Support Us

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ގިނަ ދުވަހަކު އެކުގައި އުޅުނަސް މަކަރުވެރިން ދަހެއް ނުކުރެވޭނެ!

އަޅުގަނޑު މަސައްކަތްކުރަމުން އައީ މާލޭގެ ކޮލެޖެއްގައެވެ. އެކޮލެޖުން ރާއްޖެތެރޭގައި ހިންގާ ކޯސްތަކާ ގުޅިގެން ވަރަށް ގިނައިން ދަތުރުތައް ކުރަން ޖެހެއެވެ. އެގޮތުން ކުޅުދުއްފުށްޓަށް ދަތުރަކުދާން ފުރަން އޮތް ދުވަހެކެވެ. ހަނިމާދޫއަށް ދާން އޮތް ފްލައިޓް ޑިލޭވަމުން ގޮސް އެންމެފަހުން ކެންސަލްވީއެވެ. ޖެހުނީ އެނބުރި މާލެދާށެވެ.

ދަތުރުކުރުމަކީ ޢާންމު ކަމަކަށްވާތީ ފިރިމީހާވެސް ހެނދުނު އޮފީހަށް ދިއައީއެވެ. ފްލައިޓް ލަސްވަމުންދިއައިރު އަޅުގަނޑެއްވެސް ނުގުޅަމެވެ. ފިރިމީހާއެއްވެސް ނުގުޅައެވެ. އެހެންކަމުން ދަތުރުގެ އެއްވެސް ވާހަކައެއް އޮތީ ނުދެކެވިއެވެ.

ފްލައިޓް ކެންސަލްވުމުން ފެރީގައި މާލެ އައިސް ގެއަށްދާން ޓެކްސީއަށް އެރިތަނާ ނުބައި ޒާތެއްގެ އިޙްޞާޞްތަކެއް ކުރެވެން ފެށިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އަޅުގަނޑަކީ ދުވަހަކުވެސް ފިރިމީހާއަށް އެއްވެސް ބާވަތެއްގެ ޝައްކެއް ކުރި މީހެއް ނޫނެވެ. ނަމަވެސް ވިސްނުން ބުނަނީ ގެއިން ހިތް ނުއެދޭ ކަންތައްތަކެއް ފެންނާނެ ކަމަށެވެ. ކޮންމެއަކަސް ފިކުރު ބޮޑުވުމުން ދެތިން ފަހަރު ފެންފޮދެއްވެސް ބުއީމެވެ.

ޓެކްސީ މަޑުކުރީ ގެއާ ތަންކޮޅެއް ދުރަށެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ގޮސް ވަރަށް ސިއްރުން ގެއަށްވަނީމެވެ. ދަބަސް ސިޓިންގރޫމްގައި ބަހައްޓާފައި މަޑުމަޑުންގޮސް ނިދާކޮޓަރީގެ ދޮރުގައި ކަންފަތްޖެހީމެވެ.

ދެމީހަކު ވާހަކަ ދައްކާ އަޑު އިވޭހެން ހީވިއެވެ. ނަމަވެސް އަޑު މަޑުކަމުން ކިޔާއެއްޗެއް ސާފެއް ނުވިއެވެ. އިރުކޮޅަކު ހުރެފައި ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަށް ވަރަށް މަޑުމަޑުން ދޮރުހުޅުވާފައި ވަދެ ދޮރު ފޮތިގަނޑުގެ ބިއްދޮށުގައި ފިލީމެވެ. އެއިރު ކޮޓަރިތެރޭގައި މީހަކު ނެތެވެ. ދެމީހުން ތިބީ ބެލްކަނީގައެވެ.

ކޮޓަރިއަށް ވަދެވުމުން ދެމީހުން ދައްކާ ވާހަކަ ސާފުކޮށް އަޑުއިވެން ފަށައިފިއެވެ. ފިރިމީހާ ބުނަމުން ގެންދިޔައީ އަޅުގަނޑުގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތް ކަމަށެވެ. އޭނާއަށް އަޅައިނުލާ ކަމަށެވެ. ދިރިއުޅެނީ ހުރިހާ ކަމެއް އަމިއްލައަށް ކޮށްގެން ކަމަށެވެ. އަޅުގަނޑު ވަރިކޮށް އެހެން އަންހެނަކާ ކައިވެނިކުރަން ނިންމަން ޖެހުނީ އެފަދަ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

މި ބާވަތުގެ ވާހަކަތަކަކީ މަޅީގައި އެހެން އަންހެނަކު ޖައްސުވަން ބޭނުންވުމުން ހުރިހާ ފިރިހެނުންވެސް ދައްކައި އުޅޭ ޒާތުގެ ވާހަކަތަކަކަށް ވާތީ އެހައި ދެރައެއް ނުވަމެވެ. ނަމަވެސް ވަރަށް ހިތުގައި ޖެހުނު ވާހަކައެއް ބުންޏެވެ. އެއީ އޭނާއަށް ލިބޭ މުސާރަ އަޅުގަނޑު ހުސްކުރާ ވާހަކައެވެ.

އަޅުގަނޑަކީ ފިރިމީހާއަށް ލިބޭ މުސާރައިން އެއްވެސް ވަރަކަށް ބޭނުންކުރާ މީހެއް ނޫނެވެ. ގެއަށް ގަންނަ އެއްޗެތި ގަންނަނީ އަޅުގަނޑު އަމިއްލައަށެވެ. އަންނައުނާއި ދެންވެސް އަޅުގަނޑު ބޭނުންކުރާ އެއްޗެތި ހޯދަނީވެސް އަމިއްލައަށެވެ. ފިރިމީހާ އަޅުގަނޑަށް ކުރާ ޚަރަދުތަކަށްވުރެ ގިނައިން ފިރިމީހާއަށް އަޅުގަނޑު ޚަރަދުވެސް ކުރަމެވެ.

ކޮންމެއަކަސް ބެލްކަނީގައި ތިބެފައި ދެމީހުން ކޮޓަރިއަށް ވަންއިރު ތިބީ ތިބޭނެ ގޮތަކަށެވެ. ގައިގައި ނިވާކަމެއް ނެތެވެ. އައިސް އެނދުގައި އޮށޯވެ އޮޅުލަން ފެށީމާ ބޭރަށް ނުކުމެގެން ގޮސް އަލަމާރީގައި ހުރި ފިރިމީހާގެ ހެދުންތައް ނަގައި ބިންމައްޗަށް އަޅަންފެށީމެވެ. ދެ މީހުންނަށް ހޭވެރިކަންވީ އެ ހިސާބުންނެވެ.

ދެމީހުން އެކުގައި ފުންމައިގެން ތެދުވެ ހެދުންލިއެވެ. ފިރިމީހާ ބުނީ މާފުކުރުމަށާއި އެއީ އަޅުގަނޑު ދެކެ ލޯބިނުވާތީ ކުރި ކަމެއް ނޫން ކަމަށެވެ. އަޅުގަނޑު ބުނީ ލޯބިވާތީ ލޯބިން ކޮށްދިން ކަންތައް ވަރަށް ރަނގަޅު ކަމަށެވެ. އެހައި ލޯބިން އެހައި ރަނގަޅަށް ކަންތައްތައް ކޮށްދޭ ފިރިއަކާއެކު އަޅުގަނޑު ކަހަލަ ނުބައި އަންހެނުން އުޅެން ނުވާނެ ކަމަށެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކަށްވާނީ ވަރިކޮށްފައި އަވަހަށް ގެއިން ނުކުމެގެންދިއުން ކަމަށެވެ. އަޅުގަނޑު އަންހެން މީހާއަކަށް އެއްވެސް އެއްޗެއް ނުބުނަމެވެ. ފިރިމީހާ ގެއިން ނުނުކުންނަން ވަރަށް ގަދަ ދައްކަމުން ދަނިކޮށްވެސް ދެމީހުން އެކުގައި ގެއިން ނެރެލީއެވެ.

އެތައް ދުވަހެއް ވަންދެން ހިތާމަކުރީމެވެ. ދެމީހުން ކައިވެނިކުރީ ހަތަރު އަހަރުވަންދެން ވަރަށް ލޯބިން އުޅެފައެވެ. އަދި ފަޅާއަރަންދެން އުޅުނީވެސް ވަރަށް ލޯބިންނެވެ. ދަސްވި ފިލާވަޅުން ޢިބްރަތް ޙާޞިލުކޮށްގެން ހުރެފައި ދެ އަހަރު ފަހުން ދެވަނަ ކައިވެނިކުރީމެވެ. އެ ކައިވެނީގައި ދެ ދަރިންވެސް ލިބުނު ފަހުން ފުރަތަމަ ފިރިމީހާއާ ބައްދަލުވިއެވެ. ބައްދަލުވުމާއެކު މާފަށް އެދުމުން މާފުވެސްކުރީމެވެ.

އޭނާ ބުނީ ދެމީހުން ވަކިވިތަނާ އޭނާގެ ވަޒީފާވެސް ގެއްލުނީ ކަމަށެވެ. ލޯބިވެރިޔާވެސް ގެއްލުނީ ކަމަށެވެ. މިހާރު އުޅެނީ ރައްޓެއްސެއްގެ ފިހާރައެއްގައި ކަމަށެވެ. ދެމީހުން އަލުން ގުޅެން ވަރަށް ބޭނުންވާ ކަމަށެވެ. އަޅުގަނޑު ބުނީ ދުވަހަކުވެސް އަލުން ގުޅެން ބޭނުން ނޫން ކަމަށެވެ. ނަމަވެސް ހިތްހެޔޮކަމަށާއި ދެރަގޮތެއް ވުމަށް ނުއެދޭކަމަށެވެ.

ދެވަނަ ކައިވެނީގައި ނުވަ އަހަރުވީއެވެ. ހިތްދަތިވެގެން އުޅޭކަށް ނުޖެހެއެވެ. ފިރިމީހާއަށް ފާރަލާކަށްވެސް ނުޖެހެއެވެ. ކުރިން އަޅުގަނޑަކީ ފިރިމީހާގެ ނޯކަރެވެ. މިހާރުގެ ފިރިމީހާ އުޅެނީ އަމިއްލައަށް އަޅުގަނޑުގެ ނޯކަރަކަށް ވެގެންނެވެ. ރޭއަޅުކަންކުރަނީ ދެމީހުން އެކުގައެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ފުދޭތީ ވަޒީފާވެސް ދޫކޮށްލީއެވެ.

ނާހިދު ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ލޯބިވެރިޔާ ދަސްކުރުމުގެ ބޭނުމުގައި ލޯބިވެގެން ކިތަންމެ ގިނަ ދުވަހަކު އެކުގައި އުޅުނަސް ދަހެއް ނުވާނެއެވެ. މަކަރުވެރިންގެ މަކަރުވެރިކަން މާބޮޑުވާނެއެވެ. އަޅުގަނޑަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އެއީއެވެ. ވީމާ ލޯބިވެއްޖެނަމަ ކައިވެނި އަވަސްކޮށް އެކުގައި ދިރިއުޅެން ފަށާށެވެ. އެއިރުން ހަމަ ޤައިމުވެސް ފާފަތަކުގެ ފާފަތަށް ބަރެއް ނުވާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *