Support Us

އިސްރާއީލަކީ އެމެރިކާ ދިދައިގައި ތަރިތަކުގެ ތެރެއިން ތަރިއެއް ނޫން

އިސްރާއީލުގެ ޤަޟާއީ ނިޒާމު އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް އެމެރިކާގެ ރައީސް ބައިޑްން އިސްރާއީލަށް ގޮވައިލެއްވުމުން އިސްރާއީލު ސަރުކާރުން ރުޅި އިސްކޮށް އެއީ އެތާނގެ ދާޚީލީ ކަންތައްތަކާ ބެހުން ކަމަށް ބުނެފިއެވެ.

އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ޢިތުމާރު ބިން ޣަފީރު ރައީސް ބައިޑްނަށާއި އޭނާގެ ސަރުކާރަށް ހަރުކަށި ބަހުން ރައްދު ދެއްވަމުން ވިދާޅުވިއެވެ. "އިސްރާއީލަކީ މިނިވަން ޤައުމެއްކަން އެމީހުން ދަންނާން ޖެހޭނެއެވެ. އެއީ އެމެރިކާ ދިދައިގެ ތަރިތަކުގެ ތެރެއިން ތަރިއެއް ނޫނެވެ."

އޭނާގެ ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ރައީސް ބައިޑްނާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "އިސްރާއީލަކީ ސިޔާދަތީ ދައުލަތެކެވެ. ބޭރުގެ ފިއްތުންތަކަށް ބަލައިގެން އެ ޤައުމުން ނިންމުންތައް ނުނިންމާނެއެވެ." 

އިދިކޮޅު ރައްދު

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ކުރީގެ ދިފާޢީ ވަޒީރު ބެނީ  ގެންޓްސް ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ- އިސްރާއީލު ގުޅުމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އިސްރާއީލުން ކޮށްގެން ނުވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާއަކީ އިސްރާއީލުގެ އެންމެ ގާތް އެކުވެރި ދައުލަތެވެ. އެމެރިކާއަށް ދެވޭ ކޮންމެ ޙަމަލާއަކީ އިސްތިރާތީޖީ ޙަމަލާއެކެވެ." 

ގެންޓްސް އޭނާގެ ޓުވިޓަރުގައި ލިޔުއްވިއެވެ. "އިސްރާއީލުގެ ޤަޟާއީ އިޞްލާޙުތަކާ ބެހޭ ބިލާމެދު  ރައީސް ބައިޑްން ވިދާޅުވި ބަސްފުޅުތަކަކީ އިސްރާއީލު ސަރުކާރަށް ދުރައިލާ ދެއްވި އިންޒާރެކެވެ." ގެންޓްސް އޭނާގެ ޓުވީޓުގައި ސަލާމަތާއި ސިޔާސީ ޒިންމާދާރުކަމާއެކު ފިޔަވަޅުތައް އެޅުއްވުމަށް ނަތަންޔާހޫއަށް ގޮވައިލެއްވިއެވެ. 

ގެންޓްސްގެ ޓުވީޓުގައި ވަކިކުރެވުނު ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް އަލުން ވަޒީރުކަމަށް ގެންނެވުމަށާއި ހަރުކަށި މާލީ ވަޒީރު ސުމުތުރިޗަށް އެރުވިފައިވާ ސަލާމަތީ ބާރުތައް ނެންގެވުމަށާއި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބިން ޣަފީރު ހިތްޕުޅަށް އަރާހައި ގޮތަކަށް ޢަމަލުކުރެއްވުމަށް ދޫކޮށްނުލެއްވުމަށް ނަތަންޔާހޫއަށް ގޮވައިލެއްވިއެވެ. 

ވާހަކަދެއްކުންތައް

އަނެއްކޮޅުން އިސްރާއީލުގެ ރައީސް އިސްޙާޤު ހަރޓްސޮގް ހާމަކުރެއްވި ގޮތުގައި ޤަޟާއީ އިޞްލާޙާ ބެހޭ ބިލާމެދު ބޭއްވެމުންދާ ބައްދަލުވުން މިއަދު ވެސް ކުރިއަށް ދާނެއެވެ. މި ކަމާ ބެހޭ ފުރަތަމަ ބައްދަލުވުން ބޭއްވުނީ ރޭގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ވާހަކަދެއްކުންތައް "ފައްސި ރޫޙަކާއެކު" ކުރިއަށް ދިޔައެވެ.

އިދިކޮޅު ޕާޓީތައް ބުނާގޮތުގައި އިސްރާއީލުގެ ދީމުޤްރާޠީ ނިޒާމާއި ރައްޔިތުންގެ އެއްބައެއްވަންތަކަން ރައްކައުތެރިކުރުމަށް ވަރަށް  ބާރުއަޅައި އެ ޕާޓީތަކުން މަސައްކަތްކުރާނެއެވެ.

މި ވާހަކަދެއްކުންތަކުގައި "އިސްރާއީލު އަހުރެމެންގެ" ޕާޓީ ބައިވެރިއެއް ނުވެއެވެ. މި ޕާޓީގެ ޒަޢީމު ލިބަރމަން  ވިދާޅުވާ ގޮތުގައި  ޤަޟާއީ އިޞްލާޙާ ބެހޭ ބިލް ބަރްލަމާނުން ނުނަގަނިސް މި ވާހަކަދެއްކުންތަކުގައި އޭނާ ބައިވެރިވެ ވަޑައެއް ނުގަންނަވާނެއެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މި ބިލް ވަގުތީގޮތުން ގަޑުކުރައްވައިފައެވެ. މި ބިލް ބުނާގޮތުގައި ބަރްލަމާނުގެ އެއްވެސް ނިންމުމެއް  ބާޠިލު ކުރުމުގެ ބާރު ސުޕްރީމު ކޯޓުގެ އިޚްތިޞާޞުގައި ނުހިމެނޭނެއެވެ. އަދި ޤާޟީން އިސްކުރުމުގައި އެންމެފަހުބަސް ބުނާނީ ސަރުކާރުންނެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *