Support Us

ކޮލަމް ކޯދު: ޝައިޚު ރަޝީދު ރިޟާގެ ބަސްކޮޅެއް- ހެޔޮބަދަލެއްގެ ފެށުމުގެ މުގޫ

ޝައިޚު ރަޝީދު ރިޟާއަކީ މިސުރުގެ އިލްމުވެރިއެކެވެ. އަރަބި ދުނިޔޭގައި މި ޒަމާނުގެ ދީނީ އިސްލާހުގެ މަސައްކަތް ޒިހުނިއްޔަތުގެ އަސާސެއްގެ މައްޗަށް ބިނާކުރުމުގެ މަސައްކަތް ފެއްޓެވި މުސްލިހުކަމުގައިވާ މުހައްމަދު އަބްދުހޫގެ (އަވަހާރަވީ 1905މ.ގައި) އިސްދަރިވަރެވެ. ޝައިޚު ރަޝީދު ރިޟާގެ އެންމެ އަގުހުރި އެއް ޚިދުމަތް ކަމުގައި ހިމެނެނީ ޝައިޚު އަބްދުހޫ ލިޔުއްވަމުން ގެންދެވި ކީރިތި ގުރުއާނުގެ ތަފްސީރު، ޝައިޚު އަބްދުހޫ ލިޔުއްވި ހިސާބަށް އެއްކުރައްވައި އިތުރު ތައުލީގުތަކާއެކު ޝާއިއުކުރެއްވުމެވެ. ޝައިޚު ރިޟާ އަވަހާރަވީ 1938މ. ގައެވެ. އެ ތަފްސީރުގައި ތޭރަ ޖިލްދު ހިމެނެއެވެ. ޔޫސުފު ސޫރަތުގެ ނިޔަލަށެވެ.

ޝައިޚު ރަޝީދު ރިޟާ ވިދާޅުވެފައި އޮވެއެވެ. "އިލްމީ ހޭލުންތެރިކަމެއް ނެތް މުޖުތަމައަކަށް ހެޔޮ އިންގިލާބީ ބަދަލެއް ގެންނަން އުޅޭ މީހާގެ މިސާލަކީ އޭނާގެ އަމިއްލަ ގައިގާ ރޯކޮށްގެން، ކަނު ބަޔަކަށް މަގު އަލިކޮށްދޭން އުޅޭ މީހާގެ މިސާލެވެ."

މި ބަސްކޮޅުގައި ބުނެފައި ވަނީ އިސްލާހީ މަސަކަތް ނުކުރާށެކޭ ނޫނެވެ. ނަމަވެސް، މި ބަސްކޮޅުގެ މުރާދަކީ ތަނެއް އިސްލާހުވެ، އެތަނަށް ހެޔޮ ބަދަލެއް އައުމުގެ ފެށުން ގުޅިފައި އޮންނަނީ އެތަނެއްގެ އާންމު މީހުންގެ އިލްމީ ހޭލުންތެރިކަމާކަން ފާހަގަކޮށް އެކަމަށް ބާރުއެޅުމެވެ.

އާދެ ކީރިތި ގުރުއާނުގެ އިބާރާތުން ނަމަ إن الله لا يغير ما بقوم حتى يغيروا ما بأنفسهم. މީސްތަކުންގެ ކިބައިގައިވާ (ނުރަނގަޅު) ގޮތްތައް ފިލުވައި ބަދަލުކުރުމުން މެނުވީ މާތްރަސްކަލާނގެ އެމީހުންގެ ހާލަތު ބަދަލެއް ނުކުރައްވާނެތެވެ.

މިއިން އެނގެނީ މުޖުތަމައުއަށް ހެޔޮ އިސްލާހީ ބަދަލުވުން އޮތީ މުޖުތަމައުގެ އަފުރާދުންގެ އަތްމަތީގައި ކަމެވެ. އެމީހުންގެ އަމިއްލަ ވިސްނުން އަމިއްލައަށް ބނުންކޮށް ވިސްނައި ފިކުރުކޮށް ހޭލުންތެރިވުމުގެ މައްޗަށް ކަމެވެ.

 

 

All reactions:

44