އިސްރާއީލުގެ ސުޕްރީމު ކޯޓުގެ އިޚްތީޞާޞުތައް ހަނިކުރުމަށާއި ޤާޟީން އިސްކުރުމުގައި ފަހުބަސް ބުނާ ފަރާތަކީ ސަރުކާރުކަމަށް ހަދާ ބިލް ވަގުތީގޮތުން ކުރިއަށް ގެންދިޔުން ހުއްޓައިލެއްވުމަށް ބޮޑުވަޒީރު ނަތަންޔާހޫ ނިންމެވި ނަމަވެސް އެ ބިލާ ދެކޮޅަށް އިސްރާއީލުގެ އިދިކޮޅު ފަރާތްތަކާއި ޢާންމު ރައްޔިތުން ފަށައިފައިވާ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެފިއެވެ. އެ ފަރާތްތައް ބުނާގޮތުގައި މި ބިލް ބަރްލަމާނުން ބޭރުކޮށްލަންދެން މި މުޒާހަރާތައް ކުރިއަށް ގެންދެވޭނެއެވެ.
ރޭގެ ވަގުތެއްގައި ބޮޑުވަޒީރު ދެއްވި ޓީވީ ޚިޠާބެއްގައި މި ބިލް ގަނޑުކޮށްފައި ބޭއްވުމަށް ސަރުކާރުން ނިންމައިފި ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން މި ވަގުތަށް ބިލް ކުރިއަށް ގެންދިޔުން ގަނޑުކުރަން ނިންމީ ޤައުމު ބައިބައިވުން ހުއްޓުވުމަށް ޓަކައެވެ.
އެހެނަސް މިއަދުވެސް މުޒާހަރާތައް ކުރިއަށް ދިޔައެވެ. އެމީހުން ބުނާގޮތުގައި ބިލް ނަގައި އުވާލަންދެން މުޒާހަރާތައް ކުރިއަށް ދާނެއެވެ.
ބޮޑެތި ގަޑުބަޑުތައް
ހާއާރްތިސް ދުވަހުނޫސް ބުނާގޮތުގައި މުޒާހަރާގެ ބައިވެރީން މިއަދު ވެސް ނުކުމެފައި ވަނީ ތައްލު އަބީބުގެ އަޔާލޫން ބޮޑު މަގަށެވެ. އެމީހުން އެ މަގު ބަންދުކޮށް ދުއްވާ އެއްޗެހި ހުއްޓުވިއެވެ. މިމުޒާހަރާތައް ރޫޅައިލުމަށް ޓަކައި ފުލުހުން ތަފާތު ވަސީލަތްތައް ބޭނުންކުރިއެވެ. އޭގެތެރޭގައި އަސްމަތީ ފުލުހުން ނުކުތުމާއި އަޑު ބޮން ބޭނުންކުރުމާއި ކުނިފެން ބޭނުންކުރުން ވެއެވެ. މުޒާހަރާގެ ބައިވެރީން ފުލުހުންނާ ދިމާއަށް ބިއްލޫރި ފުޅިތައް އުކުމުގެ ސަބަބުން ފުލުހުންގެ ދެމީހަކު ޒަޚަމުވިއެވެ.
ބަދީޢޫތު އަޙްރަނޫތު ދުވަހުނޫސް ބުނާގޮތުގައި ރޭގެ މުޒާހަރާގެ ތެރޭގައި 33 މީހަކު ހައްޔަރުކުރިއެވެ.
ޗެނެލް 12 ގައި މުޒާހަރާގެ ބައިވެރިއަކު ބުނިގޮތުގައި ފުލުހުން ދަނީ ކުނިފެން ބޭނުންކުރަމުންނެވެ. އަދި ފުލުހުން އަސްމަތީގައި އައިސް މުޒާހަރާގެ ބައިވެރީންގެ ތެރެއަށް ވަންނަމުންދަނީ ގަދަކަމުންނެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކު ބިން މައްޗަށް ވެއްޓި ފައިދަށުވިއެވެ.
އަނެއްކޮޅުން އިދިކޮޅު ޒަޢީމު ޔާއީރު ލެޕިޑް ވިދާޅުވާ ގޮތުގައި ކަނޑައެޅިފައިވާ ގިއުގަނޑެއްގެ ތެރޭގައި އޭނާ ހުންނެވީ ވާހަކަފުޅު ދައްކަވަން ތައްޔާރަށެވެ. އޭނާ އިންޒާރުކުރެއްވި ގޮތުގައި "ނަތަންޔާހޫގެ އާދަފުޅާ އެއްގޮތަށް މަކަރު ހައްދަވައިފިނަމަ އެތައް ލައްކަ ބަޔަކު މަގުމައްޗަށް އަލުން ނުކުންނާނެކަން ހަނދުމަފުޅު ބަހައްޓަވަން ވާނެއެވެ."
ބައިބައިވުން ވަރަށް ބޮޑު
އިސްރާއީލުގެ ސިފައިންގެ ތެރޭގައި ވެސް ނުކިޔަމަންތެރީން ފެންނަމުންދާތީ އިސްރާއީލުގެ ޗީފް އޮފް ސްޓާފް ހާލޭވީ އިސްރާއީލުގެ ސިފައިންނަށް އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބުމަށް މިއަދު ގޮވައިލެއްވިއެވެ. މުޖްތަމަޢު ބައިބަވެފައިވާ ވަގުތެއްގައި ޒިންމާދާރުކަމާއެކު ތަޞައްރުފު ކުރުމަށް އޭނާ ސިފައިންނަށް ގޮވައިލެއްވިއެވެ. ސިފައިންގެ ތެރޭގައި ބަސްނޭހުމުގެ ޢަމަލުތައް ފެށުނީ ދިފާޢީ ވަޒީރު ގެލެންޓް މަޤާމުން ވަކިކުރުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ބަރްލަމާނުގެ އަމްނާބެހޭ ކޮމެޓީގެ މުޤައްރިރު ވަކިކޮށްފައިވާ ދިފާޢީ ވަޒީރު ގެލެންޓަށް އަލުން ވަޒީރުކަން ދިނުމަށް ގޮވައިލެއްވިއެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ ޤަޟާއީ އިސްލާޙީ ބިލާ ދެކޮޅު ހެދުމަށް ޓަކައި އިސްރާއީލުގެ ތަފާތު ދާއިރާތަކުން އިއްޔެ ވަނީ ހަޅުތާލުތައް ފަށައިފައެވެ. އޭގެތެރޭގައި މަސައްކަތު މީހުންނާއި ޑަކްޓަރުންނާއި ޔުނިވަރސިޓީތައް ހިމެނެއެވެ.



advertisment