އީރާނާއެކު އެއްބަސްވެވުނު އެއްބަސްވުމުގެ މުހިއްމު ނުކުތާތަކަކީ "ސިއްރެއް" ކަމަށް ރޭ ސުޢޫދީ ޢަރަބިއްޔާގެ މަޞްދަރަކުން ބުނެފިއެވެ.
މި މަޞްދަރު ހާމަކުރި ގޮތުގައި ބޭޖިންގް އެއްބަސްވުމާ ހަމައަށް ދެވުމުގެ ކުރިން ސުޢޫދީ ޢަރަބިއްޔާގެ އިސް މަސްއޫލުވެރީންނާ ބައްދަލު ކުރުމަށް އީރާނުން އެދުނެވެ. މިގޮތުން 2016ން ފެށިގެން ކެނޑިފައިވާ ސިޔާސީ ގުޅުން އިޢާދަކުރުމަށް ރިޔާޟާއި ޠަހަރާން މިދިޔަ ހުކުރު ދުވަހު ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުން ބުނާގޮތުގައި އެ ދެ ޤައުމުގެ އެންބެސީތައް ދެ މަސްދުވަހުގެ ތެރޭގައި ހުޅުވޭނެއެވެ. އަދި ސަފީރުން ބަދަލު ކުރެވޭނެއެވެ.
ސުޢޫދީ މަޞްދަރު ބުނި ގޮތުގައި ޔަމަނުގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި އެ ޤައުމު އެއްބާރުލާނެއެވެ. އީރާނާއެކު ސޮއިކުރި އެއްބަސްވުމުގެ ވަގުތަކީ "ކުއްލިއަކަށް އައި" ވަގުތެއްނޫންކަމަށް ވެސް މި މަޞްދަރު ބުންޏެވެ.
މި އެއްބަސްވުމުގައި ދައުލަތުގެ ސިޔާދަތަށް އިޙްތިރާމު ކުރުން ހިމެނެއެވެ. ސުޢޫދީ މަޞްދަރު ބުނިގޮތުގައި ދެ ޤައުމަށް ފައިދާ ހުރި މައިދާންތަކުގައި ޠަހަރާނާއި ރިޔާޟަށް އެއްބާރުލުމުގެ ޤާބިލުކަން ލިބިގެން ވެއެވެ.
އަލްޢަރަބިއްޔާ ޓީވީ ޗެނެލް ބުނިގޮތުގައި ސުޢޫދީ ވަފްދުގައި ދިފާޢާއި ޚާރިޖިއްޔާއާއި ދައުލަތުގެ އަމްނާ ބެހޭ ފަރާތްތައް ބައިވެރިވިއެވެ. ބޭޖިންގްގައި އީރާން- ސުޢޫދީ ވާހަކަދެއްކުންތައް ފަސް ދުވަހަށް ކުރިއަށް ދިޔައެވެ. މި ވާހަކަދެއްކުންތަކުގެ ނާރެހުގައި ހިމެނުނީ ތިން ނުކުތާއެކެވެ.
ގަލްފުގެ ހަމަޖެހުމާއި ގަލްފު ހުރަސްކޮށް ދަތުރުފަތުރުކުރުމާއި ވިޔަފާރީގެ ޙަރަކާތްތައް ކުރިއަށް ދިޔުމަކީ އެކަމުގައި ޗައިނާގެ މަޞްލަޙަތު ހިމެނޭ ކަންތައްތަކެކެވެ.
މި ޗެނެލަށް މަޢުލޫމާތު ދިން ސުޢޫދީ މަޞްދަރު ބުނާގޮތުގައި ޗައިނާގެ ދައުރުގެ ސަބަބުން އެއްބަސްވުމަށް އީރާނު ޢަމަލުކޮށް އިޙްތިރާމު ކުރާނެކަމުގެ ކަށަވެތިވުން ލިބުނެވެ.
މި ވާހަކަދެއްކުންތަކުގެ ތެރޭގައި ޗައިނާއިން އީރާނަށް ފިއްތުންތައް ފިއްތައިފައިވާ ކަމަށް ސުޢޫދީ މަޞްދަރު ބުންޏެވެ. ޢަސްކަރީ ގޮތުންނާއި ސަލާމަތީ ގޮތުންނާއި ޖާސޫސީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ޢަދާވަތްތެރި ވުމާ ދުރަށް ދިޔުމަށް ދެ ފަރާތުން އެއްބަސްވެ ޢަހްދު ވިއެވެ.
ސުޢޫދީ މަޞްދަރު ހާމަކުރި ގޮތުގައި ރިޔާޟު ބޭޖިންގަށް ދިޔުމުގެ ކުރިން ސުޢޫދީ އެކުވެރީންނަށް ކަމާބެހޭ މަޢުލާތު ދިނެވެ. އެހެންކަމުން އެއިން އެއްވެސް ފަރާތަކަށް ސިހުމެއް ނުލިބޭނެ ކަމަށް މި މަޞްދަރު ބުންޏެވެ. މި މަޞްދަރު ހާމަކުރި ގޮތުގައި ޗައިނާއާ ހުޅަނގާ ދެމެދުގައި ހިނގަމުންދާ ވާދަވެރިކަމުގައި ރިޔާޟަކީ ކަމާބެހޭ ފަރާތެއް ނޫނެވެ.



advertisment