Support Us

ޝީގެ މޮސްކޯ ދަތުރުފުޅު: އެއްބާރުލުން ފުޅައުކުރުމާއި ޔުކްރޭނުގެ މަސްއަލައިގައި މެދުވެރިއެއްގެ ބައި ކުޅުން

ޗައިނާގެ ރައީސް ޝީ ޖިން ޕިންގް މި މަހުގެ 20ން 22ށް މޮސްކޯއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާނެކަން ބޭޖިންގާއި މޮސްކޯއިން ވަނީ އިޢުލާންކޮށްފައެވެ. މިއީ އެ ދެ ޤައުމުގެ ދެމެދުގައި ވާ ގުޅުންތައް އެތައް މައިދާންތަކަކަށް ފުޅައު ކުރުމަށާއި ހަރުދަނާކޮށް ބަދަހިކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހަރު ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެކެވެ. މީގެ އިތުރަށް މި ދަތުރުފުޅުގައި ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޗައިނާއިން މެދުވެރިއެއްގެ ބައިކުޅުމުގެ މަސްއަލައާ މެދުވެސް ބަޙުސް ކުރެވޭނެއެވެ. 

މޮސްކޯއިން ބުނާގޮތުގައި ޝީގެ ދަތުރުފުޅަކީ ރައީސް ޕޫޓިން ދެއްވައިފައިވާ ދަޢުވަތަކަށް އިޖާބަ ދެއްވައި ކުރައްވާ ދަތުރުފުޅެކެވެ. މި ދެ ޒަޢީމުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުންތަކުގެ އިތުރަށް އެ ދެބޭފުޅުން ސިއްރު ބައްދަލުވުންތަކެއް ވެސް ބާއްވަވާނެއެވެ. ކްރެމްލިން ބުނާގޮތުގައި ދެ ޒަޢީމުން މަޝްވަރާކުރައްވާނީ "ޝާމިލު ބައިވެރިވުމާއި އިސްތިރާތީޖީ އެއްގަލަކަށް އެރުން ތަރައްޤީކުރުމާ  ކުރިއެރުވުމާ" ބެހޭގޮތުންނެވެ. 

ޗައިނާގެ ޚާރިޖިއްޔާ ބުނާގޮތުގައި މި ދަތުރުފުޅުގެ ސަބަބުން "ރަޝިޔާއާއި ޗައިނާއާ ދެމެދުގައިވާ ގުޅުންތައް ތަރައްޤީކުރުމަށް ބޭނުންވާ ހަކަތަ ލިބޭނެއެވެ. އަދި އެ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރު ހަރުދަނާވާނެއެވެ." ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު  އިތުރަށް ވިދާޅުވިގޮތުގައި ޔުކްރޭން މަސްއަލައަށް ޢަދްލުވެރި ޙައްލެއް ގެނައުމަށް ޓަކައި ބޭޖިންގުން މައުޟޫޢީގޮތަކަށް މަސައްކަތް ކުރާނެއެވެ. ޔުކްރޭން ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމުގައި ޗައިނާއިން މުހިއްމު ދައުރެއް ކުޅުމަށް މަސައްކަތް  ކުރާނެއެވެ. ޗައިނާގެ ޚާރިޖިއްޔާ ބުނާގޮތުގައި ޗައިނާ- ރަޝިޔާ ގުޅުންތައް ޤާއިމުވެފައި ވަނީ "ވަކިފަރާތަކަށް ނުޖެހޭ އުޞޫލުތަކާއި ތިންވަނަ ފަރާތަކަށް އަމާޒުނުވާ ގޮތަށް ޢަމަލުތައް  ބެހެއްޓުމުގެ ގިއުގަނޑުގެ ތެރޭގައެވެ."

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި "ޗައިނާއާއި ރަޝިޔާއިން ކަށަވެތިވާ ގޮތުގައި ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ގުޅުންތައް އޮންނަންޖެހޭނީ ގުޅިގެން މަސައްކަތްކުރުމުގެ އުޞޫލުގެ މަތީގައެވެ. ވަކި ޖަމާޢަތަކާ ގުޅުމުގެ މައްޗަކު ނޫނެވެ. އަދި މި ގުޅުންތައް އޮންނަން ޖެހޭނީ ކުރިމަތިލުމުގެ ބަދަލުގައި ވާހަކަދައްކައިގެން މަސްއަލަތައް ޙައްލު ކުރުމުގެ އަސާސުގެ މަތީގައެވެ. އެހެންކަމުން އެއީ މަންފާ ޙިއްސާކުރުމަށް ޓަކައި އެއްބާރުލުމާއި އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި އެކުގައި ސުލްހަމަސަލަސްކަންމަތީ އުޅުމުގެ އުޞޫލުގެ ތެރޭގައި އޮންނަން ޖެހޭ ގުޅުމެކެވެ. 

