ޢައްމާނުގައި ހުންނަވާ އިސްރާއީލުގެ ސަފީރު އުރްދުނުން ބޭރުކޮށްލުމަށް އުރްދުންގެ ބަރްލަމާނުން މިއަދު ފާސްކޮށްފިއެވެ.
އޭނާ ފޮނުވައިލުމަށް އުރްދުންގެ ބަރްލަމާނުން ނިންމީ އިސްރާއީލުގެ މާލީ ވަޒީރު ސުމްތުރިޗް ފަލަސްޠީނު މީހުންނަކީ ދުނިޔޭގައި ތިބި ބައެއް ނޫން ކަމަށް ޕެރިހުގައި ވިދާޅުވުމާއި ފަލަސްޠީނާއި އުރްދުން އިސްރާއީލުގެ ބައެއް ކަމަށް ކުރަހައިފައިވާ ޗާޓެއް ހާމަ ކުރެއްވުމުންނެވެ.
އުރްދުންގެ ބަރްލަމާނުގެ ރައީސް އަޙްމަދުއް ޞަފަދީ ބަރްލަމާނުގެ މި ޖަލްސާގައި ވިދާޅުވިގޮތުގައި "ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ސަރުކާރަށް ގޮވައިލަނީ އިސްރާއީލުގެ މާލީ ވަޒީރާ ދެކޮޅަށް ކުރުންތެރި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށެވެ. އެއީ އޭނާ އުރްދުނާއި ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ތަންތަން ކަމަށް ހައްދަވާތީއާއި އުރްދުނާއި ފަލަސްޠީނު ޤަބޫލު ނުކުރައްވާ ވަޒީރަކަށް ވާތީއެވެ."
ޞަފަދީ ވިދާޅުވި ގޮތުގައި "މިއީ ހަނުހިމޭނުން ތިބެވޭވަރުގެ ކަމެއް ނޫނެވެ. އެއީ 1994ވަނަ އަހަރު އުރްދުނާ އިސްރާއީލާ ދެމެދުގައި ސޮއިކޮށްފައިވާ ޞުލްޙައިގެ މުއާހަދާއާ ޚލާފު ކަމެކެވެ. އަދި އެއީ ބައިނަލްއަޤްވާމީ ޢުރުފާ ޚިލާފު ކަމެއް ވެސް މެއެވެ."
އިސްރާއީލުގެ ޙައްދުފަހަނަޅައިފައިވާ "ޞިހްޔީނީ ދީނިއްޔަތު" ޕާޓީގެ މެންބަރެއް ކަމުގައިވާ ސުމްތުރިޗް ޕެރިހުގެ އިސްޓޭޖެއް މަތީގައި އުރްދުނާއި ފަލަސްޠީނު އިސްރާއީލުގެ ސަރަޙައްދުތެރޭގައި ހިމަނައިފައިވާ ޗާޓެއް ހިއްޕަވައިގެން ހުންނަވާ ވިދާޅުވިއެވެ. "ފަލަސްޠީނޭ ކިޔާ ރައްޔިތަކު ނެތެވެ. ފަލަސްޠީނުގެ ތާރީޚެއް ވެސް އަދި ސަޤާފަތެއް ވެސް ނެތެވެ."
އުރްދުންގެ ޚާރިޖިއްޔާއިން އިސްރާއީލުގެ ވަޒީރުގެ މި ޢަމަލު ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ޢައްމާނުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޚާރިޖިއްޔާއަށް ގެނެސް އިޙްތިޖާޖުގެ ނޯޓެއްވަނީ ހަވާލުކޮށް ވަގުތުން މި ނޯޓު އިސްރާއީލު ސަރުކާރާ ހަވާލުކުރުމަށް އަންގައިފައެވެ. އިސްރާއީލުގެ މާލީ ވަޒީރުގެ މި ޢަމަލަކީ އިސްރާއީލު ސަރުކާރާ ގުޅުން ނެތްކަމެއްކަމަށް އިޢުލާން ކުރުމަށް އުރްދުނުން ވަނީ އިސްރާއީލަށް އަންގައިފައެވެ.



advertisment