...

Support Us

ވާހަކަ: ކަޅު ހިޔަނި- 3

"ޔަނާ…" ކުއްލިއަކަށް ދެތިން ފޫޓް ދުރުން ވިދުވަރެއްހާ ގަދަޔަށް އަލިވެގެން ދިޔުމާއެކު އޭނައަށް ފެނުނީ އެ ހުދު އަލީގެ ތެރެއިން ނާއިކް ހިނިތުންވެފައި ހުއްޓައެވެ. މިފަހަރު އެ ލޮލުގައިވާ ފެހިކުލަ އެނގޭހާ ވިއެވެ. ނާއިކް މިފަހަރުވެސް ފެނުނީ ފެންގަނޑެއްގެ ތެރެއިން ފެންނަހެންނެވެ. ފައިން ތިރީބައި ވަނީ ދުންގަނޑެއްގެ ތެރޭގައި ފޮރުވިފައެވެ.

"ނާއިކް…. އަހަރެން… މިއައީ… ޖޭމު… ބިންނަން… މިހާރު އެނގިއްޖެ ތީ އިންސާނެއް ނޫންކަން… އެކުވެރިވާން ބޭނުން… އެކަމަކު… ނާއިކް… ނުބަޔެއް ނަހަދާނަންތަ؟.." ޔަނާ ނާއިކްއަށް ޝައުގެއް ނެތް ކަމަށް ހެދެންވެގެން ޖޭމުގަހުގެ ގޮތްޕެއް ގާތަށް ދަމާލައިފައި ޖޭމެއް ބިނެވެ.

"އިންސާނުންނަށްވުރެ އަހަރެމެން މާ ތެދުވެރިވާނެ… އެކަމާ ނުވިސްނާ.. ނަމަވެސް މައްސަލައަކީ އަހަރެމެންގެ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ ޔަނާގެ މަންމަމެންނަކަށް ކެތްނުކުރެވޭނަކަން… ދުރުކުރަން މަސައްކަތް ކުރާނެކަން،" ނާއިކްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

"ތިބުނީ ފަންޑިތަ ހަދާނެ ވާހަކަ ދޯ؟ އެންމެންނަށް ސިއްރުން މި ގުޅުން ކުރިއަށް ނުގެންދެވޭނެތަ؟" ޔަނާ ޖޭމު ބިނުން ހުއްޓާލާފައި ސީދާ ނާއިކްގެ ލޮލަށް ބަލާލަމުން އަހާލިއެވެ.

"މަސައްކަތް ކުރެވިދާނެ… އެކަމަކު އިންސާނުން އެހާ ބޮޑާވަނީ ކީއްވެގެން؟ އެހެން ނަސްލެއްގެ ބަޔަކާ ގުޅުމެއް އޮތުމުން މައްސަލައަކަށް ވާންވީ ސަބަބެއް ނޭނގޭ… އެކަމަކު ދެރައީ އިންސާނުން ފަންޑިތަ ހަދައިގެން އަހަރެމެން… އަންދާލަން އުޅޭކަން… ހާދަ ރަހުމެއް ނުހުރޭދޯ؟…" ނާއިކް އަތް ފުރެންދެން ޖޭމު ބިނދެފައި ޔަނާ އަށް ދިއްކޮށްލިއެވެ.

"ޝުކުރިއްޔާ… ނާއިކްގެ އުމުރު ކިހާވަރެއްތަ؟" ޔަނާގެ ހިތް ޝުކުރުން ފުރުނެވެ.

"ތިކަހަލަ ޒާތީ ސުވާލު ކުރީމަ ޔަނާއަށް އޮޅުން އެރުން ނޫންކަމެއް ނުވާނެ… ދެ މީހުން އެއް އުމުރެއް ކަމަށް ވިސްނަމާ ދޯ… އަހަރެން ޔަނާއަށް އަސްލު ސިފައިގައި ފެނުން މީ ޔަންއަށް ކޮށްދެވުނު ވަރަށް ބޮޑު ކަމެއް… އެހެންވެ އެހެން ބައިބައި ތަންކޮޅެއް ސިއްރުވެރި ގޮތަކަށް ބާއްވާލާހިތްވަނީ… އަހަރެންވެސް ޔަން ގާތުން އާއިލީ އެއްވެސް ވާހަކައެއް ނާހާނަން…" ނާއިކް ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ.

"ތިއީ އިންސާފެއް ނޫން… އަހަންނަށް އެނގޭ ނާއިކްއަށް މީހަކު އެއްވެސް ހަގީގަތެއް ކިޔާދޭކަށް ނުޖެހޭނެކަން… ހުރިހާ ކަމެއް އެނގޭނެކަން… ނޫންތަ؟.. އެކަމަކު ނާއިކް އަމިއްލަ ކަންތައް ބޭނުންވެގެން ކިޔާ ނުދެންޏާ ނާހާނަން… އަހަރެމެން އިންސާނުންނަށް އެހެން ދުނިޔެއެއްގެ ކަންތައް މި އޮންނަނީ ގަބޫލުކުރަން ދަތިކަމެއްގެ ގޮތުގައި އަބަދު ހީކުރެވިފައި… ވީއީރު ގަބޫލުކުރަން ދަތި ކަންތައް ނޭނގިފައި އޮތުމުން ބޮޑަށް ހަގީގަތަކާ ވައްތަރުވާނީ… ވިއީރު އެކަންތައް އެހެން ބާއްވާ…" ޔަނާ ކުރިއަށް ފިޔަވަޅެއް އެޅިތަނާ އެތާ އޮތް ނަރުދާގަނޑެއްގައި އަޅައިގަނެފައި އަނގަވަތަށް ވެއްޓެން އުޅުނެވެ.

އެވަގުތު ޔަނާއަށް ބާރުގަދަ އަތެއްގެ އެހީތެރިކަން ލިބި ވެއްޓުމުން ސަލާމަތްވިއެވެ. ނަމަވެސް ޔަނާގެ ކަރުތެރެއިން ނުކުތް ހަޅޭކުގެ އަޑަށް އިޝާވެސް ދުވެފައި އެދިމާލަށް އައެވެ.

"ޔަން… ކިހިނެއްވީތަ؟ އެއްޗެއް ފެނުނީތަ؟" އިޝާ ހުރީ ދެލޯ ތަންމިނަށް ހުޅުވާލައިގެންނެވެ.

"ކަމެއްނުވޭ… ދެން އެންމެނަށް އެއްޗެހި ފެންނާކަށް ނުޖެހެޔޭ… ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފައި ވެއްޓެންދިޔައީމަ ހަޅޭއްލަވައިގަނެވުނީ… ދެންވެސް އިޝާ ހަމަޖެހިބަލަ… މިތާކު ނެތޭ ތިބުނާ ފަދަ ހަންޑިއެއް…" ޔަނާ ހެމުން އައިސް އިޝާގެ މުށް ހުޅުވާފައި ޖޭމުކޮޅެއްލެވިއެވެ.

"ވަރަށް މޮޅޭ ބުނެވިދާނެ… އެކަމަކު ތިހެން އުޅެނިކޮށް ނުބައި އެއްޗެއް އަވަލައިފިއްޔާ ހަށިގަނޑުން ނެރެން އުނދަގޫވާނެ ކަމަށް ކާފަ ބުނޭ…" އިޝާގެ އެފަދަ ވާހަކަތަކުން ޔަނާގެ ހިތުގައި ބިރުވެރިކަމެއް ނުއުފެދެއެވެ. އަވަލުމަކީ ކޮބައިކަމެއް ޔަނާއަކަށް މުޅިން ޔަގީނެއް ނޫނެވެ. ނަމަވެސް އެއީ އިންސާނެއްގެ ފަހަތުން މިފަދަ މަހުލޫގެއް އުޅެންޏާ ބޭނުންކުރާ ލަފުޒަކަށްވެދާނެކަން އެނގެއެވެ.

"އެ އެއްޗިހި ވަންނަނީ ހަށިގަނޑުގެ ތެރެއަށްތަ؟ މަޖާކަމެކޭ ތިއީ…" ޔަނާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އޭނަގެ ދޮންބެމެން ތިބިނަމަ ހާދަ ވަރަކަށް މި ކަންތަކަށް ފާޑުކިޔާ ހަޖޫ ޖެހީހެވެ. އޭނައަށް ނާއިކް ފެންނަ ކަމަށް ބުންޏަސް އެއީ ޔަނާގެ ލޮލުގައި ނޫނީ ސިކުނޑީގައި އުޅޭ މައްސަލައެއް ކަމަށް މާއިޝް ދައުވާކުރާނެއެވެ. ނާއިކްގެ ތަފާތު ސޫރައާއި ހުވަފެނުން އެ ފެންނަ ފެނުމަކީ ކުޅިވަރެއް ނޫނެވެ. އިންސާނުންނަކަށް މިފަދަ ގޮތަކަށް ސިކުނޑިއަށް ކަންތައް ދެއްކުމުގެ ބާރެއް ލިބިގެނެއް ނުވެއެވެ.

އަހަރެން ޔަނާ ކިޔާލަން އެކަމާ ބެހޭގޮތުން ލިޔެފައި އޮތް ފޮތެއް ގެނެސްދޭނަން… ކައިގެން ދަން ނުވަނީސް ގެއަށްދާން ހިނގާ…" ޔަނާ ކުޑަ ގޮތަކަށް ކާލައިގެން އައިގޮތަށް އިޝާގެ ސައިކަލަށް އެރިއެވެ. އިޝާގެ ސައިކަލުގެ ފަހަތު ސީޓަށް ޔަނާ އެރިއިރުވެސް އޭނާ ޝައުގުވެރި ނަޒަރު ގަސްތަކުގެ ކުރިއަށް ދާންދެން ދަތުރުކުރަމުން ދިޔައީ އެންމެ ސޫރައެއް ފެނިލާތޯއެވެ.

"ކޮން ދުވަހަކުން ޔަންގެ ދޮންބެމެން އަންނަނީ؟" އިޝާ ސައިކަލު ދުއްވާލީ ވަލުތެރޭގައިވާ ހަނި ގޯޅިއަކުންނެވެ. ހަނދުވަރުގެ ފަނޑު އަލިކަމުގެ ތެރޭގައި ނިދިން ބަރުވެފައިވާ ގަސްތައް ފެންނަލެއް ޔަނާއަށް ރީތިވިއެވެ.

"އެއީ ކީއްކުރަންތަ؟ ބޭބެމެންވެސް އެހާ ސްމާޓްވާނެ… ހާއްސަކޮށް މާއިޝް…" ޔަނާ މަޖަލަކަށް ހަދާފައި ހީނގަތް ނަމަވެސް އޭނާ ހާމަކުރީ ހަގީގަތެވެ. އޭނަގެ ދޮންބެ މާއިޝްގެ ހުންނަނީ އިޝާ ފަދައިން އަޅި ލޮލެކެވެ. ނަމަވެސް ޒަލަފް ތަފާތެވެ.

"ހޫމް… މަށެއް ނޫޅެމޭ މޮޔަވެގެނެއް… ރީތި ފިރިހެން ކުއްޖެއް ފެންނައިރަށް ކަބިވެގެން އުޅޭ ވައްތަރެއް ނޫނޭ މިއީ…" އިޝާ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީނލިއިރު އޭނާގެ ހިތަށް ކުޑަ ލޮޅުމެއްއެރިއެވެ. އެއީ ސައިކަލު ވަޅުގަނޑަކަށް ޖެހުމުން ނޫނީ މާއިޝްގެ ނަން އަޑުއިވުމުން ވީގޮތެއް ކަމެއް އިޝާއަކަށް ނޭނގެއެވެ.

"ތިކަން… ބަލާނަމޭ…" އިޝާ ސައިކަލު ދުއްވަނީ ނުފަރިތަކޮށެވެ. ކިތަންމެ ފަހަރަކު ގަހެއް ނޫނީ ފާރުގައި ޖެހެންދަނިކޮށް އޭނަ ސަލާމަތްވަނީ ހީވާ ގޮތުން ރޫހާނީ ބާރަކުންނެވެ. އިޝާއަށް އެކަމެއް ނޭނގެއެވެ. އޭނަ ބައެއް ފަހަރު ފުދޭ ވަރަކަށް ބާރަށް ސައިކަލު ދުއްވާލަނީ ޔަނާއަށް ފޮނި ދައްކާލަންވެގެންނެވެ. ސިޓީން އައި ކުއްޖަކަށްވުރެ ރަށްފުށު ކުއްޖަކު ދެރަނުވާކަން އަންގާލާހިތުންނެވެ.

"ބަލާތި… ރަކިވާނީ… ޔަނާ…" ޔަނާ އާއި އިޝާ ކޫސަނި ޒުވާބުގަނޑެއްގައި ގެއާ ހަމަޔަށް ދެވެންދެން ތިއްބެވެ. ޔަނާ އިނީ މަޖާވެފައެވެ. މާއިޝް ގާތު އިޝާގެ ވާހަކަ ކޮންމެހެންވެސް ދައްކަންޖެހޭނެއެވެ. އެންމެ ކުޑަމިނުން ޔަނާއަކަށްވެސް އޭނަގެ ބޭބެމެން ރަނގަޅަށް ދަސްވެފައެއް ނެތެވެ. ނަމަވެސް އެކުދިން ދެމެދުގައި އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން އޮންނަލެއް ވަރުގަދަވެފައި އންތިހާއަށް ލޯބިވެއެވެ.

ޔަނާ ގެއަށް ވަންއިރު މަންމަ ނަޒީރާ އޮތީ ސޯފާގައި ފޮތެއް ހިފައިގެން ނިދިފައެވެ. ޔަނާ ގޮވާލުމުން ނަޒީރާ ސިހިފައި ތެދުވެ އައިނު ރަނގަޅުކޮށްލާފައި އަނެއްކާ ފޮތުގެ ތެރެއަށް ގެއްލުމުން ޔަނާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ޔަނާ ހުރީ ހެދުން ބަދަލުކުރަން ނުކެރިފައެވެ. އޭނައަށް ހީވަނީ ނާއިކް ފެނިދާނެހެންނެވެ. ނާއިކް އަކީ އެހެން ޒުވާނުންނާ ތަފާތު ކަމެއް ލިބިފައިވާ ބާރުގަދަ ފަރާތެކެވެ.

"ޔަން… ކޮންކަމަކާ ތި ވިސްނަނީ؟…" ކުއްލިއަކަށް ނާއިކް ދޮރުމަތިން ފެނުމުން ޔަނާ ކުޑަކޮށް ސިހުނެވެ. އޭނައަށް ޝައްކުކުރެވުނީ ރަނގަޅަށެވެ.

"ހިތަށް އެރީ ނާއިކް ހުއްދަ ނުހޯދާ ކޮޓަރިއަށް ވަންނަނީ ކީއްވެހޭ؟" ޔަނާ ލާނެތް ހިނިތުންވުމަކާއެކު އެހެން ބުނަމުން އޭނަގެ އިސްތަށިގަނޑުގައި ފުނާ އަޅަންފެށިިއެވެ.

"އާވް… ޔަން ނުރުހެނީތަ؟" ނާއިކްގެ މޫނު ކުލަ ފަނޑުވެގެން ދިޔައެވެ. ނާއިކް ހީވަނީ ވައިގެތެރެއަށް ގެއްލިގެން ހިިނގައިދާނެހެންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.