ޗައިނާ ބުނާގޮތުގައި ޗައިނާ ރަޝިޔާ ގުޅުމުން ފައިދާ ކުރާނީ ހަމައެކަނި އެ ދެ ޤައުމުގެ ރައްޔިތުންނަކަށް ނޫނެވެ. އެހެނަސް މުޅި ދުނިޔެއަށެވެ.

ޗައިނާ ބުނިގޮތުގައި ޗައިނާ ރަޝިޔާ ގުޅުމަކީ "ޢަލަމީ ނިޒާމާ ކުރިމަތިވެފައިވާ ގޮންޖެހުމެއް" ކަމަށް ހުޅަނގުން ދެކޭ ދުށުމަކީ "ފިނިހަނގުރާމައިގެ ވިސްނުމުގެ ފޭރާމެ"ކެވެ.

ޗައިނާގެ ރައީސް ޝީ މޮސްކޯއަށް ކުރައްވާ ދަތުރުފުޅުގައި ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ދާދިވަރުކޮށް ބައްދަލުކުރައްވައި ޔުކްރޭނުގެ ޞުލްޙަޔާ ބެހޭ ގޮތުން ޗައިނާއިން ހުށައަޅައިފައިވާ  ހުށައެޅުމާ ބެހޭގޮތުން ބަހުސްކުރައްވާނެއެވެ. ޝީގެ މޮސްކޯ ދަތުރުފުޅަށްފަހު މި ހުށައެޅުމާ ބެހޭގޮތުން ހުޅަނގުގެ ޒަޢީމުންނާ ވާހަކަފުޅު ދައްކަވާނެއެވެ.

ރަޝިޔާ ދެކޭގޮތުގައި ރައީސް ޝީ ތިން ވަނަ ދައުރަކަށް ރައީސްކަމަށް އިންތިޚާބުކުރެވުމަށްފަހު ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ މަންޒިލްކަމުގައި ރަޝިޔާ  ހަމަޖެއްސެވި ހަމަޖެއްސެވުމަކީ ވަރަށް ގިނަ މާނަތަކެއް އަދި މެސެޖުތަކެއް ހިމެނޭ ކަމެކެވެ. ސުޢޫދީ އީރާން ދެބަސްވުންތައް ޙައްލުކުރުމުގައި ބޭޖިންގަށް ޙާޞިލުކުރެވުނު ކާމިޔާބީއާ ވިދިގެން ބޭޖިންގ ދެކޭގޮތުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުހިއްމު ފައިލްތަކާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަން ބޭޖިންގްގެ ކިބައިގައި އެބަ ހުށްޓެވެ. 

ދެވަނަ ފައިލް 

ޝީގެ ދަތުރުފުޅުގައި އޭނާގެ ދަބަސްކޮޅުތެރޭގައި އޮތް މުހިއްމު ދެވަނަ ފައިލަކީ ޗައިނާ- ރަޝިޔާ ޢަސްކަރީ އެއްބާރުލުމުގެ ފައިލެވެ. ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން މި އެއްބާރުލުން ވަނީ ވަރަށް މަތީ ދަރަޖައަކަށް އުފުލިފައެވެ. ރަޝިޔާގެ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ޢަސްކަރީ މައިދާނުގައި އެއްބާރުލުން ވަނީ ފުރިހަމަ އިސްތިރާތީޖީ ބައިވެރިވުމަކަށް ބަދަލުވެފައެވެ. އެހެނަސް ޔުކްރޭން ހަނގުރާމަ ފެށުމަށްފަހު މި އެއްބާރުލުމަށް ވަނީ ކޮންމެވެސް ކަހަލަ ހީނަރުކަމެއް އައިސްފައެވެ. ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ މަތިންދާބޯޓާއި ބައެއް އާލަތްތައް އުފެއްދުމަށް ބޭނުންވާ އިންޖީނާއި ބައެއް ފަންނިއްޔަތު ރަޝިޔާއަށް ދިނުން ވަގުތީ ގޮތުން ހުއްޓައިލައިފައެވެ. 

ސިޔާސީ މައިދާނަށް ބަލާއިރުގައިވެސް ޗައިނާ އޮތީ ރަޝިޔާއާ ތަންކޮޅެއް ފޭއަށް ޖެހިފައެވެ. ޔުކްރޭނުގެ ބައެއް ބިންތައް ރަޝިޔާގެ އިއްތިޙާދުގެ ބަޔަކަށް ހަދަމުންދާދިޔުމަށް ޗައިނާއިން ތާއީދެއް ނުކުރެއެވެ. 

ރައީސް ޕޫޓިންގެ ބައިނަލްއަޤްވާމީ ކަންތައްތަކާ ބެހޭ މުޝީރު ޔޫރީ އިޝްކޯވް ވިދާޅުވާގޮތުގައި ޝީގެ ދަތުރުފުޅުގައި ޢަސްކަރީ އެއްބާރުލުމާ ބެހޭގޮތުން ރައީސް ޕޫޓިނާއެކު ބަހުސްކުރައްވާނެއެވެ. މި ކަމާމެދު ބަހުސްކުރައްވާއިރު ރޫސީ ދިފާޢީ ވަޒީރު ޝުވިގޯއާއި ޢަސްކަރީ ފަންނިއްޔަތާ ބެހޭ ފެޑަރަލް  ކޯޕަރޭޝަންގެ ޑިރެކްޓަރ  ޑިމިޓްރީ ޗަގަޔޭވް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

ޕޫޓިން- ޝީގެ ބައްދަލުވުންތަކުގައި ބައިވެރިވާ ރޫސީ ވަފްދުގައި ޚާރިޖީ ވަޒީރު ލެވަރޯވާއި ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވާޑޭވާއި މަރްކަޒީ ބޭންކުގެ ރައީސާ އަލްވީރާ ނަބްޔޯލީނާއާއި ޗައިނާގައި ހުންނަވާ ރޫސީ ސަފީރު އީގޯރު މޮރްގޮލޯވް ހިމެނިވަޑައިގަންނަވާނެއެވެ.

ފާހަގަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި މި ދަތުރުފުޅުގެ ވަގުތާ ދިމާވާގޮތަށް ގަލްފްގައި ރަޝިޔާ– ޗައިނާ– އީރާނުގެ ޢަސްކަރީ ތަމްރީނުތަކެއް ބޭއްވުން ވެއެވެ.

މަސައްކަތު ތާވަލު  

ދެ ރައީސުންގެ މަސައްކަތު ތާވަލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެ ދެ ޤައުމުގެ ވިޔަފާރި ހިމެނެއެވެ. ޔުކްރޭން ހަނގުރާމައިގެ ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި ވިޔަފާރި ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ. މިއަދު  ރަޝިޔާ ވަނީ ޗައިނާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާކަމުގައި ވެފައެވެ. މިދިޔަ އަހަރު ބަދަލުކުރެވުނު ވިޔަފާރިވަނީ 190 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 30%ގެ ކުރިއެރުމެކެވެ. ޑޭޓާ ބޭސްތައް ދައްކާގޮތުގައި ވިޔަފާރީގެ ތިލަފަތުގައި ބުރަވެފައިވަނީ ރަޝިޔާ އަތަށެވެ. ހޮޅި މެދުވެރިކޮށް ރަޝިޔާއިން ޗައިނާއަށް  ބޭރުކުރާ ގޭހާއި ތެލުގެ މިންވަރު ވަނީ 70% އިތުރުވެފައެވެ. ރައީސް ޕޫޓިނާއި ޝީ  އުންމީދުކުރައްވަނީ ބަދަލުކުރެވޭ ވިޔަފާރި 2024ށް ދާއިރު 200 ބިލިއަނަށް އިތުރުވުމަށެވެ. މި ލަޑުދަނޑި އޭގެ ކުރިން ޙާޞިލުވާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިއީ ރަޝިޔާއާއި ޗައިނާއަށް ހަކަތައިގެ މައިދާނުގައި ޖާމިނުވުން ލިބިދޭނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *