Support Us

ޤިޔާމަތް ދުވަހު އެއްވެސް ޢުޒުރެއް ޤަބޫލު ނުކުރެވޭ ހުއްޓެވެ.

ޤިޔާމަތް ދުވަހު ﷲ ސުބުޙަނަހޫ ވަތަޢާލާގެ އަޅުތަކުންގެ ތެރެއިން އަޅަކު އެކަލާނގެ ދަރުބާރަށް ހާޒިރު ކުރެވޭނެއެވެ. ދެން އޭނާއާ ސުވާލު ކުރެއްވޭނެއެވެ. "ތިމަން ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން، ތިމަން ރަސްކަލާނގެ އަށް އަޅުކަން ކުރި، އަޅަކު ކަމުގައި ވުމަށް ތިބާ އަށް ހުރަހަކަށް ވީ ކޮން ކަމެއް ހެއްޔެވެ؟" އޭނާ ދަންނަވާނެއެވެ. "އޭ އަޅުގެ ވެރި ރައްބެވެ. އިނބަ ﷲ މިއަޅާގެ މައްޗަށް އެތައް އުނދަގުލެއް ލެއްވެވިއެވެ. ވެރިންނާއި މުއްސަނދިން މިއަޅާގެ މައްޗަށް ފާކުރެއްވެވިއެވެ. އަދި އެބައިމީހުން މިއަޅާ، އަޅުކަންތަކާއި ދުރުކުރިއެވެ."

ދެންފަހެ ހެއްކެއްގެ ގޮތުގައި އޭނާއާ ދެކޮޅަށް ޔޫސުފް އަލައިހިއްސަލާމްގެ މިސާލު ހުށަހެޅުއްވޭނެތެވެ. އަދި ސުވާލު ކުރެއްވޭނެތެވެ. "(ތިޔަކަންތައް) ބޮޑަށް ތަޙައްމަލް ކުރީ ތިބާ ހެއްޔެވެ؟ ނުވަތަ ޔޫސުފް އަލައިހިއްސަލާމް ހެއްޔެވެ؟" އެހިނދު ﷲ ގެ އަޅާ ދަންނަވާނެއެވެ. "އަޅުގެ ވެރި ރައްބެވެ. ޔޫސުފް އަލައިހިއްސަލާމް އެވެ." ދެން އޭނާއާ ސުވާލު ކުރެއްވޭނެއެވެ. "އެހެން ކަމަށް ވީއިރު (އެކަލޭގެފާނަށް ޖެހުނު) ދަތި އުނދަގޫތައް އެކަލޭގެފާނު އަޅުކަންތަކާ ދުރުނުކުރެއްވީ ކީއްވެހެއްޔެވެ؟"

އެޔަށް ފަހު މުއްސަނދި މީހަކު (ދުނިޔެ މަތީގައި، ﷲ ތަނަވަސްކަން ދެއްވާފައިވާ މީހަކު) ﷲ ގެ ދަރުބާރަށް ހާޒިރު ކުރެވޭނެއެވެ. އޭނާއާ ސުވާލު ކުރެއްވޭނެއެވެ. "ތިމަން ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން، ތިމަން ރަސްކަލާނގެ އަށް އަޅުކަން ކުރި، އަޅަކު ކަމުގައި ވުމަށް ތިބާ އަށް ހުރަހަކަށް ވީ ކޮން ކަމެއް ހެެއްޔެވެ؟" އޭނާ ދަންނަވާނެއެވެ. "އަޅުގެ ވެރި ރައްބެވެ. މިއަޅާއަށް ގިނަގުނަ މުދާ ލިބިގެން ވިއެވެ." އަދި އޭނާ އަވަދި ނެތި އުޅެން ޖެހުނު ކަންތައްތައް އޭނާ ބަޔާން ކުރާނެއެވެ. އެހިނދު އޭނާ އަށް ސުލައިމާނު އަލައިހިއްސަލާމްގެ މިސާލު ދެއްކެވުމަށްފަހު، އޭނާއާ ސުވާލު ކުރެއްވޭނެތެވެ. "މުއްސަނދި މީހަކީ ތިބާ ހެއްޔެވެ؟ ނުވަތަ ސުލައިމާނު އަލައިހިއްސަލާމް ހެއްޔެވެ؟"

ﷲ ގެ އަޅާ ދަންނަވާނެއެވެ. "އަޅުގެ ވެރި ރަައްބެވެ. ހަމަ ކަށަވަރުންވެސް ސުލައިމާނު އަލައިހިއްސަލާމެވެ." ދެން އޭނާއާ ސުވާލު ކުރެއްވޭނެއެވެ. "އެހެން ކަމަށް ވީއިރު އެކަލޭގެފާނުގެ މުދައުވެރިކަން، އެކަލޭގެފާނު، ﷲ އަށް އަޅުކަން ކުރުމަށް ހުރަހަކަށް ނުވީ ކީއްވެހެއްޔެވެ؟"

އެއަށްފަހު ﷲގެ އަޅުތަކުންގެ ތެރެއިން ސިއްޚީ ހާލަތު ދެރަ އަޅަކު އެކަލާނގެ ދަރުބާރަށް ހާޒިރު ކުރެވޭނެއެވެ. އަދި އޭނާއާ ސުވާލު ކުރެއްވޭނެތެވެ. "ތިމަން ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން، ތިމަން ރަސްކަލާނގެ އަށް އަޅުކަން ކުރި، އަޅަކު ކަމުގައި ވުމަށް ތިބާ އަށް ހުރަހަކަށްވީ ކޮން ކަމެއް ހެއްޔެވެ؟" ﷲ ގެ އަޅާ ދަންނަވާނެއެވެ. "އަޅުގެ ވެރި ރައްބެވެ. އިބަ ﷲ ގެ ހަޟުރަތުން އެތަކެއް ބަލިތަކެއް މިއަޅާ އަށް ކުރިމަތިވިއެވެ." ދެން އޭނާއަށް އައްޔޫބު ޢަލައިހިއްސަލާމްގެ މިސާލު ހަނދާންކޮށްދެވޭނެތެވެ. އަދި އޭނާއާ ސުވާލު ކުރެއްވޭނެތެވެ. "ވަރުގަދަ އިމްތިޙާނުތައް ކުރިމަތިވީ ކާކަށް ހެއްޔެވެ؟ ތިބާ އަށް ހެއްޔެވެ؟ ނުވަތަ އައްޔޫބު އަލައިހިއްސަލާމް އަށް ހެއްޔެވެ؟" ﷲގެ އަޅާ ޖަވާބު ދެއްވާނެއެވެ. "ހަމަ ކަށަވަރުން އައްޔޫބު ޢަލައިހިއްސަލާމަށެވެ."

ދެން އޭނާއާ ސުވާލު ކުރެއްވޭނެތެވެ. "އެހެންކަމަށް ވީއިރު، އިމްތިޙާނުތަކާއި މުޞީބާތްތައް، އައްޔޫބު އަލައިހިއްސަލާމްގެ، އަޅުކަންތަކަށް ހުރަހަކަށް ނުވީ ކީއްވެގެން ހެއްޔެވެ؟"

މައުލޫމާތު: ތަފްޞީރު ރޫހުލް ބަޔާން [ވޮލިއުމް 4 / ސ ނަމްބަރު 258]

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *