Support Us

އިސްރާއީލު ސަފީރަށް އުރްދުންގެ ޚާރިޖިއްޔާއިން އިޙްތިޖާޖުގެ ހަރުކަށި ނޯޓެއް ޙަވާލުކޮށްފި

އުރްދުންގައި ހުންނަވާ އިސްރާއީލު ސަފީރު އީތާން ސުރްކީސް އުރްދުންގެ ޚާރިޖިއްޔާއަށް ގެންގޮސް އިޙްތިޖާޖުގެ ހަރުކަށި ނޯޓެއް ރޭ ޙަވާލުކޮށްފިއެވެ. އެއީ އިސްރާއީލުގެ މާލީ ވަޒީރު ސުމްތުރިޗް (ފޮޓޯގައި) އިސްރާއީލުގެ ޗާޓުކަމަށް ވިދާޅުވެ ދެއްކެވި ޗާޓުގައި އުރްދުން އެތާނގެ ބައެއް ކަމަށް ހަދައިފައިވާތީއެވެ.

އުރްދުންގެ ޚާރިޖިއްޔާއިން އިސްރާއީލު ސަފީރާ ހަވާލު ކުރި އިޙްތިޖާޖު ވަގުތުން އިސްރާއީލު ސަރުކާރަށް ފޮނުވުމަށް ވެސް ޢައްމާނުން އެދުނެވެ. އިސްރާއީލުގެ މާލީގެ ވަޒީރު ފަލަސްޠީނުގެ ރައްޔިތުންނަކީ ވުޖޫދުގައިވާ ބައެއް ނޫން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ޢައްމާނުން ވަރަށް ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށް ވެސް މި ނޯޓުގައި އައިސްފައި ވެއެވެ. އަދި އޭނާ ފަލަސްޠީނުގެ ޙުއްވާރާ ނަމަކަށް ކިޔާ ރަށް ފުހެލުމަށް ގޮވައިލިގޮވައިލުން ވެސް އުރްދުނުން ކުށްވެރިކޮށްފައި ވެއެވެ.

އުރްދުންގެ ޚާރިޖިއްޔާގެ ތަރްޖަމާނު އަލްމަޖާލީ ވިދާޅުވި ގޮތުގައި ޙައްދުފަހަނަޅައިފައިވާ ޙަސަދަވެރި ނީހަވެރި މިފަދަ ބަޔާންތައް ދިނުން ހުއްޓައިލުމަށް ވެސް ޢައްމާނުން އިސްރާއީލަށް އެންގިއެވެ.
މަޖާލީ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ޚާރިޖިއްޔާއިން މި ފަދަ ބަޔާންތަކާއި ސުލޫކާ ދެކޮޅަށް ސިޔާސީ އަދި ޤާނޫނީ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން އަމްނަށާއި ހަމަޖެހުމަށް ލޮޅުން އަރައި މާޙައުލު އިތުރަށް ހޫނުވެގެންދާނެ ކަމަށް ވެސް އުރްދުނުން ބުންޏެވެ.

އިސްރާއީލުގެ މާލީ ވަޒީރު ސުމްތުރިޗް ޕެރިހުގައި ޞިހްޔޫނީ ޙަރަކާތަށް ތާއީދު ކުރާ ބަޔަކާ މުޚާޠަބު ކުރައްވާ ވިދާޅުވި ގޮތުގައި ފަލަސްޠީނު މީހުންނަކީ ވުޖޫދުގައިވާ ބައެއްނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްޠީނަކީ "ތާރީޚި ގޮތުން އަދި ސަތޭކަ އަހަރުވެސް ނުފުރޭ ބިލާހީ އީޖާދެކެވެ."

އޭނާ އިސްރާއީލުގެ ޗާޓޭ ވިދާޅުވެ ދެއްކެވި ޗާޓުގައި ފަލަސްޠީނާއި އުރްދުން ވަނީ އިސްރާއީލުގެ ބަޔަކަށް ހައްދަވައިފައެވެ.

މި ސިޔާޤުގައި އިސްރާއީލުގެ ޚާރިޖިއްޔާއިން ނެރުނު ކުރު ބަޔާނެއް ބުނާގޮތުގައި އުރްދުންގެ ބިމުގެ ސިޔާދަތަކީ އިސްރާއީލު ޤަބޫލުކުރާ ކަމެކެވެ. އަދި 1994ގައި އުރްދުނާއެކު އިސްރާއީލު ސޮއިކޮށްފައިވާ ޞުލްޙައިގެ މުޢާހަދާއާ އެއްގޮތަށް އިސްރާއީލުން ޢަމަލުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އިސްރާއީލުގެ ޚާރިޖިއްޔާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *