ދިހަވަރަކަށް އަހަރަށް ފަހުން ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫޝް އޮޣުލޫ މާދަމާ މިޞްރަށް ވަޑައިގަންނަވާނެކަން ޤާހިރާއިން ހާމަކޮށްފިއެވެ. ތުރްކީގެ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޤާހިރާއަށް މި ވަޑައިގަންނަވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީގެ ދަޢުވަތަކަށެވެ.
ތުރްކީން ބުނިގޮތުގައި ދެ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކާމެދު ޝާމިލުކޮށް ފުންކޮށް ބަހުސްކުރައްވާނެއެވެ. މީގެ އިތުރަށް ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ މަސްއަލަތަކާމެދު ވެސް ބަޙުސްކުރައްވާނެއެވެ.
ގުޅުންތައް އިޢާދަކުރުން
މިޞްރު- ތުރްކީ ސިޔާސީ ގުޅުންތައް ކެނޑުނީ 2013ވަނަ އަހަރު މިޞްރުގެ ވެރިކަމުގައި ހުންނެވި މުޙައްމަދު މުރްސީ ވެރިކަމުން ވައްޓައިލުމުންނެވެ. މުރްސީއަކީ ތުރްކީގެ ރައީސް އުރްދުޣާނުގެ ޕާޓީން ތާއީދުކުރި ބޭފުޅެކެވެ.
މިކަމާ ވިދިގެން ރައީސް އުރްދުޣާން ތަކްރާރުކޮށް ވިދާޅުވަމުން ވަޑައިގަންފައިވަނީ "ސީސީ" ފަދަ ބޭފުޅަކާއެކު ގުޅުމެއް ނުބޭއްވޭނެއެވެ. އެހެނަސް 2022ގައި އިންޑޮނޭޝިޔާގައި ބޭއްވުނު ޖަމާޢަތް20ގެ ބައްދަލުވުމުގައި ޤާހިރާއާއެކު ގުޅުންތައް ސުމަކުން ފަށައިގެން އިޢާދަކުރައްވަން ބޭނުންފުޅުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ތުރްކީގެ ޒަލްޒަލާ
ތުރްކީއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ތުރްކީގެ ބައެއް ސަރަޙައްދުތަކަށް ލިބުނު މާއްދީ އަދި އިންސާނީ ގެއްލުންތަކާ ވިދިގެން މިޞްރުން ތުރްކީއަށް ހަ ބޯޓުގެ އެހީ ވަނީ ފޮނުވައިފައެވެ. އަދި މިޞްރުގެ ޚާރިޖީ ވަޒީރު ތުރްކީގެ އަޟްނާ ސަރަހައްދަށް ޒިޔާރަތް ކުރެއްވިއެވެ. މި ދަތުރުފުޅުގައި ތުރްކީ– މިޞްރު ގުޅުންތައް އިއާދަކުރުމުގެ އަހައްމިއްޔަތާމެދު ބަހުސްކުރެއްވިއެވެ. ތުރްކީގެ ޚާރިޖީ ވަޒީރރު ވިދާޅުވެފައިވާ ގޮތުގައި މިއީ އެ ދެ ޤައުމުގެ މަޞްލަޙަތު ނިޔާކުރާ ކަމެކެވެ. އެކަމުގެ ސަބަބުން ސަރަޙައްދުގެ ހަމަޖެހުމަށާއި ފާގަތިކަމަށް ހެޔޮ ބަދަލުތައް އަންނާނެއެވެ.
ސީސީ– އުރްދުޣާން ބައްދަލު ކުރެއްވުން
ޤަޠަރުގައި ބޭއްވުނު ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ އިފްތިތާޙީ ރަސްމިއްޔާތުގެ ތެރެއިން ޤަޠަރުގެ އަމީރު ޝައިޚު ތަމީމު މެދުވެރިވެ ވަޑައިގެން ރައީސް އުރްދުޣާނާ ރައީސް ސީސީ ވަނީ ބައްދަލުވެ ވަޑައިގަންފައެވެ.އޭގެފަހުން ތުރްކީއަށް އައި ބާރުގަދަ ބިންހެލުންތަކާ ވިދިގެން ރައީސް ސީސީ އިސްނަންގަވައި ރައީސް އުރްދުޣާނަށް ފޯނުން ގުޅުއްވައި ތަޢުޒިޔާ ވަނީ ވިދާޅުވެފައެވެ.



advertisment