

މީގެ އިތުރުން، އިސްލާމީ މަތީ ތައުލީމުދޭ މުއައްސާސަތުގައި، ކުދިން ތަމްރީނުކުރެވެނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި ވެސް މައްސަލަތަކާ މެދު އަމިއްލައަށް ވިސްނާ ފިކުރުކުރާނެ ހުނަރު ލިއްބައިދިނުމެއް، އެ މުއައްސަސާތަކުގައެއް ނޯވެއޭ ބުނެވިދާނެއެވެ. އެފަދަ މުއައްސަސާތަކުގެ މަންހަޖުތައް ބިނާވެފައި އޮންނަނީ ފޮތްތަކެއްގެ މިވެނި ސަފުހާއަކުން އެވެނި ސަފުހާއަކާ ހަމައަށް ކިޔައި ހިތުދަސްކުރުމެވެ. އެސަފުހާތަކުގައި ހުށަހަޅާލެވިފައިވާ ވާހަކަތަކުގެ ފިކުރުތަކާއި ޚިޔާލުތަކަކީ ކޮބައިކަން ހޯދަައި، އޭގެ މައްޗަށް ފާޑުކިޔުމުގެ ނަޒަރު ހިންގާލުމެއް ނޯވެއެވެ. މި ފަދަ ތައުލީމީ މުއައްސަސާތަކުގައި ކިޔަވައިދެވެނީ އަރަބި ބަހުން ކަމުގައި ވިޔަސް، ކިޔަވާކުދިންނަށް، އެކުދިންގެ ފިކުރާއި ޚިޔާލާތުތައް، އަރަބި ބަސް ބޭނުންކޮށްގެން ފާޅުކުރާނީ ކިހިނެއްކަމުގެ ތަމްރީނުތަކެއް، އެކަށީގެންވާ ގޮތުގައި ނުދެވެއެވެ.

ދެން ވެސް އިތުރު ސަބަބެކެވެ. މިއަދުގެ މުސްލިމު މުޖުތަމައުތައް ހަޟާރީ މަސައްކަތުން އެއްކިބާވެފައި ތިބީ ކީއްވެގެންކަން އޮޅުންފިލުވައިދޭ ސަބަބެކެވެ. މުސްލިމުންގެ މުޖުތަމައުތަކަކީ އަމިއްލައަށް ވިސްނައި ފިކުރުކުރަން ހިތްވަރުދޭ މުޖުތަމައުތަކެއް ނޫނެވެ. އެ މުޖުތަމައުތަކުގައި ވެރިވެފައި އޮތް ސިޔާސީ ނިޒާމުތަކަކީ މިކަމަށް އެހީތެރިވެވިދާނޭ ނިޒާމުތަކެއް ނޫނެވެ. އެ ނިޒާމުތަކުގެ އަސާސީ ބޭނުމަކީ ފަހަރެއްގައި ވެސް މުސްލިމު މުޖުތަމައުތައް ހަޟާރީ ގޮތުން ކުރިއެރުވުމެއް ނޫނެވެ. އެ ނިޒާމުތަކުގެ އަސާސީ ބޭނުމަކީ އެ ނިޒާމުތައް ހިންގަން ތިބި މީހުންގެ ވެރިކަމާއި ބާރު، ދެމެހެއްޓުމެވެ. މި ސަބަބަށްޓަކައި، ތަނުގެ ތައުލީމީ މަންހަޖުތަކުން އިބދާއީ (ކްރިއޭޓީވް) ސިކުނޑިތަކެއް އުފެއްދޭ ގޮތަށް އެ މަންހަޖުތައް ބައްޓަން ކުރެވޭ ގޮތެއް ނުވެއެވެ.

މިވާހަކަތައް ލިޔެ ބުނެލުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ފަހަރެއްގައި ވެސް ބަޔަކަށް އަމާޒުކޮށްގެން އެއްޗެހިތަކެއް ކިޔުމެއް ނޫނެވެ. ބަޔެއްގެ އުނިކަން ހޯދުމެއް ނޫނެވެ. މިކަމަކީ، އާދެ، އަޅުގަނޑުމެންގެ އިލްމީ ކުރިއެރުމަކީ، އެކަން ކުރުމަށް އޮތް ހެޔޮމަގު މަގު އިޚްތިޔާރުކުރެވިއްޖެ ނަމަ، ކުރެވިދާނެ ކަމެއްކަން ބަޔާން ކުރުމެވެ. ތަނުގެ ތައުލީމީ ނިޒާމުވާން ޖެހެނީ އަމިއްލައަށް ވިސްނާ ފިކުރުކުރުމުގެ ހުނަރާއި އެކަން ސާފުކޮށް ބަޔާންކުރުމުގެ ހުނަރު ލިބިފައިވާ ކުދިންތަކެއް ނެރޭ ނިޒާމަކަށެވެ. ތަނުގެ ސިޔާސީ ނިޒާމު ވާންޖެހޭނީ މިނިވަންކަމާއެކު އިލްމީ މައްސަލަތައް ބަހުސްކުރުމަށް ހިއްވަރުދޭ ނިޒާމަކަށެވެ. އެ ފަދަ ހިއްވަރުދިނުމަކީ އެފަދަ ކަންކަން ކުރެވޭ ކިޔަވާ ކުދިން ފާހަގަކޮށް، އެކުދިންނަށް އެކަން ކުރުމުގެ މަގުފަހިކޮށް ދިނުމެވެ. އެފަދަ ގާބިލިއްޔަތު ލިބިފައިވާ ކުދިންނަނީ ވަކި އާއިލާއެއްގެ ތެރޭގައި ހަސްރުކުރެވިފައިވާ ކުދިންކަން ދެކިގެންނުވާނެއެވެ. ވެރިކަމުގެ އާއިލާތަކާއި މުއްސަނދިކަމުގެ އާއިލާތަކުގެ ތެރޭގައި އޮތް ކުދިންކަމުގައި ބެލެވިގެން ނުވާނެއެވެ.

އާދެ، މިފަދަ ގޮތެއްގައި ކަންތައްތައް ރޭވިގެން، މަސައްކަތްކުރެވިއްޖެ ނަމަ، އިހުނޭ އެއްފަދައިން، ޕިޔަރީ ކިޔުރީ އެ ފާހަގަކުރި އިލްމީ ކުރިން، މިއަދުވެސް، މުސްލިމުންނަށް ހޯދައިގަނެވިދާނެއެވެ. މި ދެކަން ފުރިހަމަ ވެއްޖެ ނަމައެވެ: މިނިވަންކަމާއެކު ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ ތައުލީމީ ނިޒާމަކާއި، އޭގެ އެންމެ ފުރިހަމަ މާނައިގައި، މިކަމަށް ހިއްވަރުދޭނޭ ސިޔާސީ ނިޒާމެކެވެ.