Support Us

ޕޫޓިން ހައްޔަރުކުރުމަށް ނެރުނު އަމުރާ ދެކޮޅަށް ދުބައީން ފާޑުކިޔައިފި

ރޫސީވިލާތުގެ ރައީސް ޕޫޓިން ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހުކުރު ދުވަހު ނެރުނު އަމުރާ ދެކޮޅަށް ދުބައިގެ ފުލުހުންގެ ނައިބު ރައީސް ޖެނެރަލް ޟާޙީ ޚަލްފާން ފާޑު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކޯޓުން ޢަދްލު އިންސާފު ޤާއިމުކުރުމުގައި ދެ މިންގަނޑެއް ގެންގުޅޭތަން ވަރަށް ސާފުކޮށް ފެނިއްޖެއެވެ. 

ޟާޙީ  ޚަލްފާން އޭނާގެ ޓުވިޓަރުގައި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރެއްކަމުގައިވާ މެޑްލިން އޮލްބްރައިޓްގެ އަރްޝީފު ވީޑިއޯއެއް ޝާއިޢު ކުރައްވައިފައި ވެއެވެ. އެއީ "60 މިނެޓް" ނަމަކަށް ކިޔާ ޕްރޮގްރާމުގައި ޢިރާޤުގެ ހަނގުރާމައިގެ "އަގާ" ބެހޭގޮތުން ދެންނެވުނު ސުވާލަކަށް ވަޒީރާ އޮލްބްރައިޓް ދެއްވި ޖަވާބެވެ.މެޑްލިން އޮލްބްރައިޓަށް ދެންނެވުނެވެ. "އަޅުގަނޑުމެންނަށް އިވިފައިވާ ގޮތުގައި ބައި މިލިއަން ކުޑަކުދީން މަރުވެފައި ވެއެވެ. މިއީ ހީރޯޝީމާގައި މަރުވި ކުދީންނަށްވުރެ މާ ބޮޑު ޢަދަދެކެވެ.  މި އަގު ޙައްޤުވޭތޯއެވެ؟" އޮލްބްރައިޓް ޖަވާބުދެއްވަމުން ވިދާޅުވިއެވެ. "އަހުރެން ދެކޭގޮތުގައި އެއީ ވަރަށް ދަތި ޚިޔާރެކެވެ. އެހެނަސް އަހުރެމެން ޤަބޫލުކުރާގޮތުގައި އެ އަގު ޙައްޤުވެގެން ވެއެވެ." 

ޟާޙީ ވިދާޅުވިއެވެ. "ޢިރާޤު ހަނގުރާމައިގެ މުޖްރިމުންނާ ބެހޭގޮތުން ޖިނާއީ ކޯޓުން ނެރުނު ނޯޓު ކޮބައިހެއްޔެވެ؟"

އޭނާ ވިދާޅުވިއެވެ. "ކޯޓުތައް ސިޔާސީ ކުރެވުމުން އެތަންތަނުން ނެރޭ އަމުރުތަކުގައި މާނައެއް ނޯންނާނެއެވެ." އޭނާ ޓުވީޓު  ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ދަރި ބުޝް ޢިރާޤުގެ މަޢުޞޫމު އެތައް މިލިއަން ބަޔަކު މަރައިލެއްވިއެވެ. އޭނާ ވީ ބޮޑު ބަޠަލަކަށެވެ. އޭރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު އޮތީ ގަދަނިދީގައި ގުގުރިދަމާށެވެ."

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން 1948 ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކޮބައިހެއްޔެވެ؟  ޖިނާއީ ކޯޓު އޮންނަނީ މި ޖަރީމާތަކުގެ މަތީގައި އަތް އަޅައިގެންނެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ރޫސީވިލާތުގެ ރައީސް ޕޫޓިނާއި އެ ޤައުމުގެ ކުޑަކުދީންގެ ޙައްޤުތަކާބެހޭ ކަމިޝްނަރު މާރިޔާ ލުވޫވާ ބިލޮވާ ހައްޔަރުކުރުމުގެ އަމުރެއް މި ދިޔަ ހުކުރުދުވަހު ވަނީ ނެރެފައެވެ. ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި "ރަޝިޔާއަށް ބަލާއިރު ޖިނާއީ ކޯޓުގެ އަމުރަކީ މާނައެއް އޮތް ކަމެއްނޫނެވެ." އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި "އެއީ ޤާނޫނީގޮތުން ވެސް މާނައެއް އޮތް އަމުރެއް ނޫނެވެ." 

އޭނާ ވިދާޅުވިއެވެ. "ބައނަލްއަޤްވާމީ ޖިނާއީ ކޯޓާ ބެހޭ ރޯމްގެ އަސާސީ ނިޒާމުގައި ރަޝިޔާއަކީ ބައިވެރިއެއްނޫނެވެ. ރަޝިޔާއަށް އެކަމުގައި އެއްވެސް ކަށަވެތިވުމެއް ނޯންނާނެއެވެ. އެކަމާ ބެހޭގޮތުން އެއްވެސް އިލްތިޒާމެއް އުފުލާކަށް ނުޖެހޭނެއެވެ. އެ މުއައްސަސާއާއެކު ރަޝިޔާ އެއްބާރެއް ނުލާނެއެވެ. އަހުރެމެންނަށް ބަލާއިރު މި ކޯޓުގެ އަމުރުތަކަކީ ޤާނޫނީ ގޮތުން ބާޠިލު އަމުރުތަކެކެވެ."  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރަޝިއާއިން ޔޫކުރޭނުގައި މިހިންގާ އަސްކަރީ އޮޕަރޭޝަން ގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވެރިން ނިދިން ހޭލާ މަންޒަރު ފެންނަ މުންއެބަދޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *