Support Us

ޢިމްރާން ޚާން ހައްޔަރުކުރުމަށް ނެރުނު އަމުރު ބާޠިލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ބާޠިލުކޮށްފިއެވެ. އެ އަމުރު ބާޠިލު ކުރީ އިއްޔެ ކޯޓަށް ހާޒިރުވެ ވަޑައިގަތުމުންނެވެ.

މިދިޔަ އަހަރުގެ އެޕްރީލްގައި ޢިމްރާން ޚާން ބޮޑުވަޒީރުކަމުން ވަކިކުރީ ބަރްލަމާނުގައި ނެގި އިތުބާރު އޮތްތޯ ބެލުމުގެ ވޯޓުގައި ނާކާމިޔާބު ލިބިވަޑައިގަތުމުންނެވެ.

ޕާކިސްތާނު ސަރުކާރުން އޭނާއާ ދެކޮޅަށް އެތައް މަސްއަލަތަކެއް ވަނީ ކޯޓަށް ހުށައަޅައިފައެވެ. ޢިމްރާން ޚާން ހައްޔަރުކުރުމަށް އިސްލާމްއާބާދުގެ ކޯޓަކުން އަމުރުކުރީ 11 މާރިޗުގައެވެ. އެއީ އޭނާގެ ވެރިކަމުގައި ލިބިވަޑައިގެންފައިވާ ހަދިޔާތަކާ ބެހޭގޮތުންނާއި އޭގެތެރެއިން ބައެއް ހަދިޔާތައް ވިއްކަވައިގެން ލިބިވަޑައިގެންފައިވާ ފައިސާއާ ބެހޭގޮތުން ސުވާލުކުރުމަށެވެ.

ޢިމްރާން ޚާނުގެ ވަކީލު ހާމަކުރެއްވި ގޮތުގައި "ޚާން ކޯޓަށް ޙާޒިރުވެވަޑައިގަތުމުން އޭނާ ހައްޔަރުކުރުމަށް ފުލުހުން ގޮވައިލާ އަމުރު ކޯޓުން އިއްޔެ ވަނީ ބާޠިލުކޮށްފައެވެ. އަދި މަސްއަލަ ބެލުމުގެ ޖަލްސާ ވަނީ 30 މާރިޗަށް ފަސްކޮށްފައެވެ."

ޚާން އިއްޔެ 300 ކީލޯ މީޓަރު ކަޑައްތު ކުރައްވައިފައި ކާރުކޮޅުގައި ލާހޯރުން އިސްލާމްއާބާދުގެ ކޯޓަށް ވަޑައިގެންނެވިއެވެ. އެހެނަސް އޭނާއަށް ތާއީދު ކުރާ މީހުންނާއި ފުލުހުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ޚާނަށް ވަނީ ކާރުކޮޅުން ނުކުމެވަޑައިނުގެންނެވިފައެވެ.

ޚާން އިސްލާމްއާބާދަށް ވަޑައިގަންނަވަމުން ޝާއިޢުކުރެއްވި ވީޑިއޯ ކުލިޕެއްގައި ވިދާޅުވެފައި ވެއެވެ. "އަޅުގަނޑު މި ދަނީ އިސްލާމްއާބާދަށެވެ. ތިޔަބޭފުޅުންނަށް ދަންވައިލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑު މަރައިލަން އެމީހުން ވަނީ ރާވައިފައެވެ."

ޚާން ތުހްމަތުކުރައްވާ ގޮތުގައި އޭނާ ބަރްލަމާނީ އިންތިޚާބުގައި ވާދަކުރައްވައިފާނެތީ އެ ކަން މަނާކުރުމަށް ޓަކައި އޭނާގެ ދުޝްމަނުން ވަނީ "މުއާމަރާއެއް ރާވައިފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *