...

Support Us

ވާހަކަ: ކަޅު ހިޔަނި- 2

މިރޭވެސް ޔަނާއަށް ނިދުނުތަނާހެން އެ ރީތި ފިރެހެންކުއްޖާ ހުވަފެނުގައި ފެނުނެވެ. ފެންގަނޑެއްގެ ތެރެއިން ފާޅުވާ އާދަޔާ ހިލާފު ސޫރައެކެވެ. މިރޭ ތަފާތަކީ އެ ފިރެހެންކުއްޖާގެ ފައި ހުންނަ ހިސާބު ރަނގަޅަށް ނުފެނި ގައިން ދުންއަރަމުންދާތީއެވެ. ޔަނާއަށް ހޭލެވުނުއިރު އޭނާގެ ހަށިގަނޑު ވަނީ ދަލުން ތެމިފައެވެ. އޭނައަށް އެނދުމަތީ އަތްވިއްދާލައިގެން އިށީނދެވިއްޖެއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އޮރެންޖު ކުލައިގެ އަލީގެ ތެރެއިން އިތުރު އެހެން އެއްޗެއް ޔަނާއަކަށް ނުފެނުނެވެ.

"ޔަނާ…" ތަންކޮޅެއް ދުރުން ކޮންމެވެސް މީހަކު ގޮވާލިއެވެ. ކިތަންމެހާވެސް ރަނގަޅަށް ޔަނާއަށް އެ ލަފްޒު އަޑުއިވުނެވެ. އެ އަޑު ކަންފަތުތެރޭގައި އިރުކޮޅެއް ވާންދެން ގުގުމާލާފައި ހުއްޓެވެ. ޔަނާގެ ހިތުގެ ތެޅުން އެތައް ގުނައެއް އިތުރުވިއެވެ. އެއީ ކާކުބާވައެވެ؟ ޔަނާ އެނދަށް ވެއްޓިގަން ގޮތުން މޫނާއެކީ ރަޖާ އަޅައިގެން އޮތްއިރު އެ ރީތި ސޫރަމަތިން ހަނދާން ނައްތާލަން މަސަތްކަތް ކުރަމުން ދިޔައެވެ.

ދެތިން ރޭ ޔަނާއަށް އެއް ހުވަފެނެއް ފެނުމުން ޔަނާގެ ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަން އުފެދި އެކުވެރި ކުއްޖަކާ އެ ވާހަކަ ހިއްސާކޮށްލާ ހިތްވިއެވެ. ނަމަވެސް އޭނާގެ އެކުވެރިއަކު މި ރަށުގައި ހުރީކީ ނޫނެވެ. އަވައްޓެރި ކުއްޖެއް ކަމަށްވާ އިޝާއާ އެކީ ކޮންމެވެސް ވަރަކަށް ވަގުތު ހޭދަކުރި ނަމަވެސް އަދި ޒާތީ އެއްވެސް ވާހަކައެއް އޭނަ އިޝާއާ ދައްކައެއް ނަހަދައެވެ. އެކަމަކު މިފަދަ ކަމެއް ހިތުގައި ފޮރުވައިގެން ހުންނަންވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. އިޝާ އަކީ ރާއްޖެއިން ފާހަގަކޮށްލެވޭ ފަދަ ރީތި ކުއްޖެކެވެ. އަޅި ލޮލުގެ ސަބަބުން ބޭރު ކުއްޖަކާ ވައްތަރެވެ. ސްކޫލުގައި ވެސް އިޝާއަކީ މަޝްހޫރު ކުއްޖަކަށްވެފައިވާ އެންމެ ބޮޑު ސަބަބަކީ އެ ރީތިކަމެވެ.

ތަންކޮޅެއް ވިއްސާރަ ދުވަހެކެވެ. ވައިބާރެވެ. އިރުއިރުކޮޅާ އަންނަ ބާރު ވައިރޯޅިއާ އެކީ ފުރާޅުތައް ތެޅިގަނެގެން ދަނީ ބިރުވެރި ގޮތަކަށެވެ. ފުރާޅުމަތީގައި ވާ ގަސްތަކުގެ ގޮފިތައް ފުރާޅުގައި ކޭއްތޭ އަޑުވެސް އިވިގެން ދެއެވެ. އެ އަޑުތަކަށް ހޭނިފައިނުވާ މީހެއްގެ ހިތް ބިރުން ވިރިިގެންދާ ފަދަ ގޮތަކަށެވެ. ޔަނާ ކޮޓަރިއަށް ވަދެ ނިދާ ބޮކި ދިއްލާލުމަށްފަހު އޫ ފޮތީގެ ނިދާ ހެދުމެއް ގަޔަށް މަހާލުމަށްފަހު އެނދަށް ވެއްޓިގަތްއިރު އޭނާގެ އެސްފިޔަތައް ވަނީ ބަރުވެފައެވެ. މިފަދަ ފިނި ރެއެއްގައި ނިދުމުގެ އަރާމަށް އޭނާގެ ހަށިގަނޑުގެ ކޮންމެ ބަޔެއް ބޭނުންވެފައިވަނީ އިންތިހާއަށެވެ. ޔަނާ ބާލިހުގައި ބާރަށް ބައްދާލުމަށްފަހު ލޯ މަރާލިތަނާ މީހަކު ގޮވާލިހެން ހީވެގެން ގަދަކަމުން އެސްފިޔަތައް ހުޅުވާލައިފިއެވެ.

"ޔަން…" އެނދާ ދެތިން ފޫޓް ދުރުގައި ހުރީ ހުވަފެނުން އޭނައަށް ފެންނަ ރީތި ޒުވާނާއެވެ. ކުރިމަތިން ފެންނައިރުވެސް ހީވަނީ ފެންގަނޑެއްގެ ތެރެއިން ފެންނަހެން ނުސާފުކޮށެވެ. އެކަމަކު އެ ޒުވާނާ ރީތިކަމުން ޔަނާ ނިދިފިލައިގެން ހިނގައްޖެއެވެ. އެސްފިޔަޖަހާލަން ވެސް ނުކެރުނީ އެ ޒުވާނާ ގެއްލިދާނެކަމުގެ ބިރު ބޮޑުވިވަރުންނެވެ.

"ތިއީ ކާކުތަ؟" ޔަނާ އަހާލިއެވެ.

"މަގޭ ނަމަކީ ނާއިކް… އަހަރެން ބޭނުން ޔަންއާ އެކުވެރިކަން ބާއްވަން…" ނާއިކްގެ އަޑު ތަންކޮޅެއް ބަރުވެފައި ގުގުމައިގެންދާ ފަދަ ގޮތެއް ހުއްޓެވެ.

"އެންމެ ރަނގަޅު… ކޮޓަރި ތަޅުލާފައި ހުއްޓާ ނާއިކް މިތަނަށް ވަނީ ކިހިނެއް؟" ޔަނާގެ ހިތްތެޅެމުން ދިޔައީ ނާއިކް އާ ބައްދަލުވުމުން ލިބުނު އުފަލަކުން ކަމެއް ނޫނީ ބިރުންކަމެއް ޔަނާއަކަށް ނޭނގުނެވެ.

"އޮޅިގެން ނަމަވެސް ޔަން އެހުރީ ދޮރު ތަންޑު ނާޅުވާ.." ނާއިކް އެއްފަރާތަކަށް ޖެހިލި ވަގުތު ވަޔާއެކު ކުޑަދޮރު ހުޅުވުނެވެ.

"އެހެންތަ؟ ތިބުނީ ތެދެއް… ދޮރު އެހެރީ ތަންޑު ނާޅާ… އެކަމަކު ހީކުރީ…" ޔަނާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ޖުމުލަ މެދުކަނޑާލީ އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްފިނަމަ މި ރީތި ޒުވާނާ ގެއްލިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ. ޔަނާއަށް މިވަގުތު ހުރިހާ ކަމަކަށް ވުރެ ނާއިކްގެ ހަގީގެތް އެނގުން މުހިންމެވެ.

"ކޮން ގޮތަކަށް ހީކުރީ؟ ސިއްރެއްތަ؟ އަހަރެން އައީމަ ޔަންއަށް އުނދަގޫވީތަ؟ ދާންވީތަ؟.."

