Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދަރަނީގެ ފައިސާ ހޯދުން

އަހަރެންގެ ނަމަކީ ފާތުމަތެވެ. އައިމިނަތަކީ އަހަންނާ އެކުގައި އެއް އޮފީހެއްގައި މަސައްކަތްކުރި ކުއްޖެކެވެ. އެއް ދުވަހަކު އަހަރެންގެ އެކުވެރި އައިމިނަތު ދަރަންޏަށް ފަސްހާސް ރުފިޔާ ދިނުމަށް އެދުނެވެ. އޭނައަށް ކުރިމަތިވި ކޮންމެ ވެސް 'ބޮޑު' ކަމެއް ކުރުމަށްޓަކައެވެ. އަހަރު ދުވަހުގެ ތެރޭގައި ދަރަނި އަދާކޮށް ޚަލާސްކުރާނެ ވާހަކަ ބުންޏެވެ. އައިމިނަތަކީ އަހަރެން ދަންނަ ގާތް ރައްޓެއްސެއްކަމުން އޭނާ އެދުނު ފަސްހާސް ރުފިޔާ އޭނައަށް ދަރަންޏަށް ދިނީމެވެ.

އޭގެ އަހަރު ދުވަސް ފަހެވެ. އައިމިނަތަށް އަހަރެން ފޯނުކޮށްފައި އެއްކަލަ ފަސްހާސް ރުފިޔާގެ ވާހަކަ ބުނެ އެ ފައިސާ އަނބުރާ ދޭން އޭނަ ގާތު ބުނީމެވެ. ދެން، ޖަވާބުގައި ވަރަށް އަވަހަށް އެކަން ކުރާނެ ވާހަކަ އައިމިނަތު ބުންޏެވެ. ނަމަވެސް، އެ ދުވަސް އައި ތަނެއް ނުފެނުނެވެ. އެކަމާ ބެހޭ ގޮތުން ފޯނުކޮށްފި ނަމަ، އައިމިނަތު ފަހުން ހަދާ ގޮތަކީ ފޯނަށް ޖަވާބު ނުދެނީއެވެ. ދެން އަހަރެން މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއެވެ. އޭރު އޭނަ އަހަރުމެން އުޅުނު އޮފީހުން ވަކިވެފައި ވުމުން ބައްދަލުވާ ގޮތެއް ވެސް ނުވިއެވެ.

ދެން އޭގެ ދުވަސްކޮޅެއް ފަހުން އަހަރެން އޭނައަށް މެސެޖެއް ކުރީމެވެ. އެ މެސުޖުގައި އަހަރެން ލިޔުނީމެވެ. "އައިމިނަތެވެ! އަހަރެން މި ފަހަރު މެސެޖު މިކުރަނީ އެއްކަލަ ފަސް ހާސް ރުފިޔާ ހޯދާކަށް ނޫނެވެ. އިހަށް ދުވަހު އައިމިނަތުގެ ފިރިމީހާ ކޮންމެ ވެސް ޒުވާން އަންހެން ކުއްޖަކާ އެކު ކާރަކަށް އަރައިގެން ދިޔަތަން ފެނުމުން އެ ވާހަކަ ބުނެލާށެވެ!"

އެ މެސެޖު ފޮނުވިތާ މާ ގިނަ އިރެއް ނުވަނީސް އައިމިނަތު އަހަންނަށް މެސެޖު ކުރިއެވެ. "ހަމަ ރަނގަޅަށް ވެސް ހެއްޔެވެ؟ ތީގެ ތަފްސީލު އަހަންނަށް ކިޔައިދީ ބަލާށެވެ!"

އައިމިނަތުގެ މެސެޖަށް އަހަރެން ޖަވާބެއް ނުދެމެވެ. ދެން އޭގެ އެއް ދުވަސް ފަހުން އައިމިނަތު އަނެއްކާ ވެސް މެސެޖު ކުރިއެވެ. އެ މެސެޖުގައި އޭނާ ބުންޏެވެ. "އެއްކަލަ ފަސް ހާސް ރުފިޔާ ވަރަށް އަވަހަށް ފާތުމަތުގެ އެކައުންޓަށް އެބަ ޓުރާންސްފަރ ކުރަމެވެ. ދެން، އަހަރުމެން ދެމީހުން މާދަމާ ބައްދަލުވެލަމާ އަންނާށެވެ! ފިރިިމީހާގެ ވާހަކަ ވެސް ދައްކާލާށާ އެކުގައެވެ."

އޭގެ މާ ގިނައިރުތަކެއް ނުވަނީސް ފަސްހާސް ރުފިޔާ އަހަރެންގެ އެކުންޓަށް އައިމިނަތު ޓްރާންސްފަރ ކުރިއެވެ. އެއަށް ފަހު އަހަންނަށް އޭނާ ފޯނު ކުރިއެވެ. ނަމަވެސް، އޭނާގެ ކޯލަށް ޖަވާބު ނުދީ، ފޯނު ނިއްވާލާފައި އަހަރެން ނިދީއެވެ.