ޢަރަބި ދޭދޭ ޤައުމުތަކާއެކު ގުޅުންތައް އިޢާދަކުރުމަށް ދިމަޝްޤު އޮތީ ހުޅުވިފައިވާ ހިތަކާ އެކުގައި ކަމަށް ސޫރިޔާގެ ރައީސް ބައްޝަރުލް އަސަދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސޫރިޔާ ޢަރަބިލީގަށް އަލުން ވަނުމަކީ ސޫރިޔާ ދެކޭގޮތުގައި އޭގެ ޒާތުގައި މުހިއްމު މަޤްޞަދެއް ނޫނެވެ. އެއީ ދޭދޭ ޤައުމުތަކާއެކު ގުޅުން ޤާއިމުކުރުމަށްވުރެ މުހިއްމުކަމެއް ނޫނެވެ.ރައީސް އަސަދު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އާރް ޓީ ޗެނެލަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ސޫރިޔާއަކީ ސުޢޫދީ–އީރާން އަރާރުމުގެ މައިދާނެއް ނޫނެވެ. ސުޢޫދީން ވަނީ ދިމަޝްޤާއެކު ގުޅުންތައް ރަނގަޅުކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ބައްޝާރު ވިދާޅުވިއެވެ.
ރައީސް އަސަދު ވިދާޅުވިގޮތުގައި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރުމުގެ ވާހަކައަކީ މުޅިން އެހެން މައުޟޫޢެކެވެ.
އަސަދު ވިދާޅުވިގޮތުގައި އަރަބިލީގަށް އަލުން ވަނުމަށްވުރެ ސޫރިޔާއިން އިސްކަންދެނީ ޢަރަބި ދޭދޭ ޤައުމުތަކާއެކު ގުޅުންތައް ޤާއިމުކޮށް ރަނގަޅު ކުރުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސޫރިޔާއަކީ ޢަރަބިން ބައިބައިކުރާ ތަނަކަށްވާނަމަ ސޫރިޔާ ޢަރަބިލީގަށް އަލުން ވަންނާކަށް ބޭނުމެއް ނުވެއެވެ. އަމާޒުފަތްގަނޑަކީ ޢަރަބިން ގުޅިގެން މަސައްކަތް ކުރުމެވެ.
ސުޢޫދީ އީރާން ގުޅުންތައް އިޢާދަކުރުމަށް އެއްބަސްވި އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަސަދު ވިދާޅުވިގޮތުގައި އެއީ ވަރަށް އީޖާބީ ކަމެކެވެ. އެއީ ވަރަށް އުފާވެރި ކުއްލި ޚަބަރެކެވެ. ޗައިނާއަށް ޝުކްރު ރައްދުވާ ކަމެކެވެ.
އަސަދު ވިދާޅުވިގޮތުގައި އެކަމުގެ ސަބަބުން އީރާން ސޫރިޔާ ގުޅުން ކެނޑިގެންދާކަށް ނުޖެހެއެވެ.އެއީ މުޅިން އެހެން މަސްއަލައެކެވެ. އޭނާ ވިދާޅުވިގޮތުގައި އީރާން ސުރިޔާ ގުޅުމަށް ހަތަރު ދަހަރުވެއްޖެއެވެ. އެއީ ޢަރަބި މައިދާނުގައި ވެސް މަސްއަލައެއް ނޫނެވެ.
ބައްޝާރު ވިދާޅުވި ގޮތުގައި ސުޢޫދީ އީރާން ގުޅުން ޢާންމު ގޮތެއްގައި މުޅި ސަރަޙައްދަށް ރިވެލިވެގެންދާނީ އީޖާބީކޮށް ފައްސިކޮންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޢޫދިޔާއިން ސޫރިޔާއާމެދު ގެންގުޅެމުން ދިޔަ ސިޔާސަތު މީގެ އެތައް އަހަރެއް ކުރިން ވަނީ ބަދަލުވެފައެވެ. މިއަދު ރިޔާޟުން ސޫރިޔާގެ އެއްވެސް ޖަމާޢަތަކަށް ޙަރަކާތަކަށް ވާގިވެރިއެއް ނުވެއެވެ. ސޫރިޔާގެ ދާޚިލީ ކަންތައްތަކަކާ ނުބެހެއެވެ.



advertisment