Support Us

21 އެޕްރީލް 1992ގައި ނަގައިފައިވާ މި ފޮޓޯގައި، އެން.އެސް.އެސްގެ ޖެނެރަލް މައުމޫން އަބްދުލްގައްޔޫމު (ގޮނޑީގައި ކ-3) އަދި ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރު (ގޮނޑީގައި ކ-4) އަށް. -ފޮޓޯ: ގޫގްލް.

130 އަހަރަށްފަހު ދިވެހި ސިފައިންގެ ހުރިހައި ރޭންކަކަށް ބޭފުޅުން

ދިވެހި ސިފައިންގެ ތާރީހުގައި އިއްޔެ އަކީ ވަރަށް ފާހަގަކުރެވޭ ދުވަހެކެވެ. ސިފައިން އުފެދުނުތާ 130 އަހަރަށްފަހު، އެމްއެންޑީއެފްގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ފުރަތަމަ ފަހަރަށް އިއްޔެ ވަނީ ބޭފުޅުން އައްޔަންކުރައްވައިފައެވެ. މިއާއެކު އައްސުލްތާން އިބްރާހިމް ނޫރައްދީންގެ ރަސްކަމުގައި 21 އެޕްރީލް 1892 ގައި އުފެއްދި ދިވެހި ސިފައިންގޭގައި މިހާރު ހުރި ހުރިހާ ރޭންކުތަކެއް ބޭފުޅުންނަށް ދީ ހަމަވީއެވެ.

ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ބޭފުޅުން އައްޔަން ކުރުމުން، ދެ ރޭންކެއް ފިޔަވައި އެމްއެންޑީއެފްގެ އެހެން ހުރިހައި ރޭންކުތަކެއްގައި މިހާރު ބޭފުޅުން އެބަތިއްބެވިއެވެ. ބޭފުޅުން ނެތް ދެ ރޭންކަކީ ލެފްޓިނެންޓް ޖެނެރަލް އާއި ޖެނެރަލްގެ ރޭންކެވެ. (ދިވެހި ސިފައިންގެ އެންމެ މަތީ ރޭންކަކީ ޖެނެރަލް އެވެ.) ނަމަވެސް ދިވެހި ސިފައިންނަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، 21 އެޕްރީލް 1992 ގައި ނަގައިފައިވާ (އެން.އެސް.އެސް/ ކުރީގެ ސިފައިންގެ އޮފިސަރުންގެ) ފޮޓޯގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް މައުމޫން އަބްދުލްގައްޔޫމު ކަނޑިއެއް ހިއްޕަވައިގެން ތުރުކުރައްވައިފައި އިންނެވީ ޖެނެރަލްގެ ޔުނީފޯމެވެ. އަދި އޭރު ޑިފެންސް މިނިސްޓަރުގެ ނައިބު އަދި ޑެޕިއުޓީ ކޮމާންޑަރ އިން ޗީފްގެ މަގާމުގައި ހުންނެވި އަންބަރީ އަބްދުއްސައްތާރު ތުރުކުރައްވައިގެން އިންނެވީ ލެފްޓިނެންޓް ޖެނެރަލްގެ ޔުނީފޯމެވެ. އެން.އެސް.އެސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަންބަރީ 2008 ގައި ރިޓަޔަރ ކުރެއްވީ ވެސް އެ ރޭންކުގައެވެ. އެހެންކަމުން ޖެނެރަލް (ރޓ) މައުމޫނާއި ލެފްޓިނެންޓް ޖެނެރަލް (ރޓ) އަންބަރީއަކީ، ދިވެހި ތާރީހުގައި، ސިފައިންގެ އެންމެ މަތީ ދެ ރޭންކު މިހާތަނަށް އަދާކުރެއްވި ހަމައެކަނި ދެ ބޭފުޅުންނަށް ވަނީ ވެފައެވެ. (ނަމަވެސް ޖެނެރަލް (ރޓ) މައުމޫންގެ މޭމަތީގައި އެ ހުރި މެޑަލްތަކަކީ ކޮން މެޑަލްތަކެއް ކަމެއް އަދި ކިހިނެއް ހޯއްދެވި މެޑަލްތަކެއް ކަމެއް ނޭނގެއެވެ.)

ދިވެހި ސިފައިންނަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، 21 އެޕްރީލް 1992ގައި ނަގައިފައިވާ މި ފޮޓޯގައި، އެން.އެސް.އެސްގެ ޖެނެރަލް މައުމޫން އަބްދުލްގައްޔޫމު (ކ) އަދި ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރު -ފޮޓޯ: ގޫގްލް

ޖެނެރަލް (ރޓ) މައުމޫންގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ކޮމާންޑަރ އިން ޗީފްގެ މަގާމު ހަތަރު ބޭފުޅަކު ވަނީ އަދާކުރައްވައިފައެވެ. އެއީ މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ހަސަނާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކު ޖެނެރަލްގެ ޔުނީފޯމެއް ތުރުނުކުރައްވައެވެ. (ކޮމާންޑަރ އިން ޗީފަކީ އެއްވެސް ރޭންކެއްގެ ބޭފުޅެއް ކަމަކަށް އެއްވެސް ގާނޫނަކު ނެތެވެ.)

ރައީސް މުހައްމަދު އަމީން ދީދީ

ނަމަވެސް، ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ، ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަގާމާއި ބޮޑު ވަޒީރުގެ މަގާމާއި ގައުމުގެ ރައީސްކަމުގެ މަގާމުގެ ހުވާ 1953 ގައި ކުރެއްވީ ވެސް އަދި ބައެއް ރަސްމީޔާތުތަކުގައި ތުރުކުރެއްވީ ވެސް މިލިޓަރީ ޔުނީފޯމެވެ. ނަމަވެސް އެއީ ކޮން ރޭންކެއްގެ ޔުނީފޯމެއް ކަމެއް ކަށަވަރެއް ނުވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް

މިހާރު ބޭފުޅަކު ހުންނެވި އެމްއެންޑީއެފްގެ އެންމެ މަތީ ރޭންކަކީ މޭޖަރ ޖެނެރަލްއެވެ. އެ މަގާމުގައި ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލެވެ. ޝަމާލްގެ އިތުރުން އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލްގެ މަގާމު މިހާތަނަށް ފުރުއްވައިފައި ވަނީ ކުރީގެ ތިން ޗީފް އޮފް ޑިފެންސް ފޯސް ކަމުގައިވާ ޓޫޓޫ މުހައްމަދު ޒާހިރާއި މޫސާ އަލީ ޖަލީލާއި އަހުމަދު ޝިޔާމެވެ. އަދި ސިފައިންނާއި ފުލުހުން އެކުގައި އޮތް އިރު (ސިފައިންނާއި ފުލުހުން ވަކިކުރީ 2004ގައި) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި އާދަމް ޒާހިރު ހުންނެވީ ވެސް އަދި ރިޓަޔަރ ކުރެއްވީ ވެސް މޭޖަރ ޖެނެރަލްގެ ރޭންކުގައެވެ.

އެމްއެންޑީއެފްގެ، ތާރީހީ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ފަސް ބޭފުޅަކު އައްޔަން ކުރައްވައި އެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. މި ފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކު އުފެއްދީ އެމްއެންޑީއެފްގެ ރޭންކުތަކުގެ އޮނިގަނޑަށް 26 ޖުލައި 2011 ގައި ގެނައި ބަދަލުގެ ތެރޭގައެވެ. ޗީފް ވޮރަންޓް އޮފިސަރ މިއީ ވޮރަންޓް އޮފިސަރުންގެ ތެރެއިން އެންމެ މަތީ ރޭންކެވެ.

ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ހަމަޖެއްސެވި މި ފަސް ބޭފުޅުން ވެސް މީގެ ކުރިން ތިއްބެވީ ވޮރަންޓް އޮފިސަރ 4 ގެ މަޤާމުގައެވެ.

ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ހަމަޖެއްސެވި ބޭފުޅުން:

  1. ޗީފް ވޮރަންޓް އޮފިސަރ ޝާހިދު މުޙައްމަދު (މިލިޓަރީ އިންޖިނިއަރސް/ ސަރވިސް ކޯ)
  2. ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމު (ކޯސްޓްގާޑް)
  3. ޗީފް ވޮރަންޓް އޮފިސަރ އާމިނަތު ޢަލީ (މިލިޓަރީ އިންޖިނިއަރސް/ ސަރވިސް ކޯ)
  4. ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ޝިހާދު (އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް/ ސަރވިސް ކޯ)
  5. ޗީފް ވޮރަންޓް އޮފިސަރ އިބްރާހީމް ޢުމަރު (އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް/ ސަރވިސް ކޯ)
ޗީފް ވޮރަންޓް އޮފިސަރ ޝާހިދު މުޙައްމަދަށް މަގާމުގެ ކުރިއެރުން ދެއްވަނީ…
ޗީފް ވޮރަންޓް އޮފިސަރ އާމިނަތު ޢަލީ އަށް މަގާމުގެ ކުރިއެރުން ދެއްވަނީ…
ޗީފް ވޮރަންޓް އޮފިސަރ އިބްރާހީމް ޢުމަރަށް ރޭންކް ދެއްވަނީ…

މަޤާމުގެ ކުރިއެރުން ހަވާލުކުރުމުގެ ރަސްމީޔާތުގައި މި ފަސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓަރ މާރިޔާ އާއި އެމް.އެން.ޑީ.އެފްގެ ވެރިން މަރުހަބާ ވިދާޅުވި ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ މި މުވައްސަސާގައި ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި މި ފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.

އިއްޔެގެ މި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *