...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

މަތީގައި އެ ފެންނަނީ އިސްޕޭނުގެ ވެރިރަށް މެޑުރީޑުގެ ދާރުލްއާސާރެއްގައި ބަހައްޓައިފައިވާ ތިމްސާލެކެވެ. ބިންވަޅު ނަގައި ކޮށައި މަށައިގެން ހަދައިފައިވާ ބުދެކެވެ. މި ތިމްސާލު ހެދީ އިސްޕޭނުގެ ފަންނާނެއް ކަމުގައިވާ އިޔޫޖީނިޔޫ މެރީނޯއެވެ.

މި ތިމްސާލަށް އޭނާ ދީފައިވާ ނަމަކީ 'އާސްމާނަށް އޮތް ހަރުފަތްތަކެއް' މިއެވެ. މިއިން ދޭހަވަނީ އެ ތިމްސާލުގައި ތަމްސީލުކުރެވިފައިވާ ދީންތައް މެދުވެރިކޮށް އިލާހުވަންތަ ފަރާތާ ގުޅުން އުފެއްދުމުގެ ވާހަކައެވެ. ކޮންމެ ދީނެއްގެ މީހުން ވެސް، އެ ދީނުގެ ދީނީ ޝިއާރުތައް މެދުވެރިކޮށް، އިލާހުވަންތަ ފަރާތާ ކުއްތަންވެ، އެފަރާތާ ގުޅުން އުފައްދެމުގެ ވާހަކައެވެ. ކޮންމެ ދީނެއް ވެސް މަސައްކަތް ކުރަނީ މި މަގުސަދު ހާސިލުކުރުމަށެވެ. އަދި، އެކަމުގެ ތެރެއިން އަމިއްލަ ނަފްސު އިސްލާހު ކުރުމަށެވެ. އާދެ، ކޮންމެ ދީނަކީ ވެސް، މެރިނޯގެ ނަޒަރުގައި، އާސްމާނަށް، އިލާހުވަންތަ ފަރާތަށް، ވާސިލުވުމަށްޓަކައި އޮތް ހަރުފަތެކެވެ. މަގެކެވެ.

ކޮންމެއަކަސް މި ތިމްސާލާ ބެހޭ ގޮތުން ބަޔަކު ޝަކުވާއެއް އުފުލި ކަމަށް ވެއެވެ. އެ މީހުންގެ ޝަކުވާއަކީ، މީގައި ފޮރުވިފައި އެހެން މާނައެއް ވެސް އޮތް ކަމެވެ. އެއީ އެބަޔަކު ދުށް ގޮތުގައި މުސްލިމު މީހާ ސަޖިދައަށް ގޮސް އެ އޮތީ ނިދާފައެވެ. ނަމަވެސް، އޭނާ ހޭލައި ތެދުވުމުން، އޭނާގެ ގައިމަތީގައި ތިބި އެންމެން ވެއްޓޭނޭ ކަމެވެ!

ސުއާލަކީ ނިދާފައި ތިބި މުސްލިމުން ހޭލާނެ ބާވައެވެ؟ ހޭލައިގެން ތެދުވާނެ ބާވައެވެ؟ ވަރަށް ވެސް މުހިއްމު ސުއާލެކެވެ! މި ސުއާލުގެ ތަފްސީލު ޖަވާބެއް މިތާ ނުލިޔެ، އެކަން ކިޔުންތެރިންގެ ޚިޔާލާއި ފިކުރަށް ދޫކޮށްލަމެވެ. ނަމަވެސް، އެއްވާހަކަ ބުނެލާ ނަމެވެ. މި ސުއާލުގެ ޖަވާބުގެ ފެށުމެއް މީގެ ސަތޭކައެއްހާ އަހަރު ކުރިން އައްލާމާ އިޤްބާލުގެ "އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން" މި ފޮތުގައި ލިޔެވިފައި ވެއެވެ. އަދި އެ ފޮތް ލިޔެވުނުތާ ބައި ގަރުނެއްހާ ފަހުން، ފުރޮފެސަރ ފ. ރަހުމާނު ލިޔުއްވި "އިސްލާމް ދީނާއި އަސްރާނިއްޔަތު – ޒިހުނިއްޔަތުގެ ތަރިކައެއް އަލުން އާކޮށް ބަދަލުކުރުން" މި ފޮތުގައި، އެކަން ކުރެވިދާނެ ގޮތް، ކޮންމެވެސް ވަރެއްގެ ތަފްސީލަކާއެކު ބަޔާންކޮށް ލިޔެފައި ވެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.