ނާއިކް އައިފަހުން ކޮޓަރީގައި ތަފާތު މީރުވަހެއް ހިފާފައިވާހެން ޔަނާއަށް ހީވިއެވެ. ޔަނާ ހީކުރަނީ އޭނަގެ ކޮޓަރީގެ ބޭރުގައި ހެދެމުންދާ ރީތި މާ ގަހުގެ ވަސް ދޭތެރެއަކުން ކޮޓަރިތެރެއަށް ފެތުރިގަންނަނީ ކަމަށެވެ. ނަމަވެސް މިރޭ ނާއިކް އައުމުން އެވަހާއެކު އަދި އެހެން މީރުވަހެއް ވެސް ޔަނާގެ ނޭފަތުގައި ޖެހި ކޮޓަރިއަށް އާ ބްރޭންޑެއްގެ އެއަރފްރެޝްނަރ އެއް ޖަހާލާފައިވާކަމުގެ ހިތްގައިމުކަން ޔަނާއަށް ލިބުނެވެ.

"ނޫން.. ނޫން.. ނޫން….." ޔަނާއަށް އަވަސްއަވަހަށް ބުނެވުނެވެ.

"ވީއިރު ޔަންވެސް އަހަންނާ ރުހެނީތަ؟.." ނާއިކް ހީލުމުން ފެނިގެން ދިޔައީ ބްލީޗް ހުދު ދަތްތަކެވެ. ހީވަނީ އަނދިރީގެ ތެރެއިން ވިދާލިހެންނެވެ. ޔަނާ އިނީ އާޝޯހްވެފައި ބަލަހައްޓައިގެންނެވެ.

"ހަގީގަތް ނޭނގޭ ކުއްޖަކާ ވާހަކަދައްކައިގެން އަހަރެންނަށް ލަނޑެއް ނުލިބޭނެތަ؟" ޔަނާގެ ހިތް އަދިވެސް ހަމަޔަކަށް ނޭޅެއެވެ.

"ބިރުނުގަނޭ… އަހަނަށް އިތުބާރުކޮށްބަލަ ޔަން… ދުވަހަކުވެސް ގެއްލުމެއް ނުދޭނަން…" ނާއިކް ޔަގީންކަން ދިނެވެ.

"އެކަމަކު ތީ ކާކުކަމެއް ނުބުނާނަންތަ؟" ޔަނާގެ ހިތް ކެތްތެރިކަމެއް ނެތި ތެޅިފޮޅެމުން ދަނީ ނާއިކް ހުރިހާ މައުލޫމާތެއް ހޯދުމަށެވެ. ނާއިކް އެއްޗެކޭ ބުނަން އުޅެނިކޮށް ދޮރުފަތުގެ ތަޅުގައި މީހަކު ހިފާލިހެން ހީވެގެން ޔަނާ އެނބުރި ބަލާލިއިރު ދޮރުމަތީގައި ހުރީ މަންމައެވެ.

"މަންމާ.." ޔަނާ ބިރުން އިނދެ ގޮވާލިއެވެ. ޔަނާ ލޮލުގެ ކުޑަކޮޅުން ބަލާލިއިރު ނާއިކްގެ އެއްވެސް އަސަރެއް، ނިޝާނެއް ފެންނާކަށް ނެތެވެ. އެހާ އަވަހަށް ނާއިކް ކޮޓަރިން ނިކުމެގެން ދިޔަކަމީ ބޮޑު އަޖާއިބެކެވެ.

"ޔަނާ ވާހަކަ ދައްކާ އަޑު އިވިގެން މަންމަ މިއައީ… އަނެއްކާ ނިދީގައި ހިނގާ ވާހަކަ ދައްކަން ފެށީތަ؟ އެހެންވީއިރު ޔަން އެކަނި ބާއްވާކަށް މަންމައަކަށް ނުކެރޭނެ…" ނަޒީރާ ބާރުބާރަށް ހިނގާލާފައި ގޮސް ހުރިހާ ދޮރުތަކެއް ޗެކްކުރަން ފެށިއެވެ. ނަސީބަކުން ދޮރުތައް ހުރީ ތަންޑުއަޅާފައެވެ. ޔަނާ ނިދީގައި ހިނގާ ކަމަށް ވަންޏާ މި ތަންޑުތަކަށްވެސް ނަޒީރާ އިތުބާރެއް ނުކުރާނެއެވެ. ދޮރު ހުޅުވާލައިފައި ގޮސް ނިދީގައި ހުރެ މޫދައް އެރި ޔަނާއަށް ގޮތެއް ވެއްޖިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ނަޒީރާގެ ފިރިހެން ދަރިން ކަމަށްވާ މާއިޝް އަދި ޒަލަފް ތިބިނަމަ ތަންކޮޅެއް ހިތްހަމަޖެހުނީހެވެ. އެ ކުދިންވީ އެކުވެރިއެއްގެ ދައުވަތަށް ޔޫކޭއަށް ގޮހެވެ.

"ނިދީގައި އޮވެ ހިނގަނީކީ ނޫން… ނުނިދިގެން އެކަނި އިނދެ ވާހަކަދައްކަނީ…" ޔަނާ ރަޖާގަނޑު މޫނާ އެކީގައި އަޅާ ފޮރުވާލަމުން މަޑުމަޑުން ބުންޏެވެ. މިހާރު ޔަނާގެ ހިތް އެންމެ ބޮޑަށް އެދެމުން ދިޔައީ އަބަދުވެސް ހުވަފެނުގައި އޭނައަށް ޒިޔާރަތްކުރާ ފަދައިން ނާއިކް އޭނައާ ބައްދަލުކުރަން އައުމަށެވެ. އެ ރީތި ސޫރަ ދެކޭހިތުން ޔަނާގެ ޅަހިތްވަނީ ބޭގަރާރުވެފައެވެ. މިވާން އުޅޭގޮތެއް ރަނގަޅަށް ނޭނގުނު ނަމަވެސް ޔަނާގެ ހިތުގައި މިހާރު އެކަމަށް ފާޑެެއްގެ ދެއްވެއް ހިފަން ފަށައިފިއެވެ.

ކުރުސި ކިޔަވަބަލަ…" ނަޒީރާ އެދުނެވެ.

ނަޒީރާ ދޭތެރެއަކުން ދީނީ އެފަދަ އެއްޗެއް ބުނެލިޔަސް އޭނައަކީ ދީނާ ފުރޭވަރަކަށް ދުރުން އުޅޭ މީހެކެވެ. ޒަލަފާއި މާއިޝް އާއި ޔަނާ ކުޑައިރު ނަޒީރާ އޮސްޓްރޭލިއާ މީހަކާ އިނދެގެން ދިޔަގޮތަށް އެކުދިންނަށް ދަސްވެފައިވަނީ ކްރިސްމަސް ދުވަސް ފާހަގަކުރުމާއި ފަށްޅިއަށް ދިޔުމަށެވެ. އެކުދިންގެ ހިތުގައި އިސްލާމް ދީނަށް މާބޮޑު ލޯތްބެއް ޖެހިފައެއް ނެތެވެ. މާލެ އައުމަށްފަހު މާމަ ވަރަަކަށް ކިޔަވައިދީގެން ޔަނާ ކޮންމެވެސް ވަރަކަށް ނަމާދުކޮށް ދީނީ މައުލޫމާތު ހޯދާ ދީނަށް އުޅެން މަސައްކަތްކުރިއެވެ. ނަމަވެސް މާއިޝްމެން ތަފާތެވެ. އެކުދިން އުޅެނީ ޔޫރަޕް ސްޓައިލަށެވެ.

"ހޫމް…" ޔަނާ ފާޑަކަށް އެހެން ބުނެލާފައި އަނެއް ފަރާތަށް އެނބުރުނެވެ.

ނަޒީރާވެސް އިތުރު ވާހަކައެއް ނުދައްކާ ޔަނާ ގާތުގައި އޮށޯވެ ދިގުދެމިލައިފިއެވެ. ވަރަށް އަވަހަށް ނަޒީރާގެވެސް ހުވަފެނީ އާލަމުގެ ދޮރުގައި ޓަކިދޭން ފަށައިފިއެވެ. ދޭތެރެއަކުން ސިއްސައިގެން ގޮސްފައި ހޭލެވޭ ކަހަލަ ގޮތެއް ވިނަމަވެސް ނަޒީރާގެ ލޮލެއް ނުހުޅުވެއެވެ. ޔަނާއަށް ވަމުން ދިޔައީ ތަފާތު ގޮތެކެވެ. ބައެއް ފަހަރު ކަޅުކަމާއި ފުންކަން ނޭނގޭ ފަދަ ފުން ވާދީއަކަށް ބާރަށް ވެއްޓިގެން ދާހެން ހީވެގެން ސިހިފައި ބާލީހުގައި ބާރަށް ބައްދައިލެވެއެވެ. އެސްފިޔަތަކުގެ ދޭތެރެއިން ނާއިކްގެ ސޫރަ ފެނިލާހެންވެސް ހީވެއެވެ. ޔަނާއަކަށް އެރޭ ރަނގަޅަކަށް ނުނިދުނެވެ.

ޔަނާ މާއިޝްއާ ޗެޓް ކުރަން އިންއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ޔަނާ ގިނައިން ސުވާލުކުރަމުން ދިޔައީ ހަންޑިތަކުގެ ވާހަކައިންނާއި ޖިންތަކުގެ ވާކައިންނެވެ. މާއިޝް އެއްގޮތަކަށްވެސް އެފަދަ ކަމަކަށް އީމާނެއް ނުވެއެވެ. އޭނާ ދެކޭގޮތުގައި އެއީ އިންސާނުންގެ އުފެއްދުމެކެވެ. ހަގީގަތެއް ނޫނެވެ. ލޮލުން ފެނުނީމަ ނޫނީ މާއިޝް ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ޔަނާ ބޭބެއާ ޗެޓް ކުރުމަށްފަހު ދިޔައީ އިޝާއާ އެކީގައި ޕާޓީއަކަށެވެ.

އެ ޕާޓީ އަކީ އިޝާގެ ދެބެންގެދެދަރި އަންހެން ކުއްޖެއްގެ ދަރިއަކު ހިތާނުކޮށްގެން އޮތް ކެއުމެކެވެ. އެ ގެ ހުންނަނީ މީހުން އުޅޭ ސަރަހައްދާ ފުދޭ ވަރަކަށް ދުރުގައެވެ. ވަށައިގެން ފެންނަނީ ބިޔަ ގަސްތަކެވެ. ގެ ދިއްލާ އަޅާފައި ވީނަމަވެސް ދުރުދުރަށް ދާންދެން ގަސްތައް ފެނަނަމުން ދިޔައީ ބިޔަ އިފުރީތުތަކެއް ފަދައިންނެވެ. ޔަނާ އާއި އިޝާ ތަށި ފުރެންދެން ކުކުޅު ބިރިޔާނީ އަޅައިގެން ގޮސް ޖައްސާލީ ތަންކޮޅެއް ދުރުގައިވާ ވިނަގަނޑެއް މަތީގައި ހުރި ގޮނޑިތަކެއްގައެވެ.

"ޔަން… ބިރުންތަ؟" ޔަނާ ވަށައިގެން ހޯދާވަރުން އިޝާ އަށް އެހެން ގޮތެއް ހީވެގެން އަހާލައިފިއެވެ.

"ނޫނޭ.. ކޮންކަމަކާ؟ މިތަން ވަރަށް ހިތްގައިމު… ތަރިތައް ގުނާލާހިތްވެއްޖެ.." ޔަނާ އުދަރެހާ ދިމާލަށް ބަލައިލިރު އެތައް ހާސް ތަރިތައް ފަލަކުގައި ބަބުޅަމުން ދިޔައެވެ. ނާއިކް އަކީ އެ ތަރިތަކުގެ ދުނިޔެއަށް ނިސްބަތްވާ ޒުވާނެއްހެއްޔެވެ؟ އެއިން ޕްލެނެޓަކުން އިންސާނުންގެ ސިފައިގައިވާ ތަފާތު މަހުލޫގުންތަކެއް އައުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ.

"ޔަންވެސް މޮޔަވެދާނެ… ތެދަށް ބުނަންޏާ އަހަރެން ވަރަށް ބިރުގަނޭ ހަންޑިއެއް… ފެނިދާނެތީ… އެހެންވެ ކާފަ ލައްވާ ތަވީދެއް އަޅުވައިގެން މިއުޅެނީ… މިހާރު ކުރިން އެހުންނަ ސިހުމެއް ނުހުރޭ… އެކަމަކު ނުކެރޭނެ މިގޭގެ އިމުން ބޭރަށް ދާކަށް… ކާފަ ވަނީ މިގެއަށްވެސް ފަނޑިތަ ހަދާފައި… އެއްވެސް އެއްޗަކަށް މިގޭގެ އިމުން އެތެރެއެއް ނުވަދެވޭނެ…" އިޝާ ވާހަކަ ދައްކަދައްކާ ހުއްޓާ ޔަނާގެ ނަޒަރު ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައިވާ ޖޭމުގަހަކަށެވެ. ހަނދުވަރުގެ އަލީގައި އެ ގަހުގެ ޖޭމުތައް ވިދަމުންދާއިރު އެ ފެންނަ ފުރިހަމަކަން ސިފަކޮށްދިނުމަކީ ޝާއިރެއްގެ ގަލަމަކުންވެސް ކުޅާދާނަވާނެ ކަމެއްނޫނެވެ. އެ ޖޭމުގަހުގެ ފަތްތައް ތެޅިލާފައި ގަހުގެ ތެރެއިން ޔަނާއަށް ފެނުނީ ހިޔަންޏެކެވެ. އޭނައަށް އެ ހިޔަނިންވެސް ނާއިކްގެ ސޫރަ އެނގުނެވެ.

"އަހަރެން އެބައަންނަން ޖޭމެއް ބިނދެލައިގެން،" ޔަނާ ތަށި ބަހައްޓާފައި ތެދުވެ ހިނގައިގަތުމުން އިޝާ ފަހަތުން އައިގޮތަށް ޔަނާގެ މެދުހަށީގައި ހިފެހެއްޓިއެވެ.

"އެއީ ނާމާން… ގަހެއް… ޤަބޫލުކުރޭ… ރޭގަނޑު އެ ގަސްދޮށަށް ވަންނާކަށް ނުވާނެ…" އިޝާގެ މޭގަނޑު ތެޅެމުން ދިޔައެވެ.

"އެއްވެސް ބިރުވެރިކަމަކާ ދިމާނުވެ އަހަރެން ޖޭމު ބިނދެގެން އައިއްޔާ އިޝާ އަހަންނަށް އެއްޗެއް ދޭންވާނެ އިނގޭ…" ޔަނާ އިޝާގެ އަތްދޮށުން ދެމިގަންނަމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭރު ޔަނާއަށް ހުރެވުނީ ކާފަ ވަކިކޮށްފައިވާ އިމުން ބޭރުގައެވެ. އިޝާ ދެކޭ ގޮތުގައި ނާމާންކަމާއި ނުރައްކަލުން ފުރިފައިވާ ސަރަހައްދުގެ ތެރެއަށް ވަންނާކަށް ނުވާނެއެވެ. ޔަގީނުންވެސް އިޝާއަށް އެ ރޮނގު ހުރަސްކޮށް ޔަނާގެ ފަހަތަކުން ދާކަށް ލާހިކެއްނޫނެވެ. އިޝާއަށް އޮތްގޮތަކީ ޔަނާއަށް ކަމުގެ ހުރި ނުރައްކާ ވިސްނައިދޭން މަސައްކަތްކުރުމެވެ. ޔަނާ ބިރެއްނެތި ޖޭމުގަސް ކައިރިއަށް ދިޔައީ ނާއިކްއަށް ކުރި އިތުބާރެއްގެ ސަބަބުންނެވެ.

"ޔަނާ…" ކުއްލިއަކަށް ދެތިން ފޫޓް ދުރުން ވިދުވަރެއްހާ ގަދަޔަށް އަލިވެގެން ދިޔުމާއެކު އޭނައަށް ފެނުނީ އެ ހުދު އަލީގެ ތެރެއިން ނާއިކް ހިނިތުންވެފައި ހުއްޓައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.