...

Support Us

ވާހަކަ: ކަޅުހިޔަނި

އިރުއޮއްސެމުން ދިޔައިރު އުޑުމަތި ހީވަނީ އަލިފާންގަނޑެއް ރޯކޮށްލާފައިވާހެންނެވެ. މޫދުގެ ސަތަހައަށްވެސް ރަންއަލި ވިރުވާ އަޅުވަމުންދާހެން ހީވެއެވެ. މޫދުގެ ސަތަހައިގައިވެސް ބިއްލޫރިކޮޅުތައް އޮޔާ ދެމެމުންދާހެން ހީވެއެވެ. ބަލާބަލާ ފޫހިނުވާ ފަދަ ގުދުރަތީ ރީތި މަންޒަރެކެވެ. ހިތްތަކަށް ޖާދޫ ހަދާ އާޝޯހްކޮށްލަމުން އިރު އޮއްސެމުން ދިޔަ މަންޒަރު ދެކެން އިރުކޮޅަކު ހުރެލާފައި އެ އަންހެން ކުއްޖާ އަތަށް ފައިވާން ލައިގެން އިސްއޮބާލައިގެން ކުރިއަށް ފިޔަވަޅުއަޅަން ފެށިއެވެ. މިރަށަށް އައުމުން އެކަނިވެރިކަމާއި މޮޅުވެރިކަން އިހުސާސްކުރެވެނީ ވަރަށް ބޮޑަށެވެ. އެއްވެސް އެކުވެރިއަކު ނެތް ފަޅު ތަނެކެވެ. މަންމަ ގިނައިން އުޅެނީ ޑިއުޓީގައެވެ. ހުރިހާ އެކުވެރިން ދޫކޮށްލާފައި މިހާ ދުރަށް މަންމަ އަންނަން ޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ވިސްނުމަކަށް ނާދެއެވެ. ނަމަވެސް މިރަށުގެ ރީތިކަމާއި ހިމޭންކަމުން ޔަނާގެ ހިތުގައި އެހެން ކަހަލަ ޝައުގެއް އުފެދިފައިވެއެވެ.

އެވަގުތު އޭނާއަށް ހީވީ ގަސްތަކުތެރޭން މީހަކު ފެނުނުހެނެވެ. ރީތިކޮށް ރަތް ކުލައިގެ ހެދުމެއް ފެނިލިހެން ހީވިއެވެ. ގަހުގެ ގޮފިގަނޑެއް ވަޔާ ހެލިލުމުގެ ސަބަބުން ހިޔަންޏެއް ފެނުނު ކަމުގެ ކުށްހީއެކެވެ. އެކަން ޔަގީންކޮށްލުމުގެ ގޮތުން އޭނާ ގަސްތަކުގެ ތެރެއަށް ވަނެވެ. ހުރިހާ ދިމާލެއްވަނީ ހިމޭންކޮށެވެ. "އެވާނީ ކުށްހީއަކަށް… އަހަރެން ހަންޑި ދެކެ ބިރެއްނުގަނޭ،" އެ ކުއްޖާ ހީލާފައި އަތްދިއްކޮށްލާފައި އެތާ ހުރި ގަހަކުން ރަތްކުލައިގެ މަލެއް ބިނދެލާފައި ވަސްގަނެލިއެވެ. އެ މަލުގައި ހުންނަނީ ލެވެންޑަރ މަލުގައި ހުންނަ ކަހަލަ ހިތްފަސޭހަ ވަހެކެވެ. އެކުއްޖާ ފުންކޮށް ނޭވާލާފައި ލޯމަރާލި ވަގުތު އަތުގައި މީހަކު ބީހިލި ކަމުގެ އިހްސާސް ކުރެވުނެވެ. އޭނާ ސިހިފައި ވަށައިގެން ހޯދައި ބަލައިލިއެވެ. އެއްވެސް ދިމާލަކުން މީހެއްގެ ހިލަމެއް ނުވެއެވެ. ނަމަވެސް އިރުއޮއްސި އަނދިރިވަމުން ގޮސް މި ހިސާބު ޖަންގައްޔެއްގެ ސިފައިގައި ފެންނަން ފެށުމުން ގަޑިއަށް ގެއަށް ދިއުމުގެ މުހިއްމުކަން ވިސްނިގެން ގަސްތައް ދުރުކޮށްލާފައި މަގަށް ނިކުތެވެ.

އެކުއްޖާ ދުވެފައި ކަހަލަ ގޮތަކަށް މޫދުގައި، އެއްގަމަށް އަރަން އޮންނަ މަގުން ގޮސް ގޭގެ ދޮރާށްޓާ އަރާ ހަމަވިއިރު އޭނާ ހުރީ މާނޭވާލެވިފައެވެ. ހިތުގެ މައްސަލައެއް އުޅޭތީ ކުޑަކޮށް ދުވެލިޔަސް އޭނާ ވަރުބަލިވެ ނޭވާ ކުރުވާ ގޮތްވެއެވެ. ހިކިކަމުން ގޮސް ބައެއް ފަހަރު ލުއިވެގެން ގޮސް ވައިގެތެރޭގައި އުދުހެލެވިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. މަންމައަކީ ޑޮކްޓަރަކަށްވާތީ ތަކުރާރުކޮށް މަންމަގެ ތަގުރީރާއި ގަވާއިދުތައް އަޑުއަހަންޖެހެއެވެ. "ޔަން… އިރު އޮއްސުމުގެ ކުރިން ގެއަށް އަންނާށޭ ބުނީމަ ލަސްވީ.. ކޮންތަނަކުން ބިންމަލެއް؟" ޑޮކްޓަރު ނަޒީރާ އިނީ ގޭގެ ފެންޑާގައި ހުރި އުނދޯޔެއްގައި ކޮފީ ބޯށެވެ. މަޑުނޫކުލައިގެ ކުރުތާއަކާއި ޖިންސެއްލައިގެން އިންއިރު ނަޒީރާ އަކީ ފެޝަނަށް ލޯބިކުރާ މީހެއްކަން ދައްކުވައިދެއެވެ. ނަޒީރާ އެންމެ ފަހު ޖުމުލަ ބުނެލިއިރު އޭނާ އިނީ ބިރުގެންފައެވެ. އަނެއްކާ އޭނާގެ ކުޑަ ދަރިފުޅުގެ ހިތް ފިރިހެނަކަށް ހަދިޔާ ކުރީހެއްޔެވެ؟ އިރުއޮއްސޭ މަންޒަރު ދެކެން ދިޔުމުގެ ބަހަނާގައި ފިރެހެން ކުއްޖަކާ ބައްދަލުކުރަން ޔަނާ ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. އުމުރުން އެންމެ ސޯޅަ އަހަރުގެ ކުއްޖެއްގެ ލޯބިވެރިއަކު ހުރުމަކީ ނަޒީރާ ދެކޭގޮތުގައި އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫނެވެ.

"މި މާ ވަރަށް ރީތި ދޯ؟ މޫދުކައިރީގައި ހުރި ގަސްތަކުގެ ތެރެއިން މާ ފެނުނީމަ ހަމަ ބިނދެލާހިތްވީ.. ސޮރީ މަންމާ.. ދެން ލަހެއްނުކުރާނަން.." ޔަނާ ކުޑަހިނިތުންވުމަކާ އެކު އެހެން ބުނެލާފައި ގޭތެރެއަށް ވަނެވެ. ނަޒީރާ ދަރިފުޅު ގޮވައިގެން މި ރަށަށް ބަދަލުވީ އެތައް ޒަމާނެއް ވަންދެން އޮސްޓްރޭލިއާގައި ހުރުމަށްފަހު އޮސްޓްރޭލިއާގެ ފިރިމީހާ މަރުވުމުންނެވެ. އޮސްޓްރޭލިއާ ފަދަ ތަހުޒީބުވެ ކުރިއަރާފައިވާ ގައުމެއްގައި އުޅެފައި ރާއްޖެތެރެ ތަފާތު ވެފައި ހިމޭންކަމުން ޔަނާގެ ހިތުގައި މި ރަށާ މެދު ވަގުތުން ޝައުގު އުފެދުނެވެ. ހާއްސަކޮށް މޫދާއި ފެހިކަން ގަދަ ގަސްތައް ފެނުމުން ޔަނާ މޮޔަވާގޮތްވިއެވެ. ޔަނާއަކީ މަލާއި ގަސްތަކަށް ލޯބިކުރާ ކުއްޖަކަށްވާތީ ލިބޭ ހުސް ވަގުތު އެ ބޮޑު ގޯތީގައި މާގަސްތައް އިންދަން ފަށައިފިއެވެ. މި ރަށަށް އައިތާ އެންމެ ހަފްތާއެއް ނުވަނީސް ޔަނާމެން ދިރިއުޅޭ "ލޮޓަސް" ގޭގެ ވީރާނަކަމާއި ފަޅުކަން ކޮންމެވެސް ވަރަކަށް ކެނޑި ދިރުމުގެ އަސަރު އެބަ ފެނެއެވެ.

