Support Us

ކޮލަމް ކޯދު: ރަށުގެ ހިމާރުތަކުގެ ވާހަކަ

އެއްދުވަހު، ހިމާރު ގަންނަ ވިޔަފާރިވެރިއެއް ރަށަށް އަޔެވެ. އަދި ރަށުގެ ހުރިހާ ހިމާރެއް ގަންނަން ބޭނުންވިއެވެ. ރަށުގެ ބާޒާރުގައި ހިމާރުގެ އަގު ހުރީ، ސަތޭކަ ރުފިޔާއަށް ހިމާރެކެވެ. އެހެން ކަމަށް ވިޔަސް، ވިޔަފާރިވެރިޔާ ބުނީ ކޮންމެ ހިމާރަކަށް ފައްސަތޭކަ ރުފިޔާ އޭނާ ދޭނޭ ކަމެވެ. ރަށު ރައްޔިތުން އުފަލުން، ހުރިހާ ހިމާރުތަކެއް ވިޔަފާރިވެރިޔާއަށް ވިއްކާލިއެވެ.

ދެން، އެއާ ވިދިގެން އައި ހަފްތާގައި އެހެން ވިޔަފާރިވެރިއަކު އައެވެ. މީނާ ވެސް ބޭނުންވީ ހިމާރު ގަތުމަށެވެ. ކުރީ ވިޔަފާރިވެރިޔާއަށް ވުރެ ބޮޑު އަގެއް، މި ވިޔަފާރިވެރިޔާ ހުށަހެޅިއެވެ. އޭނާ ބުނީ ކޮންމެ ހިމާރަކަށް އެއްހާސް ރުފިޔާ ދޭނޭ ކަމެވެ. އަދި، ދެން، އަންނަ ހަފްތާއަކު ހިމާރު ލިބޭތޯ އަދި އަންނާނެ ވާހަކަ ބުނެފައި އޭނާ ދިޔައެވެ.

ކޮންމެއަކަސް، މިހާރު، ރަށު ރައްޔިތުންގެ ސިކުނޑިއަށް، ހިމާާރުތައް ރަނގަޅަށް ސަވާރުވެއްޖެއެވެ. އެ ސިކުނޑިތަކަށް ހިމާރު ނޫން އެއްޗެއް ނުފެނެއެވެ. ދެން، ރަށު ރައްޔިތުން ނިންމީ ރަށުގެ ހުރިހާ ހިމާރުތައް ގަތް ކުރީގެ ވިޔަފާރިވެރިޔާ އަތުން އަނބުރާ ހުރިހާ ހިމާރުތައް ގަތުމަށެވެ. ނަމަވެސް، އޭނާ ބުނީ ދެން އޭނާ ހިމާރުތައް ވިއްކާނީ އަށްސަތޭކައަށް ހިމާރެއްގެ މަގުން ކަމަށެވެ. މިކަމާ ރަށު މީހުން ރުހި އެއްބަސްވިއެވެ. އަނެއް ވިޔަފާރިވެރިޔާއަށް އެއްހާހަށް ހިމާރެއް ވިއްކާލުމުން ދުއިސައްތަ ފައިދާވާނެތީއެވެ.

ކޮންމެއަކަސް ރަށު ރައްޔިތުން އެ ގޮތް މިގޮތުން ފައިސާ ހޯދައިގެން ހުރިހާ ހިމާރުތައް ބޮޑު އަގުގައި ގަތެވެ. އަދި، ކައިރި ރަށްތަކުންވެސް އެތައް ހިމާރެއް ގަނެގެން ގެނައެވެ. ދެން، ބޮޑު އަގުގައި ހިމާރު ގަންނަން ބުނި މީހާއަށް ހިމާރުތައް ވިއްކާލުމުގެ އެދުމުގައި އޭނާ އަންނަންދެން މަޑުކޮށްގެން ތިއްބެއެވެ.

ނަމަވެސް، ހަފްތާތައް ފާއިތުވެގެން ދިޔައިރު ވެސް އެމީހަކު ނާދެއެވެ. ފަހުން، އެނގުނު ގޮތުގައި ދެވަނަ ވިޔަފާރިވެރިޔަކީ ކުރިން އައި ވިޔަފާރިވެރިޔާގެ އޭޖެންޓެކެވެ. ދެން ރަށު ރައްޔިތުންނަށް ވިސްނުނެވެ. އޭނާގެ ޗާލާކީ ވާހަކަތަކުގެ ސަބަބުން، ތިމާމެންގެ އަމިއްލަ ވިސްނުން ބޭނުން ނުކުރެވުނީއެވެ. އަދި، ރަށު ރައްޔިތުން ވެސް ހިމާރުތަކަކަށް ވީއެވެ! ދެން މިހާރު މުޅި ރަށުގައި ހިމާރު ނޫން އެއްޗެއް ނެތެވެ!

ހިމާރުތަކުގެ ބޭނުން ހިފައި، ވިޔަފާރިވެރިޔާގެ މަގުސަދު ހާސިލުވުމުން ހިމާރުތަކުގެ ބޭނުން ނެތުނީއެވެ! އާދެ، ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނޭ ބުނާ ފަދައިންނެވެ. އިބިލީސް ވެސް ބުނާނެ ކަމަށް ވަނީ ކަލޭމެން އިންސާނުންނަށް އަހަރެން ދެއްކި ދަޅައިގައި ކަލޭމެން އަމިއްލައަށް ޖެހުނީ ނޫންހެއްޔެވެ؟ އެއްވެސް ކަމެއް ކުރަން، ކަލޭމެންނަށް، އަހަރެން މަޖްބޫރެއް ނުކުރަމެއް ނޫން ހެއްޔެވެ؟ އިންސާނުންގެ ތެރޭގައި އުޅޭ ޝައިތާނީ ސިނކުޑިތަކުގެ އަހުލުވެރިން ކަންތައް ކުރަނީ ވެސް ހަމަ އެފަދައިންނެވެ. އެންމެންނަށް ދަޅަތައް ދައްކައި އެ ދަޅައިގެ ގަދަ އަލީގައި އެމީހުންގެ ލޯތައް ކަނުކޮށް އެ މީހުން ހިމާރުންތަކަކަށް ހަދާލަނީއެވެ! މައްސަލައަކީ ހަމަ އެއް ދަޅައެއް ދައްކައިގެން އަބަދުމެ ހިމާރު ހައްދާލެވޭ ބަޔަކަށް އާންމުންވާ ކަމެވެ!