ޅެންވެރިކަމުގެ ދުވަސް އައުމުންނޭ ދުނިޔެ ހެނީ
ޅެންވެރިއާ އެހެނަސް އެކަނިވެފައި މިއަދު އިނީ
މާ ރީތި ޅެމެއްގެ ފޮޓޯ ދެ ލޮލަށް ސޫރަވިޔަސް
މާ ދުރުގައި ފިކުރާއި ޚިޔާލާ ބުރުޖަހަނީ
ނާޒުކު ފަރި ރީތި މަލާ، ލުއިލުއި މީރުވަހާ،
ޗާލު ހަނދާ ރިހި، ޅެންވެރިއާގެ ޅެމާ ގުޅެނީ
ފަރިފަރި ހަރަކާތްތައް ކުރަމުންދާ ޅެން، އެހެނަސް
ދުރުގައި މާ ދުރުގައެ ބަނޑިބަނޑިލައްވައި ނަށަނީ
ގެންނަން ޅެން ހިތުގެ ތެރަށް ޅެންވެރިއާ އުޅުނަސް
ޅެން، ޅެންވެރިއާއާ ދުރުގައްޔޭ މިއަދު ވަނީ
ކަރުދާހަށް ޅެން ނަގުލުކުރާން ނެގުމުންނެ ގަލަން
ކަރުނައިގެ ނިމުން ނެތް ސައިލެއް ގަލަމުން އޮހެނީ
ގަލަމު ތުނޑުން އޮހޮރޭ ހިތި ކަރުނައިގެ ދަވާދުން
ލޮލުގެ ތެރޭ ނަށަމުންދާ ޅެން ކިހިނެއް ލިއަނީ
ޝާހިދު ހެކިވާށޭ ޅެންވެރިއާގެ މި ހާލަށް
ރާގެއް ނެތް ލަވަތަކެކޭ ޅެންވެރިއާ އަހަނީ
