އައިހިނދުން ރަމަޟާން ކަރީމަށް މަރުޙަބާ ކިޔަމޭ އަލުން
ލައިލަތުން ޤަދްރުގެ ނަޞީބު ލިބޭ މަގަށް ދޮރު ހުޅުވަމުން
ހިތް އެދޭ ގަހަނާތަކާ ރަންރިހި ޖަވާހިރު މުތްތަކާ
ހިތް ފުރާލާ ރޭތަކާ އެތަކެއް ޢިބާދަތު ގުޅުވަމުން
ތަތްވެފައި ލޭނާރުތަކު ހުރި ކިބުރުވެރި ހުރިހައި ދަބަރު
ފަތްފުށުން ރައްބީގެ މަތިވެރި ފޮތުގެ ބޭހުން ފިލުވަމުން
ދަހިކަމާ މުށް ބާރުކަން ނަފުސުން ފިލައި ދީލަތިވުމަށް
ފަހިވެގެން މަގުދާނެ ޚުލުޤީ ސިފަތަކަށް ހޭލައްވަމުން
ނިކަމެތީން އެއުޅޭ ގޮތާ ޙާލަތު ހިތަށް އިޙްސާސްވެގެން
ބިކަވެގެން އެއްވެސް އަޅަކުދާން ނުރުހުމަށް ވިސްނައިދެމުން
ހަނދުމަ ނައްތައިލެވި މަޖަލުގައި ވަގުތު ވޭތުކުރާ ކުރުން
މަދުކުރެވި އަޅުކަމުގެ ހިތް މިސްކިތްތަކާ ގުޅުވައިދެމުން
ކުށުގެ ވެއްޓާ މިލެވިގެން އަހަރުގެ ދުވަސްތައް ގުނަނިކޮށް
ކުށުގެ އިންދޫކޮށް އުޅޭންވީ ހެޔޮމަގަށް ލޯހުޅުވަމުން