ޔަނާ ކޮޓަރިއަށް ވަދެ ބިއްލޫރި ވާސްގައި އެ ރަތްކުލައިގެ ރީތިމާ ޖަހާލުމަށްފަހު ހެދުން ބާލައިފައި ފެންވަރާލަން ގަސްތުކުރިއެވެ. އެ ކޮޓަރީގެ ކުޑަދޮރުތަކުގައި އަދި ފަރުދާތައް ނުދަމާ ހުރުމުން ބޭރު ހާމަޔަށް ހުންނާތީ މިނޫނީ ޔަނާ ފަހަރެއްގައިވެސް ކޮޓަރީގައި ހުރެ ހެދުން ބާލައިފައެއްނުވެއެވެ. އެހެންނޫނަސް މިގެއާ ޖެހިގެން ދެން ހުންނަނީ ފަޅުގެއެކެވެ. މީހަކު އެގޭ ފާރުމަތިން އަރާ ބަލާފާނެ ކަމަށް ޔަނާ ޤަބޫލެއްނުކުރެއެވެ. އެ ކޮޓަރީގެ ތެރޭގައި ވަލަށް ނިކުމެވޭ ގަތަށް ދޮރެއް ހުރެއެވެ. ޔަނާއަށް އިހުސާސްކުރެވެނީ އަމިއްލަ ވަކި ގެއެއްގައި އުޅެވޭހެންނެވެ. މިހާ ބޮޑު ތަނަވަސް ކޮޓަރިތައް ހުރި ގެއެއް ފަޅު ހިސާބަކުން ލިބުމުން ޔަނާ ހުންނަނީ އުފާވެފައެވެ. ޔަނާ ފެންވަރާލައިގެން ތުވާލި ގައިގާ އޮޅާލައިގެން ނިކުތްއިރު ދޮރުގެ ބިއްލޫރިގަނޑަށް ހިޔަންޏެއް އެޅުނެވެ.

"މާތަކަލާކޯ.." ޔަނާ ވައިރޯޅިއެއްހާ ބާރުމިނުގައި ފާހާނާތެރެއަށް ވަންއިރު އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެއެވެ. އޭނާގެ މަންމައަށް ގޮވާފައި އިންޒާރުދޭންވެސް ބޭނުންވިއެވެ. އަނެއްކާ ވަގަކު މިގެއަށް ވަންނަން ފާރަލަނީކަން ނޭނގެއެވެ. ޔަނާ ފާހާނާތެރޭގައި ހުރެ ހެދުންލައިގެން ބޭރަށް ނިކުތީ މަޑުމަޑުންނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ.

"މިރޭ މުޅިންވެސް ޝައްކާއި ވަހުމް.. އަޖައިބެއްނު…" ޔަނާ އަލާމާރި ހުޅުވާލުމާއެކު ނަޒަރު ހުއްޓުނީ ކުޑަ ފޮޓޯ ފްރޭމަކަށެވެ. އޭނާގެ އާއިލާ އޮސްޓްރޭލިޔާގައި ނަގާފައިވާ ފޮޓޯއެކެވެ.

ޔަނާ އޮސްޓްރޭލިޔާގައި އުޅުނު އުފާވެރި، މަޖާ ދުވަސްތަކުގެ ހަނދާންތަކުގެ ތެރެއަށް ގެނބިފައި އިރުކޮޅަކު އިނީއެވެ.

ޔަނާ ފޮޓޯ ފްރޭމް މޫނުގައި ޖައްސާލުމަށްފަހު ބޭރަށް ނިކުތީ ރޭގަނޑު ކެއުމަށެވެ. މަންމަ ހުރީ ތަރުކާރީ ކައްކާފައެވެ. އޭނާ ތަރުކާރީ އާއި މޭވާ ކާހިތްނުވިޔަސް ގަދަކަމުން މަންމަ ކާންދޭވަރުން މިހާރު ކޮންމެވެސް ވަރަކަށް އެކަހަލަ އެއްޗެހި ކާހިތްވެއެވެ. ޔަނާ ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި އިނދެ ރަނގަޅަށް ކައިގެން ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ.

ޔަނާއަށް ބަލަން އޮވެވުނީ ބިއްލޫރި ކުޑަދޮރާ ދިމާލަށެވެ. ބޭރުން ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވޭހެން ހީވެއެވެ. ޔަނާގެ އެސްފިޔަތައް ބަރުވަމުންގޮސް ލޯމެރުނު ތަނާހެން ފެނުނީ ވަރަށް ރީތި ބިޔަ ފިރިހެން ކުއްޖެކެވެ. އިސްކޮޅުން ދިގުވެފައި ބައިމަތި ފުޅާ ޒުވާނެކެވެ. އެކަމަކު އެހާ ސާފުކޮށެއް ނުފެނެއެވެ. ހީވަނީ ފެންގަނޑުގެ ތެރެއިން މީހެއްގެ ސޫރަ ފެންނަހެންނެވެ. ޔަނާ ސިހިގެން ގޮސް ލޯ ހުޅުވާލެވުނުއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

"ހާދަ ހާދަ ހާދަހާވާ ރީތި ކުއްޖެކޭ… އެއީ ކާކުތަ؟ ހުވަފެނުގައި ފެނިލުމުގެ ބޭނުމަކީ ކޮބާ؟" ޔަނާ ދެވަނަ ފަހަރަށްވެސް އެފަދަ ރީތި ހުވަފެނެއް ފެންނާނެ ކަމުގެ އުންމީދުގައި ލޯމަރާ ތަގުޅިކޮށްލިނަމަވެސް ނިދި އޭނައަކާ އެހީއެއް ނުވިއެވެ. ޔަނާ ދެފަރާތަށް ފުރޮޅިފުރޮޅި އޮއްވާ އިރުގެ އަލި މަޑުމަޑުން ގަދަވަމުން ގޮސް ހުރަހެއް ނެތި އިރުގެ ދަޅަތަކުން ކޮޓަރި ފުރާލައިފިއެވެ. ޔަނާ ކަންނެތް ގޮތަކަށް މޯލިއަކަށް ދެމިލާފައި އެންމެފަހުން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލައިފިއެވެ.

ޔަނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެ ދިމާލުގައިވާ ގަހަކަށެވެ. އެ ގަހުގައި ވަނީ ކޮޓަރީގައި ހުރި ކަހަލަ އެތައް މާތަކެއް އަޅާ ބަރާވެފައެވެ. ޔަނާ އަނގަ ހުޅުވުނު ގޮތަށް ލޯ ބޮޑުކޮށްލައިގެން ހުރިއިރު އެތައް ހިޔާލުތަކެއް ސިކުނޑި ބަރާވަމުން ދިޔައެވެ. ޝައްކާއި ވަހުމުން ހިތް ފުރުނެވެ. ނަމަވެސް އެއީ ޖިންނި ކަމަކަށް ވެދާނެ ކަމަށް ޔަނާ ޤަބޫލެއްނުކުރެއެވެ. ކޮންމެވެސް އިންސާނަކު އޭނައަށް ފާރަލަނީއެވެ. އޭނައަށް މާ ރީތިވީކަން އެނގުނީމަ މިކަހަލަ ގަހެއް ގެނެސްދިނީ ކަމަށް ވެދާނެއެވެ.

އެދުވަހު އާދައިގެ މަތިން ނަޒީރާ ޑިއުޓީއަށް ދިޔަތަނާހެން ޔަނާވެސް ސްކޫލަށް ހިނގައްޖެއެވެ. އޭ ލެވެލް ހަދަން ކިޔަވާއިރުވެސް އޭނައަށް މަންމަ އެ ބުނާ ފެންވަރަކަށް ކިޔެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ކިތަންމެ ވަރަށް ފިލާވަޅު ދަސްކުރިއަސް އިރުކޮޅަކުން އޭނާގެ ހަނދާނުން ކައްސާލައިގެން ދެއެވެ. އެހެންވުމުގެ ސަބަބުން ޓީޗަރުންގެ ފާޑުކިޔުންތައްވެސް އޭނައާ އަމާޒުވެ އަބަދު ޖެހިލުންވެފައި ހުރެވޭ ގޮތްވާން ފަށައިފިއެވެ. ބޭބެމެން ފަދައިން މޮޅު ކުއްޖަކަށް ވާން ޔަނާ ކިތަންމެ މަސައްކަތް ކުރިޔަސް އަދި ކާމިޔާބެއްނުވެއެވެ.

****

މިރޭވެސް ޔަނާއަށް ނިދުނުތަނާހެން އެ ރީތި ފިރެހެންކުއްޖާ ހުވަފެނުގައި ފެނުނެވެ. ފެންގަނޑެއްގެ ތެރެއިން ފާޅުވާ އާދަޔާ ހިލާފު ސޫރައެކެވެ. މިރޭ ތަފާތަކީ އެ ފިރެހެންކުއްޖާގެ ފައި ހުންނަ ހިސާބު ރަނގަޅަށް ނުފެނި ގައިން ދުންއަރަމުންދާތީއެވެ. ޔަނާއަށް ހޭލެވުނުއިރު އޭނާގެ ހަށިގަނޑު ވަނީ ދަލުން ތެމިފައެވެ. އޭނައަށް އެނދުމަތީ އަތްވިއްދާލައިގެން އިށީނދެވިއްޖެއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އޮރެންޖު ކުލައިގެ އަލީގެ ތެރެއިން އިތުރު އެހެން އެއްޗެއް ޔަނާއަކަށް ނުފެނުނެވެ.

"ޔަނާ…" ތަންކޮޅެއް ދުރުން ކޮންމެވެސް މީހަކު ގޮވާލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.