Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޝަޢުބާން މަހުގެ 29 ދުވަހުގެރޭ ހަނދު ފެންނާނެތަ؟

މި އަހަރުގެ މުލަރޯދަ ދުވަހަކީ، މި ހިނގާ މާރިޗު މަހުގެ 22 ވަނަ ދުވަހަށް ވުމުގެ ނުވަތަ 23 ވަނަ ދުވަހަށް ވުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. އެއީ، ހަނދު ލޮލަށް ފެނިގެން ހަނދުމައްސަރު ފަށާ އުޞޫލުން، ނުވަތަ ހަނދު ނުފެންނަ ޙާލަތެއްގައި ނަމަ، ހިނގަމުންދާ މައްސަރުގެ 30 ދުވަސް ހަމަކުރާ އުޞޫލުން، ނުވަތަ، ހަމަލޮލަށް ހަނދު ނުފެންނަ ޙާލަތްތަކުގައި ފަލަކީ ޙިސާބަށް ބުރަވާ އުޞޫލުން، ނުވަތަ، ޓެލެސްކޯޕު ފަދަ ޒަމާނީ އާލާތްތަކަށް ހަނދު ފެންމަތީގައި ހުރިކަން ކަށަވަރު ކުރެވޭ އުޞޫލުން، ނުވަތަ އިސްލާމީ ގައުމަކަށް ހަނދު ލައްވައިގެން އެ ނިންމުމަށް ތަބާވާ އުޞޫލުން، ރޯދަމަހުގެ ފުރަތަމަ ދުވަހަކީ، މި މާރިޗު މަހުގެ 22، ނުވަތަ 23 ވަނަ ދުވަސް ކަމުގައި ނިންމިދާނެ އަސާސްތަކެއް ހަނދުގެ ދައުރުވުމުގައި ހުރުމުންނެވެ.

އެ ހަމަތަކުގެ ތެރެއިން، އެއް ހަމައެއް ކަމުގައިވާ، އިސްލާމީ ޤައުމަކަށް އެފަދަ ރެއެއްގައި ހަނދު ސާބިތުވެގެން ހަނދު ލައްވާ އުޞޫލަކީ، އިސްވެދިޔަ ތާނގައި ރާއްޖޭން ޢަމަލުކޮށްފައިވާ ގޮތެކެވެ. އެއީ، މިޒަމާނަކަށް އައިސް ގިނަ ގައުމުތަކުން ޢަމަލުކުރާ ވެސް ގޮތެކެވެ.

އެ އުޞޫލުތަކަށް ނަޒަރުކޮށް، މި މާރިޗު މަހުގެ 21 ވަނަ ދުވަހު އިރު އޮއްސުމުގެ ފަހުން ސަތަހައިގެ މަތީގައި ހަނދު ހުރެގެން ހަމަލޮލަށް ނުވަތަ ޓެލެސްކޯޕެއް ފަދަ ޒަމާނީ އާލާތެއްގެ އެހީގައި ވިޔަސް ހަނދު ފެންނާނެތޯ ނުވަތަ ނޫންތޯ އާއި އަދި އެއީ، ކޮންކޮން ގައުމުތަކަކަށްތޯ ބަލައި ކަށަވަރު ކުރުމަށްޓަކައި، ފަލަކީ ޙިސާބުގެ އަލީގައި ބެލިއިރު، އެ ގައުމަކަށް ހަނދު ސާބިތުވެގެން، އެގައުމެއްގެ ނިންމުމާ އެއްގޮތަށް ރާއްޖެ ތަބާވެފައިވާ އިސްލާމީ ގައުމެއް ކަމުގައިވާ މަޣްރިބު ކަރައަށް 21 މާރިޗުގައި އިރު އޮއްސުމުގެ ފަހުން ސަތަހައިގެ މަތީގައި 35 ސިކުންތާއި 59 ސިކުންތާ ދެމެދުގެ ހިނދުކޮޅަކަށް އިރަށް ވުރެ ހަނދު ފަސްވާކަން ފަލަކީ ޙިސާބަށް ކަށަވަރުވެއެވެ.

އިރާއި ހަނދާއި ގުރަހަތަކާއި ތަރިތައް އެފްރިކާ ބައްރުގެ ހުޅަނގު ފަރާތަށް ނެއްޓި މެޑިޓްރޭނިއަން ކަނޑަށް މެރީޑިއަމްވާ ޚައްޠުޠޫލަކީ، ރާއްޖެއަށް އެފަދަ ތަކެތި އޮއްސޭ ދުރުމިން ކަމަށްވާތީ، އޭގެ ހުޅަނގަށް ހުރި ގައުމުތަކަށް ހަނދު އޮއްސުމުގައި ކަންހިނގާ ގޮތަށް ނުބެލިކަމުގައި ވިޔަސް، އޭގެ އިރުމައްޗަށް ހުރި އިސްލާމީ ގައުމު ތަކަށް އެފަދަ ދުވަސް ދުވަހު އިރަށްވުރެ އޮއްސުމުގައި ހަނދު އިސްވުމާއި ފަސްވުމުން ޢަމަލު ކުރާގޮތް ތަފާތުވުމަކީ ނެތް ފުރުޞަތެއް ނޫނެވެ.

