Support Us

ޢިބްރަތްތެރި ވާހަކަ: ފިރިއެއްގެ މަކަރުވެރިކަން ފަޅާއެރި ގޮތުގެ ވާހަކަ

އަޅުގަނޑުގެ މައިންބަފައިންނަކީ އެހައި ތަނަވަސްކަން ބޮޑު ބައެއް ނޫން ނަމަވެސް މެދުމިނުގެ ތަނަވަސްކަން ހުރި ބައެކެވެ. ލިބިފައިވާ ދެ ދަރިންނަށް ގޯތީގައި އެމީހުންގެ ފެންވަރުން ދެ ގެ އަޅައިދިނެވެ. ދެ ބެއިންނަށް ވަކިން ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ބޭބެ ކައިވެނިކުރުމުން ބޭބެގެ ގެ ބޭބެއާ ޙަވާލުކުރިއެވެ. އަދި ދެމަފިރިން އަޅުގަނޑާއެކު އަޅުގަނޑަށް ދިން ގޭގައި ދިރިއުޅެން ފެށިއެވެ.

އަޅުގަނޑުގެ ޢުމުރުން 25 އަހަރު ފުރުމުން އެކަނި ނުހުރެ ކައިވެނިކުރަން ނަޞޭޙަތްދޭން ފަށައިފިއެވެ. މަޖުބޫރެއް ނުކުރެއެވެ. ނަޞޭޙަތްތެރިވީއެވެ. އެހެންކަމާއެކުވެސް ކައިވެނިކޮށްގެން ބައެއް އެކުވެރިންނަށް ކުރަންޖެހުނު ތަޖުރިބާއަށް ބަލައި ކައިވެނިކުރަން ފޫހިވެފައި އަހަރެއްހައި ދުވަހު ހުރީމެވެ.

އެހައިތަނުން ބައްދަލުވި މީހަކާ ލޯބީގެ ގޮތުން ގުޅި ކައިވެނިކުރީމެވެ. ކައިވެންޏަށް ފަސް އަހަރުވީއިރު ދެ ދަރިންވެސް ވަނީ ލިބިފައެވެ. ދެ ވަނަ ދަރިފުޅު ލިބުނު ފަހުން ފިރިމީހާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ސުވާލުކުރުމުން އެއްވެސް ކަމަކަށް އެއްބަހެއް ނުވެއެވެ. ނަމަވެސް ޢަމަލުތަކުން ކޮންމެވެސް ކަންތައްތަކެއް ހިނގާކަން ވަރަށް ބޮޑަށް ޔަޤީންކުރެވުނެވެ.

އެހެންވެ ބުނީމެވެ. "ވައްކަން ނުކުރާށެވެ! އަނިޔާވެސް ނުކުރާށެވެ! ބޭނުން ނެތިއްޖެނަމަ ނުވަތަ ރަނގަޅު ގޮތެއް ފެނިއްޖެނަމަ ދޫކޮށްލާފައި އަވަހަށްދާށެވެ. ދަރިންނަށް ޚަރަދު ނުކުރިޔަސް މައްސަލައެއް ނެތެވެ. ޚަރަދު ހޯދަން ކޯޓަކަށްވެސް ނުދާނަމެވެ. އަދި މިހާރުވެސް ދަރިންނަށް ޚަރަދުކުރަނީ ކަލެއްވެސް ނޫނެވެ. އަހަރެން ކަންބޮޑުވަނީ މިގޮތަށް ބާކީވެގެން އިންނަން ޖެހުމުން އުފާވެރިކަމެއް ނުލިބި ފިރިމީހާގެ ކިބައިން ލޯބި ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީއެވެ. މިގޮތަށް ލޯބި ނުލިބޭ ޙާލުގައި ފިރިއަކާއެކު އުޅުމަށްވުރެ އެކަނި އުޅުންވެސް މާރަނގަޅުވާނެއެވެ."

ފިރިމީހާގެ ޖަވާބަކަށްވީ ކޮންމެވެސް މީހަކު ސިޙުރު ހަދައިގެން ދެމީހުން ދުރުކުރުވަން އުޅެނީ ކަމަށެވެ. އެހެން އަންހެނަކާ ގުޅިގެން ނުއުޅޭ ކަމަށާއި އެކަމަކުވެސް ދުރުހެލިވެވެނީ ކަމަށެވެ. އެހެން ބުނުމުން ރުޤްޔާކުރަން މީހަކު ހޯދައިގެން ގެއަށް ގެންނަން ހުށަހެޅީމާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ބުނީ އަމިއްލައަށް މަސައްކަތް ކޮށްގެން ރަނގަޅުވެވޭނެ ކަމަށެވެ.

ރުޤްޔާކުރަން ފިރިމީހާ އެއްބަސްނުވި ހިސާބުން ފިރިމީހާއާމެދު ކުރިން ކުރެވެމުން އައި ޝައްކުތައް ޔަޤީން ކަމަށް ބަދަލުވިއެވެ. އެހެންވެ އެފަދަ މީހެއްގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުން ގެންދިއައީމެވެ.

އެއީ ބޮޑު ޢީދު ދުވަހެކެވެ. ދެ ކުދިން ގޮވައިގެން ބޭރަށް ނުކުމެލަން ބޭނުންވެގެން ކުދިން ތައްޔާރުކޮށްލައިގެން މަންމަ ތައްޔާރުވަންދެން އިންދައި މީހަކު އައިސް ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރު ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ދޮރުހުޅުވިތަނާ ސިޓިންގ ރޫމްގައި އިން ފިރިމީހާ ފެނުމާއެކު އަނގައިންވެސް ނުބުނެ ވަދެގެން ގޮސް ބުނީ ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރެވިއްޖެ ކަމަށާއި މިއަދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

އޭނާ ހުންނަ އެޕާޓްމަންޓުގެ ކުލިވެސް އަދި މިމަހު ނުދައްކާ ކަމަށާއި އެހެންވެ އިރުއިރުކޮޅުން ކުލި ހޯދަން އެބަގުޅާ ކަމަށާއި ގެއަށް މިއައީ ގުޅީމާ (އަޅުގަނޑުގެ ފިރިމީހާ) ފޯނު ނުގާތީ ކަމަށެވެ.

ފިރިމީހާ އެވަރުންވެސް އުޅުނީ އޮޅުވައިލާށެވެ! ބުނީ އާދެވިގެން ތިޔަ އުޅެނީ ނުބައި ގެއަކަށް ކަމަށާއި ފެނިގެން ތިޔަ އުޅެނީ ނުބައި މީހެއް ކަމަށެވެ. އެހެން ބުނުމުން އަންހެން ކުއްޖާ އައި ރުޅީގައި އޭނާގެ ފޯނު ހުޅުވައި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯތަކާއި ފޮޓޯތައް އަޅުގަނޑަށްވެސް ދެއްކިއެވެ. ދައްކާފައި އަޅުގަނޑަކީ ކާކުތޯ ސުވާލުކުރުމުން އޭނާގެ އަނބިމީހާ ކަމަށާއި މިތިބީ އަހަރެމެންގެ ދެ ދަރިން ކަމަށް ބުނީމެވެ.

އޭނާ ބުނީ އޭނާގެ ގާތުގައި ބުނެފައިވަނީ އަންތބަކު ނެތް ކަމަށާއި ކައިވެނިވެސް ނުކުރާ ކަމަށް ކަމަށެވެ. އަދި މިގެއަކީވެސް އޭނާގެ ގެއެއް ކަމަށެވެ.

އެހިސާބުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލިއެވެ. ބުނީމެވެ. "ކައިވެނިނުކުރާ ކަމަކަށް ނުހެދޭނެތާއެވެ. ނަމަވެސް ވަރިކުރަނިކޮށް އަންތބަކު ނެތްކަމަށް ހެދޭނެތާއެވެ. ދެން މިއީ އަހަރެންގެ ގެ ކަމަށްވާއިރު ކަލޭގެ ގެއެއް ކަމަކަށް ނުހޭދެނެތާއެވެ. އެހެންވީމާ ވަރިކޮށްލާފައި އޭނާއާއެކު އަވަހަށް ދާށެވެ."

އެހެން ބުނުމުން އެ އަންހެން ކުއްޖާ ބުނީ މިއީ މަކަރުވެރިއެއްކަން ވިސްނިގެން އެހެން ގޮތެއްވެސް އޮންނާނީ ހޯދާފައި ކަމަށާއި މިހިސާބުން "ޗޭންޖް"ކޮށްލީ ކަމަށެވެ. އެހެން ބުނެފައި "ވަރަށް ސޮރީ" އޭ ބުނެފައި އޭނާ ނުކުމެގެން ދިއައީއެވެ.

އަޅުގަނޑު ކޮޓަރިއަށް ގޮސް އޭނާގެ އަންނައުނުތައް ބޮޑު ތިން ކޮތަޅަށް އަޅައިގެން ގެނެސްދީފައި ހިފައިގެން އަވަހަށް ދާށޭ ބުނުމުން ވަރަށް ދެރަވާ ކަމަށް ހެދެން އުޅުނެވެ. މާފަށްވެސް އެދުނެވެ. އެކަމަކު އެއަޑުތައް ނުއަހައި ގެއިން ނެރެލީމެވެ.

ވީ ފޫހީގައި އަހަރެއްހައި ދުވަހު ފިރިހެނަކާ އެގޮތުން އަނގައިންވެސް ނުބުނެ ހުރެފައި ދެވަނަ މީހަކާ ގުޅި ކައިވެނިކުރީއެވެ. އެ ކައިވެނީގައި މިހާރު އަށް އަހަރުވެއްޖެއެވެ. އިތުރު ދެ ދަރިންވެސް ލިބި ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.

ނާހިދު ލިޔާ ވާހަކަތައް ފޫހިކަމެއް ނެތި ކިޔާ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ މަކަރުވެރި ފިރިއަކަށް ނަމަނަމަ ދެވަނަ ފުރުޞަތު ނުދޭށެވެ. ކަނޑުގެ ލޮނުގަނޑު ފެނަށް ބަދަލުވިޔަސް އެބާވަތުގެ މަކަރުވެރި ފިރިން އިޞްލާހެއް ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *