صَلُّوْا عَلَى هَذَا النَّبِيِّ الْأَفْضَلَا – وَالْآلِ الصَّحْبِ الْكِرَامِ الْفُضَّلَا
ރައްބީގެ ކީރިތި ވަންތަކަން ފެނިގެން ދަނީ ބައްރަށް ޙިޖާޒުގެ ދަރިކޮޅެއް މާތް ލެއްވުނީ
މަތިވެރި ޚަލީލުﷲ ޝާމުން ގެންވަޑައި ދަތިކަންވި ބައްކާ ބިން ޚިޔާރު ކުރައްވަނީ
ލޮބުވެތި ޒަބީޙާ ހާޖިރާ ލެއްވެވި ހިނދުން ލޮބުވެތިވި މައްކާ ބިންމަތީ ބަރަކާތް ވަނީ
أَسْكَنْتُ مِنْ ذُرِّيَّتِيْ އޮތް އާޔަތުން ބަސްފުޅު އަސަރު ގަދަފަދަ ދުޢާ ފުޅު ގައިވަނީ
ފެށްޓެވި ހިނދުން ޝާމަށް ދަތުރުފުޅު މާތް ޚަލީލް އެއްސެވި ކަމަކު ހާޖިރު، ޖަވާބު ނުދެއްވަނީ
ސަބަބާ މެދަށް ވިސްނާވަޑައިގެން އެކަމަނާ ނަބަވީ އިޝާރާތެއް ކަމަށް އީމާންވަނީ
އެފަހަރު އެނބުރި ޝާމަށްވަޑައި ގެންނެވި ތަނުން އެފަހުން ދުޢާފުޅުގައިވި މާތް ކަން ފެންނަނީ
ފެންފޮދު މުޅިން ހުސްވީ ކަމުން ހާސްކަން މަތީ ފެންނަން ނެތަސް މާތް ފިރިކަލުން ނަށަ އެދެވެނީ
ހާޖިރު ޞަފާ މަރުވާ ދެމެދު ގަދަ ހޫނުގައި ޢާޖިޒު ކަމާ އެކު ގިސްލަމުން ފެނިގެން ދަނީ
ރަމްޒެއް ގޮތުން ދަރިފަސް ކޮޅެއް ލެއްވެން އެތާ ޒަމްޒަމް ފެނުން އާރެއް ފަޅައި އަންގައި ދެނީ
ތުއްޕުޅުވި ލޮބުވެތި ދަރިކަލުން ހިންގެ ވިތަނާ ޙުއްޖަތުގެ އީމާންކަން ވަޒަން ވެވިގެން ދަނީ
ޤުރުބާން ކުރެއްވެވި ދަރިކަލުން ދިހަވަނަ ދުވަހު ޙުރުމަތުގެ ތިކި ދެކަލުން ލޮލުން އޮހިގެންދަނީ
ޝަރުޢުން އެކަން ތަޣްޔީރުކޮށް ދެއްވެވި ކަމުން ބަރުދަނުގެ ކަން ބަޅިޔެއް އެތާ ކަތިލައްވަނީ
ކައުބާ ބިނާ ދެކަލުން ކުރެއްވެވުމުގެ ފަހުން އައުދާނަކަން ގެފުޅަށް އަބަދު ލިބިގެން ވަނީ
ބަޤަރާ ސަތޭކަ ހަތާވިހުން ފެށިގެން ތިނެއް ނަގަމާ ބަލަން ޤުރުއާން، ދުޢާ ފުޅު ފެންނަނީ
އެ ދުޢާފުޅުން ދެންނެވި މަނާސިކުތައް ވަނީ އެދުވަހު ފަހުން ފަރުޟެއް ކަމަށް ކަށަވަރުވަނީ
އެގޮތަށް ވިމާތް ދަރިފަސްކޮޅެއް ލެއްވެވި ކަމާ ދެގޮތެއް ނުވާ ދީނާ ރަސޫލާ ފޮނުވެނީ
ދެއްވެވި ހިނދުން ބަންގީގެ އަޑު ޙައްޖަށް އައުން އެންމެން އިޖާބަ ދެމުން އެއަށް ފަހުގައި ދަނީ
ވިސްނައި ފިކުރު ކުރުމުން މިހިރަ ކަންކަން ބަލައި އިސްލާމްކަމާ މިކަމާ މުޅިން ގުޅިފައި ވަނީ
އަޅުކަން އަދާ ޙައްޖުގެ ކުރާ މީހުންގެ ހިތް ފަޅުކޮށް ނުލައި ހުޅުތައް ޝިޢާރުން ދިއްލަނީ
ފަރަގެއްނުވާ ޞަލަވާތް ސަލާމް ރުސުލުން ނަބީން ބަރަކާތް އިތުރު ލެއްވުން ދުޢާގައި އެދެވެނީ