ރާއްޖެއަށް އިރާއި ހަނދާއި ގުރަހަތަކާއި ތަރިތައް އޮއްސޭ ދުރުމިން ކަމުގައިވާ، މާލެ އޮންނަ ޚައްޠު ޢަރުޟުން ހުޅަނގަށް ގޮސް ގުޅޭ -16.5 (ނުވަތަ 016.5°W) ދަރަޖަވީ ޚައްޠުޠޫލު، އެ ގައުމެއްގެ މަތީން ދެމިފައިވާ އިސްލާމީ ގައުމެއް ކަމުގައިވާ އެފްރިކާ ބައްރުން ހުޅަނގު އުތުރުގައި އޮންނަ މަޣްރިބު ކަރައިގެ قرية الصيادينގެ އިރުއުތުރުން އެޓްލާންޓިކް ކަނޑުގެ އައްސޭރި ފަށުގައިވާ بير كندوز އެވެކިޔޭ ސަރަޙައްދުގެ 22° 20’ 52”N, 16° 29’ 41”W ޕޮޒިޝަނަށް، އެދުވަހު އިރަށް ވުރެ 35 ސިކުންތު ހަނދު އޮއްސުމުގައި ފަސްވާކަން ފަލަކީ ޙިސާބުން އެނގޭން އޮތް ފަދައިން، ރާއްޖެއަށް އިރުހަނދު އޮއްސޭ ޚައްޠުޠޫލުގެ ހުޅަނގަށް އޮންނަ ސަރަޙައްދުން، މަޣްރިބު ކަރައިގެ ހުޅަނގު ދެކުނު ސަރަޙައްދުގެ އެޓްލާންޓިކް ކަނޑުގެ އައްސޭރީގައިވާ الكويرة (La Guera) އަށް އެދުވަހު އިރަށް ވުރެ 59 ސިކުންތު ހަނދު އޮއްސުމުގައި ފަސްވާކަން ވެސް ފަލަކީ ޙިސާބުން އެނގޭން އޮވެއެވެ.

އޭގެ އިތުރުން ސެނަގޯލްގެ ޑާކާރު (Dakar) ގެ އެންމެ ހުޅަނގަށް، މާރިޗު 21 ވަނަ ދުވަހު އިރަށް ވުރެ ހަނދު އޮއްސުމުގައި ދެ މިނެޓް ފަސްވާކަން ވެސް ފަލަކީ ޙިސާބުން އެނގޭން އޮވެއެވެ.

އެހެންކަމުން، އިސްލާމީ ގައުމަކަށް ހަނދު ފެނިގެން ނުވަތަ އިސްލާމީ ގައުމަކަށް ހަނދު ފެންމަތިވާކަން ފަލަކީ ޙިސާބަށް ކަށަވަރުވެގެން، ހަނދު ލައްވާ އުޞޫލުން ހަނދު ލައްވައިފިނަމަ، މާރިޗު 22 ވަނަ ދުވަހަކީ ވެސް، އަންނަ ރޯދަމަހުގެ މުލަރޯދަ ދުވަސްކަމަށް ވުމަކީ ނެތް ފުރުޞަތެއް ނޫނެވެ.

އެފަދައިން، ހިނގަމުންދާ ޝަޢުބާން މަސް ނިމި، ރޯދަމަސް ފެށޭ "އެއްއުއި"ވާ ވަގުތަކީ، އެދުވަހު ރާއްޖެއަށް އިރުއޮއްސުމުގެ ފަހުގެ ވަގުތެއް ކަމަށްވާ، އެރޭގެ 10:21 ގައި، މޭސަ ރާހީގެ 00 ދަރަޖަ 49 ދަގީގުގައި އިރާއި ހަނދު ހުންނަ ހިނދުކޮޅު ކަމަށްވާތީ، އެދުވަހު ރާއްޖެއަށް އިރު އޮއްސުމުގެ ފަހުން އެއްއުއިވާކަން އެނގޭން އޮންނަ އޮތުމަކީ، ރާއްޖޭގެ އެއްވެސް ރަށަކަށް ނުވަތަ ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް ވިޔަސް، މާރިޗު 21 ގައި، އިރު އޮއްސުމުގެ ފަހުން ހަނދު ސަތަހައިގެ މަތީގައި ނުހުންނާނެކަން %100 އަށް ކަށަވަރުވާ ފަލަކީ އަޞްލެއް ކަމަށްވުމުން، ހިޖްރީ މައްސަރުތައް ފެށުމުގައި ޢަމަލުކުރާ ޤާއިދާ ތަކަށް ނަޒަރުކޮށް، މާރިޗު 22 ވަނަ ދުވަހަކީ ހިނގަމުންދާ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމަށްވުމަކީ، މި ފަހަރު އެންމެ އެކަށީގެންވާ ގޮތެވެ.
އެހެން އެކަންކަން ހުރުމުގެ އިތުރުން، އެއްއުއިވާ ވަގުތަކީ، ހިނގަމުންދާ މައްސަރެއް ނިމި، ޤުދްރަތީ ނިޒާމުން އައު މައްސަރެއް ފެށޭ ވަގުތު ކަމުގައިވާތީ، ޢާއްމު އައު މައްސަރެއް ފެށުމާ ޚިލާފަށް، އެ މައްސަރެއް ވަނުމަށްފަހު ފުރަތަމަ އަންނަ ފަޖުރުން ފެށިގެން، އެ މައްސަރެއްގައި ރޯދަ ޝަރުޢު ކުރެއްވިގެންވާ މައްސަރު، ފެށޭނަމަ، މާރިޗު 21 ވަނަ ދުވަހުގެ ރޭ އެއްއުއިވާ ވަގުތު ކަމުގައިވާ 10:21 އަކީ، ރާއްޖެއަށް އެރޭ ފަޖުރުލުމުގެ ހަ ގަޑި އިރާއި 37 މިނެޓުގެ ކުރީން، ހިނގާފައިވާ އައު މައްސަރުގެ ވަގުތުކޮޅެއް ކަމުގައިވުމުން، އެއްއުއިވާ ވަގުތުން ފެށިގެން ހިނގަނީ އައު މައްސަރު ކަމަށް ބަލާ އުޞޫލު، ބަލައިގަނެވިފައި ވާނަމަ، ޝަޢުބާން މަސް ނިމުނީކަމަށާއި، ރޯދަމަސް ފެށުނީކަމަށް ބެލޭން އޮންނާތީ، އެފަދަ ރެއެއްގެ ފަޖުރުން ފެށިގެން ރޯދަ ހިފާން ފެށުމަކީ، ފިޤްހީ ގޮތުން އެކަމަށް ރިޢާޔަތް ކުރައްވައި، ދީނީޢިލްމުވެރީންގެ ފިޤްހީ ރައުޔެއް، ނެރުއްވިދާނެ ކަމެއް ކަމަކަށްވާތީ، އެފަދަ ރައުޔަކުން ފިޤްހީ ޙުކުމެއް މިހިނދުގައި އޮތްނަމަ، މި މާރިޗު މަހުގެ 22 ވަނަ ދުވަހަކީ، މިއަހަރުގެ މުލަރޯދަ ދުވަސްކަމުގައި ވީހެވެ.

އެކަމަކު، ހަނދު ލެއްވުމުގައި މި ހިނދަށް ޢަމަލުކުރާ ޢާއްމު އުޞޫލަށް ބަލާއިރު، މާރިޗު 21 ވަނަ ދުވަހު އިރަށްވުރެ ކުރީން ހަނދު އޮއްސޭކަން ޝައްކެއްނެތި ކަށަވަރުވާ ގައުމުތަކަށް، ހަނދު ލޮލަށް ނުފެންނަ ޙާލަތްތަކުގައި ޢަމަލު ކުރާ އުޞޫލުގެ މަތީން، މި މާރިޗު 22 ވަނަ ދުވަހަކީ، މި ހިނގާ ޝަޢުބާން މަހުގެ 30 ވަނަ ދުވަސްކަމުގައި ކަނޑައެޅިގެން ދާނެއެވެ.

އެހިނދު، ރާއްޖޭގެ ކަލަންޑަރުގައި މިހާރު އޮތްގޮތާ ތަފާތުވުމެއް ނެތި، މި މާރިޗު 23 ވަނަ ދުވަހަކީ، މި އަހަރުގެ މުލަރޯދަ ދުވަސް ކަމުގައި ވާނެއެވެ. މި ފަހަރު އިސްލާމީ ގިނަ ގައުމުތަކަށް ރޯދަމަސް ފެށޭ ދުވަހަކީ، މާރިޗު 23 ވާ ބުރާސްފަތި ދުވަސްކަމުގައި، ވާނެއެވެ.

އަދި އެފްރިކާ ބައްރުން އެޓްލާންޓިކް ކަނޑުގެ އައްސޭރިއާ ގުޅިފައިވާ އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވާތީ، އެ ގައުމުތައް ފިޔަވައި، އިސްލާމީ ގިނަ ގައުމު ތަކަށް ވެސް މިއަހަރުގެ މުލަ ރޯދަދުވަހަކީ، 23 މާރިޗު 2023 ކަމުގައި ވުމަކީ، އެންމެ އެކަށީގެންވާ ގޮތެވެ.

މާރިޗު 21 ގައި މާލެއަށް އިރު އޮއްސޭނީ 6:16 ގައެވެ. ހަނދު އޮއްސޭނީ 6:07 ގައެވެ. އެހެންކަމުން، އެދުވަހު މާލެއަށް އިރަށްވުރެ ނުވަ މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ.