އަޅުކަމުގެ މަތިވެރި ތަހައްޖުދު އިސްކުރަންވީ ދޫނުކޮށް
އަޅުތަކުން ކުރެ ހެޔޮ އަޅުން އެނަމާދު ކުރެޔޭ އާދަކޮށް
ތަންމަތީން ފޭކޮށް އަޅުން ބުރަކަށި އެކަމުގައި ޚާއްޞަކޮށް
ދަންވަރުގެ ކަޅު އަނދިރި ކަމުގައި މިސްކިތަށްދާން ލޯބިކޮށް
ރުއްސެވުން މަތިވެރި އިލާހުގެ ހޯދުމަށް އެދި އެނިޔަތުން
ފުއްސެވުން ހަމަ އެފަދައިން އެދި ފާފަތައްކުޅަ ހަނދުމަކޮށް
ރޯދައަށްފަހު ކުށުގެ ވެއްޓަށް ދެން ނުދާން އެދި ޢަޒުމުކޮށް
ހޯދަމުން ސީދާމަގުގެ ރޮނގުތައް ބަލައިގެން މާކުކޮށް
ދާގޮތަށް ގަނޑުފެންކޮޅެއް ވިރިގެން ޙަޔާތް ހުސްވާ ކަމުން
ވާގޮތާމެދު ވިސްނި ބިރުވެތި ވެވުނު ހިދުގައި ފިކުރުކޮށް
ދާއިމަށްދެމި ނޯންނަކަން އެނގި ދުނިޔެ ވެސް އަބަދަށްޓަކާ
ކާއިނާތުން އޭގެ ހެކިތައް ޢިލްމު އެބަދޭ ކަޝްފުކޮށް