އެމެރިކާގެ އެމްކިޔޫ9 މަރުކާގެ އަގު ބޮޑު ޑްރޯން ވެއްޓުނު ހާދިސާއާ ވިދިގެން އެމެރިކާއާއި ރަޝިޔާގެ ދިފާޢީ ވަޒީރުން ފޯނުން ބައްދަލު ކުރައްވައިފިއެވެ.
މިއީ މި ދެ ބޭފުޅުން ދާދިވަރުކޮށް ހަ މަސްދުވަހުގެ ތެރޭގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ބޮޑު ދެ ބާރުގެ ދެމެދުގައި ހިނގި ފުރަތަމަ ކުރިމަތިލުމެވެ.
އެމެރިކާގެ ވަޒީރު އޮސްޓިން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އޭނާ ރޫސީ ވަޒީރު ޝުވިގޯއާއެކު ބަހުސްކުރެއްވީ އެމެރިކާގެ ޑްރޯން ވެއްޓުނު މަސްއަލައާ ބެހޭގޮތުންނެވެ. ވޮޝިންގްޓަނުން ބުނާގޮތުގައި ޑްރޯން ވެއްޓުނީ ރަޝިޔާގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓަކުން އެއަށް ހުރަސްއެޅުމުންނެވެ. އެމެރިކާއިން ބުނިގޮތުގައި މިއިން އެނގެނީ ރަޝިޔާގެ ކިބައިގައި "ހުނަރުވެރިކަން" ކުޑަކަމެވެ.
އޮސްޓިން ވިދާޅުވި ގޮތުގައި ބޮޑެތި ބާރުތައް ނަޒާހަތްތެރިކަމާއި ދެފުށް ހާމަކުރުމާ އެކު ގުޅުން ދެމެހެއްޓުމުގައި ނަމޫނާއަކަށް ވާންޖެހޭނެއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެމެރިކާގެ ބޯޓުތައް ބައިނަލްއަޤްވާމީ ސަރަޙައްދު ތެރޭގައި އުދުހި ހޯރައަޅަމުންދާނެއެވެ.
ރޭ އެމެރިކާގެ ޚާރިޖިއްޔާއިން ނޫސްތަކަށް ދިން ބަޔާނެއް ބުނާގޮތުގައި "ޑްރޯން ވެއްޓުމުގެ ހާދިސާއަކީ ރަޝިޔާއިން ގަސްތުގައި ހިންގި ކަމެއް ކަމަކަށް ނުބެލެވެއެވެ."
އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި އެމެރިކާގެ ޑްރޯން ވެއްޓުނީ ބައިނަލްއަޤްވާމީ ކަޅުކަނޑުގެ ސަރަޙައްދު ތެރެއަށެވެ. އެއީ ރަޝިޔާގެ ސުޚޮއި 27 މަރުކާގެ ދެ މަތިންދާބޯޓުން އަމާންކަމެއް ނެތް ގޮތަކަށް މި ޑްރޯނަށް ހުރަސްއެޅުމުންނެވެ.
ރަޝިޔާއިން ބުނިގޮތުގައި އެމެރިކާގެ ޑްރޯން ވެއްޓުނީ ރަޝިޔާގެ ދެ ބޯޓުން ސަލާމަތްވާން ވެގެން ދެއްކި ހެވިކަމުގެ ތެރޭގައި ރަޝިޔާގެ ސަރަޙައްދާ ކައިރި ހިސާބަކަށެވެ. ރަޝިޔާއިން ބުނިގޮތުގައި އެ ޤައުމުގެ ބޯޓުތައް އެ ޑްރޯނަށް ޙަމަލާއެއް ނުދެއެވެ. އަދި އެކްސިޑެންޓެއް ވެސް ނުވެއެވެ.
ރަޝިޔާއިން ބުނިގޮތުގައި އެމެރިކާގެ ޑްރޯނަކީ ރަޝިޔާ ސިފައިންގެ ޙަރަކާތްތަކަށް ފާރަލައި އެ ފައުޖުތަކުގެ މަޢުލޫމާތު ކިޔީވަށް ދިނުމަށް ފޮނުވި ޖާސޫސީ ހަތިޔާރެކެވެ. ރަޝިޔާއިން ބުނި ގޮތުގައި "އެ ޤައުމުގެ ބޯޓެއް ނުވަތަ ޑްރޯނެއް އެމެރިކާ ސަރަޙައްދާ ކައިރިވެއްޖެނަމަ އެމެރިކާއިން ހަދާނީ ކިހިނެއްތޯ ސުވާލުކޮށްލަ ބަލާށެވެ! އެމެރިކާއިން ޗައިނާގެ ބެލޫންޏެއް ވައްޓައިނުލައި ހެއްޔެވެ؟"



advertisment