Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ދޭހަނުވިޔަސް ކޮންމެ ލަފުޒަކަށް ވަކި މާނައެއް ވެއެވެ!

 

ކޮންމެ ކަލިމަޔަކަށް ވެސް ޚާއްޞަ މާނައެއް ވެއެވެ! ބަސްފޮތުގައި އޮންނަ ކޮންމެ ލަފްޒަކީ، މާނައިގެ ސާބިތު ލަފްޒުތަކެއް ނޫނެވެ. ފަހެ، "ވޭތު" މިލަފުޒު ނިސްބަތްވާނީ ވަގުތަށެވެ. ވޭތަކީ މީހެއްގެ ބާރަކާ ނުލައި ހިނގަހިނގާ ހުންނަ ޒަމާނުގެ ޙަރަކާތެވެ. ވަގުތެވެ.

އެކަމަކު، ހޭދައަކީ، ޚިޔާރުގައިވާ ކަމެކެވެ. އެއީ، މުދާ ފަދަ ތަކެތި ދިނުމެވެ. އެއީ ތަކެއްޗެވެ. "ހޭދަ" އަކީ ކުރާ އެއްޗެކެވެ. ވާއެެއްޗެއް ނޫނެވެ. ހޭދަކުރާނީ މުދަލެވެ. ތަކެއްޗެވެ. ވަގުތެއް ނޫނެވެ. ހޭދަވެދިޔަ އަހަރޭ ބުނެއެއް ނޫޅޭނެއެވެ. ވޭތުވެދިޔަ އަހަރޭ ބުނެއުޅޭނެއެވެ.

ހޭދަކުރި އަހަރޭ ބުނެފިނަމަ، ހޭދަ ނުކުރާ އަހަރުގެ މާނައިގެ މައްޗަށް މުދާ ހޭދަކުރުމުގެ މާނަ ހާމަވެއެވެ. އަދި ހޭދަކުރަނީ ވަގުތުނަމަ އެޖުމުލައިން، ހޭދަކުރީ މުދާކަމެއް ނުވަތަ ވަގުތުކަމެއް ސާފުނުވެ ސުވާލު އުފަންވުމަށް ޖާގަ ހުޅުވެއެވެ. އެކަމަކު، ވޭތުކުރި އަހަރޭ ބުނެފިނަމަ، ވޭތު ނުކުރާ އަހަރުގެ މާނައިގެ މައްޗަށް ވެސް ވަގުތު ވޭތުކުރުމުގެ މާނަ ހާމަވެއެވެ. އަދި ވޭތުކުރީ ވަގުތުކަން، މުދާ ނޫންކަން ވެސް ސާފުވެ ސުވާލެއް އުފަންވުމަކަށް ޖާގައެއް ވެސް ނުހުޅުވެއެވެ.

ބަހާމެދު ފިކުރުކޮށް ދޭހައިގެ މައްޗަށް ބުރަވާން ޖެހެއެވެ. ތަޢައްޞުބު ދޫކޮށް ވަކި މީހަކު ބުނުމުން ބަލައިނުގަނެވިފައި ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބުނާ ބުނުން ނޫނީ ގަބޫލު ނުކުރެވޭ ނޭއްގާނީ ގޮތް ވެސް ދޫކޮށްލާން ވެއްޖެއެވެ.

ލަފުޒެއް ޖުމުލައިގައި އަދާކުރާ ދައުރުން އެއްލަފުޒަކުން އެތައް މާނައެއް ދޭހަވާ ދޭހަވުމަކީ، މި ނުކުތާގައި ދެކެވިފައިވާ ވާހަކަޔާ މުޅިން ތަފާތު ކަމެކެވެ.