އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އޭނާގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް މަޤާމުން ވަކިކުރެއްވުމުން އިސްރާއީލީން ރޭ ތައްލު އަބީބާއި ޤުދުސުގެ މަގުމައްޗަށް ނުކުމެ ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ. ނަތަންޔާހޫ އޭނާގެ ދިފާޢީ ވަޒީރު ވަކިކުރެއްވީ އޭނާ ގެންނަވަން މަސައްކަތް ކުރައްވާ ޤަޟާއީ އިންޤިލާބުގެ ބިލާ ފާޅުގައި ދެކޮޅު ހެއްދެވުމުންނެވެ.
ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫސް ބުނިގޮތުގައި ރޭ އެތައް ލައްކަ ބަޔަކު ތައްލު އަބީބުގެ އަޔާލޫން މަގުމައްޗަށް ނުކުމެ ގެލެންޓް މަޤާމުން ވަކިކުރުމުންނާއި ޤަޟާއީ އިންޤިލާބީ ބިލާ ދެކޮޅު ހެދުމަށް މުޒާހަރާތައް ބޭއްވިއެވެ.
މުޒާހަރާ ކުރިމީހުން ހަރުއަޑުން ގޮވައިލިއެވެ. "އޭ ބޭބީ އެވެ. ކަލޭ ބޭނުން ކަމެއް ކުރާށެވެ. އަހުރެމެން ވެސް ބޭނުން ކަމެއް ކުރާނަމެވެ." ރޭގެ މުޒާހަރާގައި ތިން ލައްކައަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މި ނޫސް ބުންޏެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ ގެ ޙިމާޔަތް ކުރުމަށް ޓަކައި ފުލުހުން ބަހައްޓާއިފައި ހުރި ދަގަނޑު ހުރަސްތައް ގިރާކޮށް މުޒާހަރާގެ ބައިވެރިން އެ ގެ ކައިރިއަށް ދިޔައެވެ.
ފުލުހުންނަށް ކޮންޓްރޯލެއް ނުކުރެވުނު
މުޒާހަރާއާ ބެހޭގޮތުން ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަހަރުގެ އެކި ހިސާބުތަކުގައި މުޒާހަރާކުރި މީހުން ގިނަކަމުން އަދި ފުލުހުންގެ ބަސްނޭހުމުގެ ސަބަބުން ފުލުހުންނަށް ރޭ ވަނީ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވިފައެވެ.
އިސްރާއީލުގެ ހާއާރތިސް ދުވަހު ނޫސް ބުނިގޮތުގައި ފުލުހުންގެ ވެރިއަކު އެއްބަސްވެވަޑައިގެންނެވި ގޮތުގައި ރޭ މުޒާހަރާ ކުރިމީހުން ވަނީ ފުލުހުންގެ ކޮންޓްރޯލުން ބޭރަށް ނުކުމެފައެވެ.
ފުލުހުންގެ އޮފިސަރަކު ވިދާޅުވިއެވެ. "މަގުމަތީގައި ހިނގަމުންދާ ކަންތައްތަކަކީ މޮޔަކަންތައްތަކެކެވެ. ފެން ހޮޅިން ކުނި ފެން ޖަހައިގެން އެމީހުން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ހީކުރުމަކީ އަދި އެއަށްވުރެ މޮޔަކަމެކެވެ. އަހުރެމެންނަށް މުޒާހަރާ މައިތިރިއެއް ނުކުރެވުނެވެ."
ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް މަޤާމުން ވަކިކުރުމާ ވިދިގެން ތައްލު އަބީބުގެ މައި މަގުތަކަށް މުޒާހަރާ ކުރާ މީހުން ނުކުތީ ލައްކައިންލައްކައިން ކަމަށް ބަދީޢޫތު އަޙްރަނޫތު ނޫސް ބުންޏެވެ. އެމީހުން އަޔާލޫން މަގު ފުރައިލިއެވެ.
އިސްތިޢުފާތަކާއި ހަޅުތާލުތައް
ނަތަންޔާހޫ އޭނާގެ ދިފާޢީ ވަޒީރު ވަކިކުރެއްވުމާ ވިދިގެން އެކަމަށް ދެކޮޅުހެއްދެވުމުގެ ގޮތުން ނިވްޔޯރކްގައި ހުންނަވާ އިސްރާއީލުގެ ޢާންމު ކޮންސަލް ރޭ ވަނީ އިސްތިޢުފާ ދެއްވައިފައެވެ. ޢާންމު ކޮންސަލް އާސާފު ޒަމީރު އޭނާގެ ޓުވިޓަރުގައި ލިޔުއްވިއެވެ. "މި ސަރުކާރު މަށަށް ތަމްސީލެއް ނުކޮށް ދެވޭނެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެންގެ ވާޖިބަކަށް ހަދަން ޖެހެނީ އިސްރާއީލު ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ."
މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން އިސްރާއީލުގެ ލޭބަރ ޔުނިއަންގެ ރައީސް އަރްނޫން ބާރު ޑޭވިޑް ހާމަކުރެއްވި ގޮތުގައި އޭނާ މިއަދު ވަރަށް "ޑްރެމެޓިކް ބަޔާނެއް" ދެއްވާނެއެވެ. "ނަތަންޔާހޫ އޭނާގެ ޤަޟާއީ އިންޤިލާބާ ބެހޭ ބިލް ވަގުތުން ހުއްޓައިނުލައްވައިފިނަމަ އިސްރާއީލުގެ މުޅި އިޤްތިޞާދު ހުއްޓުވައިލާނަމެވެ. މި ދާއިރާގެ ހުރިހާ ވެރީންނާއެކު މަޝްވަރާކުރެއްވުމަށްފަހު ނަތަންޔާހޫއާ ދެކޮޅަށް ފިޔަވަޅު އަޅާނަމެވެ."
ނަތަންޔާހޫގެ ޤަޟާއީ އިންޤިލާބާ ބެހޭ ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގެ ޔުނިވަރސިޓީތައް މިއަދުން ފެށިގެން ބައްދަލު ކުރެވޭނެ ކަމަށް އެ ޔުނިވަރސިޓީތަކުގެ ރައީސުން ރޭ ވިދާޅުވިކަން ވެސް ފާހަގަކުރެވެއެވެ. މި ޔުނިވަރސިޓީތަކުގެ ރައީސުން ނަތަންޔާހޫއަށް މި ބިލް ފާސްކުރުމުގެ މަސައްކަތް ވަގުތުން ހުއްޓަވައިލެއްވުމަށް ގޮވައިލެއްވިއެވެ.
އިސްރާއީލުގެ ރައީސް ވެސް ރޭ ވަނީ ނަތަންޔާހޫއަށް މި ބިލާމެދު އަލުން ވިސްނެވުމަށް ގޮވައިލައްވައިފައެވެ.
މި ބިލާ ދެކޮޅަށް އިސްރާއީލުގައި ކޮންމެ ހޮނިހިރު ދުވަހަކު މުޒާހަރާތައް ބާއްވަމުންދާތާ 12 ހަފުތާ ވެއްޖެއެވެ. މި ބިލް ޤާނޫނަކަށް ވެއްޖެނަމަ ސުޕްރީމު ކޯޓުގެ ބާރު ކެނޑިގެންދާނެއެވެ. ބަރްލަމާނުން ފާސްކުރާ އެއްވެސް ބިލެއް ބާޠިލުކުރުމުގެ ބާރު ސުޕްރީމު ކޯޓަކަށް ނޯންނާނެއެވެ. މީގެ އިތުރަށް ޤާޟީ ޢައްޔަން ކުރުމުގައި ފަހު ބަސް ބުނާ ފަރާތަކަށް ވާނީ ސަރުކާރެވެ.
އިސްރާއީލުގެ ރަސްމީ ރޭޑިއޯ ދެންމެއަކު ބުނިގޮތުގައި ނަތަންޔާހޫ އޭނާގެ ކެބިނެޓާއެކު މަޝްވަރާކުރެއްވުމަށް ފަހު މި ބިލް ކުރިއަށް ގެންދިޔުން ވަގުތީގޮތުން ހުއްޓަވައި ލައްވައިފައެވެ.



advertisment