ރަޝިޔާގެ ދެމިއޮތުމަށް ބިރެއް ކުރިމަތިކޮށްފިނަމަ އެމެރިކާ ފަދަ ކޮންމެ ދުޝްމަނަކު ވިޔަސް ފުނޑުފުނޑުކޮށްލުމުގެ ބާރު ހުރި ހަތިޔާރު ރަޝިޔާ އަތުގައި އެބަހުރި ކަމަށް ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޑިރެކްޓަރު ނިކޮލައި ޕެޓްރޮޝޭވް ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ. ރޭ އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި އެމެރިކާއިން ދަނީ ރަޝިޔާގެ ނިޔުކްލިއަރ ބާރުގެ އަގުވައްޓައިލަމުންނެވެ.
މިއީ މޮސްކޯގެ އިސް މަސްއޫލުވެރިއަކު ނިޔުކްލިއަރ ބޮޑު ދެ ބާރުގެ ދެމެދުގައި ކުރިމަތިލުމަކަށް ހިނގައިދާނެކަމާ ބެހޭގޮތުން ދެއްވި އެންމެ ފަހު ބަޔާނެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން އެފަދަ ކުރިމަތިލުމަކާ އެއްކިބާވެވޭތޯ މަސައްކަތް ކުރާނެއެވެ.
ޕެޓްރޮޝޭވް މި ބަޔާން ދެއްވީ ރަޝިޔާގެ ރަސްމީ ނޫހެއްކަމުގައިވާ ރުސިސްކާޔާ ގެޒެޓާ އަށެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ ސިޔާސީ އިސްވާރުން ޤަބޫލު ކުރައްވާ ގޮތުގައި ރަޝިޔާއާއެކު ސީދާ ކުރިމަތިލުމަކަށް ހިނގައްޖެނަމަ ރައްކައުތެރިކަމުގެ މިސައިލް ޙަމަލާއެއް ވޮޝިންގްޓަނުން ދޭނެއެވެ. މި ޙަމަލާގެ ސަބަބުން ރަޝިޔާގެ ރައްދު ދިނުމުގެ ބާރު ނެތިގެންދާނެއެވެ. މިއީ ދުރުވިސްނުން ނެތްކަން އެނގޭ ވާހަކައެކެވެ. މިއީ ވަރަށް ނުރައްކާތެރި ވާހަކައެކެވެ."
އޭނާ ވިދާޅުވިއެވެ. "ރަޝިޔާއަކީ ވަރަށް ކެތްތެރި ޤައުމެކެވެ. އެ ޤައުމުގެ ޢަސްކަރީ ޤާބިލުކަމުން އެހެން ބަޔަކަށް ބިރެއް ނުދައްކާނެއެވެ. ރަޝިޔާ އަތުގައި ވަރަށް ނާދިރު ވަރަށް ޒަމާނީ ބާރުގަދަ ހަތިޔާރު އެބަ ހުށްޓެވެ. ރަޝިޔާގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިކުރާ ކޮންމެ ދުޝްމަނަކު އެއީ އެމެރިކާ ކަމުގައި ވިޔަސް ފުނޑުފުނޑުކޮށްލުމަށް އެ ހަތިޔާރުތައް ފުދި އިތުރުވެގެން ވެއެވެ."
ރަޝިޔާ ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ހިންގަމުންދާ ޢަސްކަރީ ޚާއްޞަ މަސައްކަތަކީ ކިޔީވް ނޭޓޯއާ ގާތްވަމުން ދިޔުމުގެ ސަބަބުން ރަޝިޔާއާ ކުރިމަތިވި ޙަޤީޤީ ސަލާމަތީ ބިރު ނައްތައިލުމަށް އެޅި ފިޔަވަޅެކެވެ. ކިޔީވްގެ ފަހަތުގައި މިއަދު ސީދާކޮށް އޮތީ އެމެރިކާއެވެ.
ރައީސް ޕޫޓިން މި މަހު 25 ވަނަ ދުވަހު ހާމަކުރެއްވި ގޮތުގައި އަވަށްޓެރި ބިލޫރޫސިޔާގައި ރަޝިޔާއިން ފަންނީ ނިޔުކްލިއަރ ހަތިޔާރު ބަހައްޓާނެއެވެ. މިއީ ރަޝިޔާ ބުނާގޮތުގައި ނޭޓޯއަށް ފޮނުވި މެސެޖެކެވެ.
ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ވިދާޅުވާ ގޮތުގައި ހުޅަނގުން ދަނީ ހަނގުރާމައިގެ ހުޅުގަނޑު ވަރުގަދަކުރަމުންނެވެ. އޭނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ރޫސީ ރައީސް ޕޫޓިން ހައްޔަރުކުރުމަށް އަމުރު ނެރުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި "އެއީ ނިޔުކްލިއަރ ހަނގުރާމައެއް އިޢުލާން ކުރުން ފަދަ" ކަމެކެވެ. އޭނާ ވިދާޅުވިއެވެ. "މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނަސް އެއީ ކުރެވިދާނެކަމެއް ކަމަށް ބަލަމާ ހިނގާށެވެ. ރޫސީ ރައީސް ޕޫޓިން ޖަރްމަނަށް ވަޑައިގަތީކަމަށް ބަލަމާ ހިނގަށެވެ! ބަރލިނުން ޕުޓިން ހައްޔަރު ކުރީއެވެ. މިއީ ރަޝީޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ނޫން ހެއްޔެވެ؟ މި ޙާލަތުގައި އަހުރެމެންގެ ހުރިހާ ވަސީލަތްތަކަކުން ޖަރްމަނުގެ ބޮންޑެސްޓޭޖަށާއި ޖަރްމަނުގެ މުސްތަޝާރުގެ އޮފީސްފަދަ މުހިއްމު ތަންތަނަށް ޙަމަލާދޭނަމެވެ."



advertisment