Support Us

ސޫރިޔާގެ ރައީސް ބައްޝަރު އިމާރާތަށް

އިމާރާތުގެ ރައީސް އައްޝައިޚު މުޙައްމަދު ބިން ޒާއިދުގެ ދަޢުވަތަކަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މިއަދު އަބޫ ޡަބްއިއަށް ވަޑައިގެންފިއެވެ. އޭނާގެ އަރިހުގައި އަނބިކަނބަލުން އަސްމާ ވެސް ބައިވެރިވެ ވަޑައިގަތެވެ.

އިމާރާތުގެ ނޫސް އޭޖެންސީ (ވާމު) ބުނާގޮތުގައި ރައީސް އަސަދަށް އަބޫޡަބްއިގެ ރިޔާސީ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދެވެ.

ރައީސް އަސަދުގެ މަތިންދާބޯޓު އިމާރާތުގެ ވައިގެ ސަރަޙައްދަށް ވަނުމުން އިމާރާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އަސަދުގެ ބޯޓަށް ޙިމާޔަތް ދިނެވެ.

ރައީސް އަސަދަށް ރަސްމީކޮށް މަރްޙަބާ ދެންނެވުން އޮތީ އަބޫ ޡަބްއިގެ ވަޠަން ގަނޑވަރުގައެވެ.

މި ދަތުރުފުޅުގައި ރައީސް އަސަދުގެ އަރިހުގައި ސޫރިޔާގެ އިޤްތިޞާދާއި ޚާރިޖީ ވިޔަފާރިއާބެހޭ ވަޒީރާއި އިންފޮރމޭޝަން ވަޒީރާއި ރިޔާސީ އޮފީހުގެ ވަޒީރު ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ ސޫރިޔާގެ ރައީސް އަސަދު 2011ގެ ފަހުން ޢަރަބި ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ ސަބަބުން ސޫރިޔާއަށާއި މުޅި ސަރަޙައްދަށް ހަމަޖެހުމާއި ޞުލްޙައާއި ލާބަ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިމާރާތުގެ ރައީސް ވިދާޅުވިއެވެ. މިއަދު ރައީސް އަސަދާއި އިމާރާތުގެ ބޮޑުވަޒީރު އަދި ނައިބު ރައީސް އައްޝައިޚު މުޙައްމަދު ބިން ރާޝިދު އާލު މަކްތޫމު ދުބައިގައި ބައްދަލު ކުރެއްވިއެވެ.

އަސަދު ރަސްމީ ދަތުރުފުޅެއްގައި އިމާރާތަށް ވަޑައިގެންނެވުމުން އެމެރިކާއިން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި މިއީ އެމެރިކާ ވަރަށް ހިތާމަކުރާ ކަމެކެވެ.

ނެޑް ޕްރައިސް ވިދާޅުވިގޮތުގައި އެމެރިކާއިން ސޫރިޔާއާއެކު ގުޅުންތައް ޠަބީޢީކުރުމަށް ތާއީދެއް ނުކުރާނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ސޫރިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް އެމެރިކާއިން އުވައެއް ނުލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *