Support Us

ބަޚްމޫތުން ޔުކްރޭން ސިފައިން ފޭބުމަށް ކުރި މަސައްކަތް ރަޝިޔާއިން ނާކާމިޔާބުކޮށްލައިފި

ޔުކްރޭން ސިފައިން ބަޚްމޫތުން ފޭބުމަށް ކުރި މަސައްކަތަކަށް ރަޝިޔާ ސިފައިން ހުރަސްއަޅައި ނާކާމިޔާބުކޮށްލައިފި ކަމަށް ޑޮނެސްކް ސަރަޙައްދުގެ ރޫސީ އިދާރިއްޔަތުން ރޭ އިޢުލާންކޮށްފިއެވެ. އަނެއްކޮޅުން ބަލާއިރު ޔުކްރޭނުގައި ހަނގުރާމަ ހުއްޓުމަށް ގޮވައިލާ ގޮވައިލުންތަކާ ވޯޝިންގްޓަން ދެކޮޅުހަދާކަން ރޭ އަލުން ހާމަކޮށްފިއެވެ. 

ރަޝިޔާއިން ބުނާގޮތުގައި ނޭޓޯ ދަނީ އިތުރަށް މި ހަނގުރާމައިގެ ތެރެއަށް ވަންނަމުން ނޭޓޯގެ ދައުރު ފުޅައުކުރަމުން ކިޔީވަށް ވާގިވެރިވުން އިތުރުކުރަމުންނެވެ. ޕޮލެންޑާއި ސްލޮވާކިޔާއިން ކިޔީވަށް މިގް 29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދޭނެކަމަށް އެ ދެ ޤައުމުން ބުނުމުން މި ހަތިޔާރުތައް ފުޑުފުޑުކޮށްލާނެ ކަމަށް މޮސްކޯއިން ބުންޏެވެ. 

ޑޮނެސްކް ޖުމްހޫރިއްޔާގެ ރައީސް ޑެނިސް ބުޝަލިން ރޭ ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގެ އެތައް ފައުޖުތަކެއް ރަޝިޔާގެ ޙަމަލާތަކުގެ ކުރިމަތީގައި ހިފަހައްޓާ ނުލެވިގެން ބަޚްމޫތުން ފައިބަން މަސައްކަތް ކުރުމުން ރަޝިޔާ ސިފައިން ވަނީ އެ މަސައްކަތް ނާކާމިޔާބުކޮށްލައިފައެވެ.  

ރަޝިޔާގެ ފުރަތަމަ ޗެނެލް ޓީވީއަށް ބުޝަލިން ދެއްވި ބަޔާނެއް ބުނާގޮތުގައި ބަޚްމޫތު މިނިވަންކުރުމުގެ މަސައްކަތް "ވަރަށް ފަހިކަމާއި ވިލުންތެރިކަމާއެކު" އެބަ ކުރިއަށްދެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރޫސީ ސިފައިންގެ ފައުޖުތައް މިހާރު ވަނީ ބަޚްމޫތު ސަހަރުގެ ޞިނާޢީ ސަރަޙައްދަށް ވަދެފައެވެ. 

އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިން ވެސް ރޭ ބުނިގޮތުގައި ރޫސީ ސިފައިންނާއި ވެގްނަރު ހަނގުރާމަވެރީން ބަޚްމޫތު ކޯރުގެ ހުޅަނގު އައްސޭރީގައި ވަނީ ފައިތިލަތައް ސާބިތުކޮށްފައެވެ. 

ރަޝިޔާގެ ޢަސްކަރީ އޮންލައިން ޞަފްޙާއެއް ކަމުގައިވާ ރީޕަރ  ބުނާގޮތުގައި ވެގްނަރު ހަނގުރާމަވެރީން މިހާރު ވަނީ ބަޚްމޫތު ސަހަރުގެ އުތުރު ފަރާތާއި ދެކުނު ފަރާތް ރަނގަޅަށް ޙިޞާރުކޮށްފައެވެ. މި ސަހަރުގެ ބައެއް ހިސާބުތަކުގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ހިގަމުންދާކަމަށް ވެސް މި ޞަފްޙާ ބުންޏެވެ. 

ޔުކްރޭނުގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ބުނާގޮތުގައި  ޑޮނެސްކްގެ ދެކުނު ފަރާތުން މެރިންކާ ސަރަޙައްދުގައި ރޫސީ ސިފައިން އަންނަނީ ކުރިއަރަމުންނެވެ. މި އޮފީހުން ބުނިގޮތުގައި ޔުކްރޭން ސިފައިން ވަނީ ރޫސީ ސިފައިންގެ 70 ޙަމަލާއަކަށް ހުރަސްއަޅައިފައެވެ. މި އިދާރާއިން ބުނިގޮތުގައި ރޫސީ ސިފައިން ދަނީ ޚާރްކީވް ސަރަޙައްދުގެ ޔުކްރޭން ސަފުތައް ފޫއަޅުވައިލަމުން ކުރިއަރަމުންނެވެ. 

ޚަރްސޫނަށް އަރަން މަސައްކަތް ކުރުން

ޚަރްސޫން ސަރަހައްދުގެ ރޫސީ އިދާރާއިން ރޭ ހާމަކުރިގޮތުގައި ޑްނިޕްރޯ ކޯރުގެ ވާތު އައްސޭރިއަށް ފައިބަން ޔުކްރޭން ސިފައިން ރޭ ކުރި މަސައްކަތްތަކަށް ރޫސީ ސިފައިންގެ ބޮޑުބަޑިތަކުން ހުރަސްއަޅައި ވަޏީ ނާކާމިޔާބުކޮށްލައިފިއެވެ. މި އިދާރާއިން ބުނިގޮތުގައި ޔުކްރޭން ސިފައިން ގޮވައިގެން އައި ޔުކްރޭނުގެ ފްރިގެޓް މަނަވަރަށް ރަޝިޔާ ސިފައިން ބަޑިތަކުން ޙަމަލާދީ އެ އުޅަނދު ވަނީ ފައްތައިލައިފައެވެ. މި ޙަމަލާތަކުގެ ސަބަބުން ޔުކްރޭން ސިފައިން ވަރަށް ގިނަ ބަޔަކު މަރުވިކަމަށް ވެސް އޭނާ  ވިދާޅުވިއެވެ. 

ނޭޓޯއިން ޔުކްރޭނަށް ހަނގުރާމަމަތީ މަތިންދާބޯޓު ދެނީ

ސިޔާސީ މައިދާނަށް ބަލާއިރު ރޫސީ ޚާރިޖިއްޔާއިން ރޭ ބުނިގޮތުގައި ކިޔީވަށް ވާގިވެރިވުމުގައި ނޭޓޯއިން ގަދައަޅައި ކުރާ މަސައްކަތަކީ މޮސްކޯއިން ބަލައިގަންނާނެ ކަމެއް ނޫނެވެ. މި ކަމުގެ ސަބަބުން ހަނގުރާމައިގެ ހުޅުގަނޑު ދަނީ ބޮޑުވަމުން ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.

ރޭ ސްލޮވާކިޔާއިން ބުނިގޮތުގައި އެ ޤައުމުން ޔުކްރޭނަށް ހަނގުރާމަމަތީ މަތިންދާބޯޓު ދިނުމަށް ނިންމައިފިއެވެ. މީގެ ކުރިން ޕޮލެންޑުން ވަނީ ހަނގުރާމަމަތީ މަތިންދާބޯޓު ކިޔީވަށް ދިނުމަށް ނިންމައިފައެވެ. ސްލޮވާކިޔާގެ ބޮޑުވަޒީރު އެޑްވަރޑް ހެގަރ ވިދާޅުވިގޮތުގައި އެ ޤައުމުން މިގް 29 މަރުކާގެ 13 މަތިންދާބޯޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕޮލެންޑުން ދިނުމަށް ކަނޑައަޅައިފައި ވަނީ މިގް 29 ގެ ހަތަރު ބޯޓެވެ. 

ކްރެމްލިން ބުނާގޮތުގައި މިއިން އެނގެނީ ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ނޭޓޯ އިތުރަށް ފުޅައޮކޮށް ފުންކޮށް  ވަންނަމުންދާ ކަމެވެ. މޮސްކޯއިން ބުނިގޮތުގައި މި ބޯޓުތައް ފުނޑުފުނޑުކޮޑްލެވޭނެކަން ދަންނާން ވާނެއެވެ. މި ބޯޓުތަކުން ކިޔީވަށް މާބޮޑު ފައިދާއެއް ނުކުރާނެއެވެ.

އެމެރިކާއިން ދެކޮޅުހަދާ

އަނެއްކޮޅުން އެމެރިކާ ސަރުކާރު ބުނާގޮތުގައި ޔުކްރޭނުގައި މި ވަގުތު ހަނގުރާމަ ހުއްޓުމަށް ގޮވައިލާގޮވައިލުންތަކާ ވޮޝިންގްޓަން ދެކޮޅު ހަދައެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވި ގޮތުގައި މި ވަގުތު ހަނގުރާމަ ހުއްޓުމަށް ޤަބޫލުވުމަކީ ރަޝިޔާގެ ހަނގުރާމަ ބަލައިގަތުމެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަކީ ރަޝިޔާގެ ޢުދްވާނަށް ތާއީދު ކުރުމެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *