Support Us

ޢިބްރަތްތެރި ވާހަކަ: އަންހެނަކު ލޯބީގައި އިސްނަގައި ހޯދި ބައިވެރިޔާގެ ވާހަކަ

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. އެހެންވީމާ ގިނަ ބައަކު އަޅުގަނޑަށް ކިޔަނީ ބީރައްޓެހި މީހާއެވެ. އެކަމަކާ އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. އަޅުގަނޑު މަސައްކަތްކުރަނީ ސައިކަލް މަރާމާތުކުރާ ގަރާޖެއްގައެވެ. އެއީ އެތަނުން ރަނގަޅު މުސާރައެއް ލިބޭތީއެވެ. ކުރާ މަސައްކަތަށް ރަނގަޅު އަގު ލިބޭތީއެވެ.

އަޅުގަނޑު ވިސްނާ ގޮތުގައި އެންމެން އޮފީސްތަކުގެ ބޮޑު ގޮނޑީގައި ތިބެގެން މަސައްކަތް ކުރާނަމަ އެނޫން މަސައްކަތްކުރާނެ ބައަކު ނުތިބޭނެއެވެ. އެކަމަކު ގިނަ ބައަކު އާދައިގެ މަސައްކަތްކުރާކަށް ބޭނުމެއް ނުވެއެވެ. ގަރާޖުތައް ފަދަ ތަންތަނުގައި މަސައްކަތްކުރަން އެހައި ގިނަ ޢަދަދެއްގެ ބިދޭސީން އެ އުޅެނީ އެހެންވެގެންނެވެ. އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއްވެސް މަސައްކަތަކީ ހަޑިހުތުރު މަސައްކަތެއްވެސް ނޫނެވެ. ބޭނުންވަނީ ޙަލާލު މަސައްކަތުން ހޯދާ ޙަލާލް އާމްދަނީއެވެ. މަންމަމެން ދުނިޔޭގައި ތިބިއިރު އެކަން ވަރަށް ބޮޑަށް ވިސްނައިދިނެވެ.

އެ ގަރާޖަށް އައިސްއުޅޭ ކަސްޓަމަރުންގެ ތެރެއިން އަންހެނަކު އަޅުގަނޑާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އޭނާ ދުއްވާ ސައިކަލާއި ބައެއް ފަހަރު ދުއްވާ ކާރުން އޭނާއަކީ ތަނަވަސް ޢާއިލާއެއްގެ ކުއްޖަކުކަން އެނގެއެވެ. އެހެންވެ އޭނާއާ ވާހަކަދައްކަން ވަރަށް ބިރުވެސް ގަނެއެވެ. އެކަމަކުވެސް ދޭތެރެއަކުން އައިސް ހޯދާނީ ހަމަ އަޅުގަނޑެވެ. މަސައްކަތްކުރުވާފައި ދޭންޖެހޭ އަގަށްވުރެ ގިނަ ރުފިޔާ ދީފައި، ބާކީ ބާއްވާށޭ ބުނާނެއެވެ.

މިހެން މިކަންވަމުން އަންނަނިކޮށް އެއް ދުވަހަކު ޒުވާނަކު ސައިކަލެއްގައި އައިސް ވައިޖަހައިދޭން ބުނީމާ ގުދުވެލިތަނާ ފޫކޮޅުގައި ވަރަށް ބާރަށް ކަކުލުން ޖެހުމުން ބަންޑުން ވެއްޓުނެވެ. ތެދުވެ އަނގައިން ނުބުނެވިގެން އުޅެނިކޮށް ބުންޏެވެ. "ބީރައްޓެހިން މާލެ ފުންމާލެވުނީމާ ފެންވަރު އޮޅެއެވެ. ކަލެއަކީ ފެންވަރު އޮޅިފައި ހުރި އެކަކެވެ. ދެން ނީޝާއާ އަނގައިން ބުނިކަން އެނގުނަސް ޗިސްޗިސްކޮށްލާނަމެވެ."

ނީޝާގެ ނަން އަޑުއިވުނު ފުރަތަމަ ފަހަރު ނަމަވެސް މިވީ ގޮތް އެނގުނެވެ. ގަރާޖުގައި މަސައްކަތްކުރާ އެހެން ދެ އެކުވެރިއަކު އޭނާއާ ދިމާކުރަން އުޅުމުން ބުނީމެވެ. "އަޅައިނުލާށެވެ! އެބޭފުޅާ ދޫކޮށްލާށެވެ!"

އެވަޤުތު އެތަނަށް ސައިކަލުގައި ނީޝާ އައިސް ހެޑްލައިޓުގެ ބޮކި ބަދަލުކޮށްދޭން އެދުނެވެ. އެހެން ބުނާއިރަށް އެޒުވާނާ ބުންޏެވެ. "ކޮންމެވެސް އެއްޗެކޭ ކިޔާފައި މިއަދުވެސް އައީދޯއެވެ؟ ނީޝާއާ އަނގައިން ބުނިކަން އެނގުނަސް ޗިސްވިސްކޮށްލާނެ ކަމަށް އޮންނާނީ ބުނެފައެވެ."

ނީޝާ ޖެހިލުމެއް ނެތި ރައްދު ދިނެވެ. "ކަލެއަކީ މަށާ އަޅައިގަނެގެން އުޅޭ ޖިންނިއެކެވެ. ލަދެއް ޙަޔާތެއްވެސް ނެތް ޖިންނިއެކެވެ. ކަލޭ ދެންމެ އައިސް ގަތް ގަނޑު އަހަރެން ދުށީމެވެ. ކަލޭ ހުއްޓައި މިތަނަށް މިއައީ ހަމަ ކަލޭ ރުޅިއަރުވާށެވެ! ކަލޭ ހެދިގޮތަށް ހަދާނެ ބާރު މަގޭ ގައިގައި ހުރިނަމަ އެގޮތަށް ކަލޭ ފޫކޮޅުގައި ޖަހައި ބިންމައްޗަށް ވައްޓައިލާނަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދެން ކަލޭ އެބާވަތުގެ ކަމެއް ކޮށްފިއްޔާ ގައިބާރު ހުރި ބައަކު ލައްވައި ކަލެއަށްވެސް އެރަހަ ލައްވާނަމެވެ." އެހެން ބުނެފައި ނީޝާ ދިއައީއެވެ.

އެއިރު މީހުން އެއްވެ އެހިސާބު އޮތީ ފުރިފައެވެ. ވަރަށް ލަދުގަތެވެ. އެޒުވާނާ ދަމުން ދިއައީ އިތުރަށްވެސް އިންޒާރުދީފައެވެ. އެހެންވެ ހަދާނެ ގޮތަކާމެދު ވިސްނީމެވެ. އަވަހަށް ރަށަށް ދާންވެސް ހިތަށް އެރިއެވެ. އެކަމަކު ރަށަށް ދާން ޒަމީރު ޤަބޫލެއް ނުކުރިއެވެ. ޒަމީރު ބުނީ ކެތްތެރިވެލުމަށެވެ.

އެއިގެ ތިން ދުވަސް ފަހެވެ. ރޭގަނޑު އަށެއް ޖެހީމާ ގަރާޖް ބަންދުކުރުމުން ގެއަށްދާން ހިނގައިގަތްތަނާ ނީޝާ ސައިކަލުގައި އައިސް އަރާހަމަކޮށްފައި ބުނީ ފަހަތަށް އެރުމަށެވެ. އަޅުގަނޑުގެ ހެދުން ހަޑިވެފައި ހުރިވަރު ދައްކާފައި އެކަމަށް ދެކޮޅު ހެދީމެވެ. އަޅުގަނޑުގެ ފޯނު ނަމްބަރު އެހީމައި ފޯނެއް ނެތް ކަމަށް ބުނީމެވެ. ދެން އުޅޭ ގެ އެހީމައި އެޑްރެސް ބުނެދިނީމެވެ. ދަމުން ބުނީ އެއްގަޑިއިރު ތެރޭގައި ފެންވަރައިގެން މަގުމަތީގައި ހުރުމަށެވެ. އެހެން ބުނެފައި ނީޝާ ދިއައީއެވެ.

ވަރަށް ވިސްނީމެވެ. މިކަން ނިމޭނީ ކިހިނަކުންބާވައެވެ؟ ނީޝާ އަޅުގަނޑު އެހޯދަނީ ކީއްކުރަންބާވައެވެ؟

ފެންވަރުން މިހައި ތަފާތު ދެމީހުންނަށް އެކުވެރިވެވިދާނެބާވައެވެ؟ ނީޝާއާ ބައްދަލުކުރިކަން އެނގިއްޖިއްޔާ އެ ޒުވާނާ އަޅުގަނޑަށް ހަދާނީ ކިހިނެއްބާވައެވެ؟

ކޮންމެއަކަސް އަޅުގަނޑަކީވެސް ޒުވާނަކަށްވުމުން މީހަކަށް ބިރުން ރަޖާލައިގެން ފިލާކަށް ބޭނުމެއް ނުވިއެވެ. ބައްދަލުކުރީމެވެ. ނީޝާ އަޅުގަނޑު ގޮވައިގެން ދިއައީ ރެސްޓޯރަންޓަކަށެވެ. އެތަނުން ކައިގެން އަޅުގަނޑު ގެނެސް ގެއަށް ބާލާފައި ނީޝާ ދިއައީއެވެ.

އަނެއްރޭ ގަރާޖުގެ މަސައްކަތް ނިމިގެން ގެއަށްދާން ހިނގައިގަތްތަނާ ނީޝާ އައިސް ފޯނެއް ދިނެވެ. އަދި ސިމެއް ލައްވައިގެން އޭނާއަށް ގުޅާށޭ ކިޔާފައި އޭނާގެ ނަމްބަރު ދީފައި ދިއައީއެވެ. އެ ގުޅުން ބަދަހިވަމުން އައިސް އެންމެ ބޮޑަށް ބަދަހިވިއެވެ.

އަޅުގަނޑަކީ ނިކަމެތި ފަޤީރެއްކަމާއި ބީރައްޓެއްސެއްކަމާއި ހުރިހާ ވާހަކަތަކެއް ދެއްކުމުންވެސް ނީޝާ ބޭނުންވީ ދެމީހުން ކައިވެނިކުރާށެވެ. އޭނާގެ މައިންބަފައިންނަކީވެސް އާދަޔާ ޚިލާފް ބައެކެވެ. އެހެން ނޫންނަމަ އަޅުގަނޑު ފަދަ ނިކަމެތި މީހަކާ ކައިވެނިކުރާކަށް އެއްބަހެއް ނުވާނެ ނޫންތޯއެވެ؟

ކައިވެނީގެ ކަންތައްތައް ހަމަޖެހެމުން ދަނިކޮށް އެއްކަލަ ޒުވާނާ އަނެއްކާވެސް ގަރާޖަށް އައެވެ. އައިސް މިނިކާވަގެއްހެން ގަޔަށް އަރައިގަންނަން އުޅުނެވެ. ނަމަވެސް ގަރާޖުގައި މަސައްކަތްކުރާ އެކުވެރިން އެދުވަހު އޭނާ މައިތިރިކުރީމާ ދިއައީ މަރައިލާނެކަމުގެ އިންޒާރުދީފައެވެ.

އެކަމަކަށް އަޅައެއް ނުލަމެވެ. ވާނެގޮތެއް ވާން ދޫކޮށްލީއެވެ. އޭނާއަކަށް އަޅުގަނޑު މަރައެއްވެސް ނުލެވުނެވެ. ކައިވެނިވެސް ކުރެވުނެވެ. ކައިވެންޏަށް 15 އަހަރުވެސްވެއްޖެއެވެ. ހަތަރު ދަރިންވެސް ލިބިއްޖެއެވެ. ނީޝާ އަޅުގަނޑު ދެކެ އިންތިހާއަށް ލޯބިވެސްވެއެވެ.

ނީޝާ ބުނީ އަޅުގަނޑު ފެނުނު ދުވަހުން ފެށިގެން އަޅުގަނޑު ދެކެ ލޯބިވެވުނު ކަމަށާއި މަސައްކަތްކުރަމުން އައީ ކޮންމެ ގޮތަކުން ނަމަވެސް ކައިވެނިކުރަން ކަމަށެވެ. އިސްނަގައިގެން އެކަމާ އުޅުނީ އޭނާ އެގޮތަށް އެކަމާ ނުއުޅުނު ނަމަ ދެމީހުންނަށް ގުޅެވޭނެ އެއްވެސް ގޮތެއް ނުވިސްނުމުން ކަމަށެވެ.

ކޮންމެއަކަސް މިއަދު މުޅި ޢާއިލާ އަޅުގަނޑަށް ޤަދަރުކުރެއެވެ. އެއީ ނީޝާގެ ބައްޕަގެ ވިޔަފާރި އަޅުގަނޑުގެ ވިސްނުމުންނާއި އަޅުގަނޑުގެ ބުރަ މަސައްކަތުން ބޮޑުތަނުން ކުރިއަރައިދިއައީތީއެވެ. އެއިރު ހުރި ދަރަނިތައް އަދާކޮށް ވިޔަފާރި ނަގައި ކޮޅަށް ޖެހުނީތީއެވެ. އެކަންކަން އެހިސާބަށް ގެންދެވުނީ މަސައްކަތުގައި ހުރިހާ ވަޤުތެއް ހޭދަކޮށްގެންނެވެ. އަދި ޢާއިލާގެ އެންމެންނާވެސް ގުޅުން ބާއްވައިގެން އުޅެން މަސައްކަތްކުރާތީއެވެ.

ނިންމާލަމުން ބުނެލަން ބޭނުމެވެ. ނީޝާގެ ބައްޕަގެ ވިޔަފާރިއަށް އަޅުގަނޑުގެ ކިބައިން އެހައި ބޮޑު ކުރިއެރުމެއް ލިބުނުއިރު އަޅުގަނޑު ނިކަމެތިވެގެން މަލާމާތްކޮށް އަނިޔާކުރި ޒުވާނާގެ ބައްޕަ ބަލިވުމުން ބައްޕަގެ ވިޔަފާރި އެދަރިފުޅާ ޙަވާލުކުރުމުން ތިން އަހަރު ތެރޭގައި ބަނގުރޫޓުވެ ޖެހުނީ ވިޔަފާރި ހުއްޓައިލާށެވެ. މިހުންނަނީ ވިސްނައިފި މީހަކަށް ޢިބަރަތްތެރި ފިލާވަޅުތައް ނޫންތޯއެވެ؟

ނާހިދު ޔޫސުފް ލިޔާ އިބުރަތްތެރި ވާހަކަތައް ކިޔާ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަ މި ކިޔައިދިނީ ޙަޤީޤީ ލޯބީގައި ހުންނަ ގަދަފަދަ ބާރު ކިޔައިދޭށެވެ. ޝައުގުވެރިވި ކަމަށް ހީކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *