Support Us

ކޮލަމް ކޯދު: ދީނުގެ އަގު ގެއްލުމާއި ދީނުގެ އަގު ހިފެހެއްޓުން

ތިރީގައި އެވަނީ ވޭތިވެދިޔަ ގަރުނުގެ ޔަހޫދީ އިލްމުވެރި ފަލަސްފާވެރިއެއް ކަމުގައިވާ ރަބައި އެބްރަހަމް ޖޯޝުއާ ހެސްޝެލް އަދުގެ ދީނީ ހާލަތާއި މެދު ބުނެފައި އޮތް ވާހަކައެއްގެ ދިވެހިކޮށްލުމަކާއި އެއާ ގުޅުވާލައިގެން ލިޔެލާފައި އޮތް ވާހަކަކޮޅެކެވެ.

"އަދުގެ ޒަމާނީ ނުވަތަ އަސްރާނީ މުޖުތަމައުގައި ދީނުގެ ބޭނުންތެރިކަން ކުޑަވެގެން ދަނީ ދުނިޔަވީ ސައިންސުގެ އިލްމުތަކާއި އަދި ދީނާ އިދިކޮޅު ފަލްސަފާތަކުގެ ސަބަބުންކަމަށް ދައުވާކޮށް ވާހަކަ ދެއްކުމަކީ މިހާރުގެ އާދައެކެވެ. ނަމަވެސް، މިކަން މެދުވެރިވާން ދިމާވީ މުޖުތަމައުގެ ކުރިމައްޗަށް ދީން ހުށަހެޅޭ ގޮތުން ކަމަށް ބުނުން ހަގީގަތާ މާ ގާތެވެ. މުޖުތަމައުގައި ދީނުގެ އަގު ދަށަށް ދިޔައީ ދީނަކީ ބޭކާރު އެއްޗައްކަން އަދުގެ ދުނިޔަވީ ސައިންސުގެ އިލްމުތަކާއި ދީނާ އިދިކޮޅު ފަލްސަފާތަކަށް ސާބިތުކޮށްދެވިގެންނެއް ނޫނެވެ. ނަމަވެސް، އެކަން މެދުވެރިވާން ދިމާވީ ދީނަކީ އޭގެ ބޭނުމެއް ނެތް، އަލިކަމެއް އެއިން ނުލިބޭ، މީހުން މައިތިރިކޮށް ހިފަހައްޓައި އޭގައި އެއްވެސް ދިރުމެއް ނެތް އެއްޗެއް ގޮތަށް މީސްތަކުންގެ ކުރި މައްޗަށް ހުށަހަޅާލެވޭ އެއްޗަކަށް ވެފައި އޮތުމުންނެވެ. ދީނަކީ ހިތުގައި ރޯކޮށްލެވޭ ވަރުގަދަ ގަބޫލުކުރުމެއްގެ ބަދަލުގައި، ދުލުން ކިޔާލެވޭ ކަލިމަތަކަކަށް ވުމުންނާއި، އަޅުކަމަކީ މިހާގެ އަޚުލާގަށް ހެޔޮ ބަދަލުތައް ގެނެސް، އަނެކުންނާ ހެޔޮ ގޮތުގައި މުއާމަލާތްކުރުމަށް ބާރު ލިބިދޭ ކަމަކަށް ވުމުގެ ބަދަލުގައި ހުސްއެކަނި ބޭރު ފުށުން އަދާ ކޮށްލެވޭ ހަރަކާތްތަކަކަށް ވުމުންނާއި، ދީނަކީ އެކަކު އަނެކަކަށް ލޯބިކުރުން މެދުވެރިކުރާ ކަމެއްގެ ބަދަލުގައި އާދަކާދައިގެ މަތިން ތަބާވާ ތަބާވުމަކަށް ވުމުންނާއި މިއަދުގެ ދުނިޔޭގެ ހާލަތު އޮތް ގޮތާ މެދު ވިސްނައި އަޅާ ނުލައި، މާޒީގެ މޮޅުކަމުގެ ވާހަކަ ދައްކައި، ދީނަކީ ދިރުން އެއިން ލިބޭ ފެން އާރަކަށް ވުމުގެ ބަދަލުގައި ވާރުތައިން ލިބިފައި އޮތް ތަރިކަ މުދަލަކަށް ވުމުންނާއި، ދީނުގެ އަޑަކީ އޯގާތެރިކަމާއި ލޯބީގެ އަޑަކަށް ވުމުގެ ބަދަލުގައި އެހެން މީހުންގެ މައްޗަށް އަމުރުތައް ކުރާ ބާރުވެރި އަޑަކަށް ވުމުން، ދީނުގެ ހަގީގީ ރިސާލަތް ގެއްލި ދީނަކީ މާނައެއް ނެތް ބޭކާރު އެއްޗަކަށް ވެއެވެ."

އާދެ، ރަބައި ހެސްޝެލް ބުނެފައިވާ ފަދައިން، އަދުގެ ތަޖުރީބީ އިލްމާއި ދީނާ އިދިކޮޅު ފަލްސަފާތަކަކަށް ދީނަކީ ބާތިލު އެއްޗެއްކަން ސާބިތުކޮށްދެވިފައި ނުވެއެވެ. ދީނުގެ އަގު، މީސްތަކުންގެ ކުރިމަތީގައި، ކުޑަވެގެންދަނީކީ މި ނަންގަތް ކަން ކުރެވިފައި އޮވެގެންނެއް ނޫނެވެ. ނަމަވެސް، ދީނުގެ އަގު މީސްތަކުންގެ ކުރިމަތީގައި ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މީސްތަކުންގެ ކުރިމައްޗަށް ދީން ހުށަހަޅާލެވޭ ގޮތެވެ. ދީނަކީ ހަމައެކަނި ބޭރު ފުށުގެ ކަންތައްތަކެއް ކުރުމަށް ބާރުއަޅާ ކަމެއްގެ ގޮތުގައި ދީން ހުށަހަޅާލެވުމެވެ. މީހާގެ ދީންވެރިކަން ބިނާވަނީ ހަމައެކަނި ވަކި ގޮތަކަށް ހެދުން ލުމާއި ބޭރު ފުށުގެ ވަކި ކަހަލަ ދީނީ ޝިއާރުތަކެއް އަދާކުރުމުގެ މައްޗަށް ބުނުމެވެ. މީގެ މާނައަކީ ބޭރު ފުށުގެ ދީނީ ޝިއާރުތަކަކީ ލާޒިމުނޫން ކަމެކޭ ބުނުމެއް ނޫނެވެ. ނަމަވެސް، ދީނުގެ ޖައުހަރަކީ އެއީ ކަމަށް ހަދާލުމެވެ. ބޭރު ފުށުގެ އަމަލުތަކަކީ އެ އަމަލުތައް މެދުވެރިކޮށް ތިމާގެ އެތެރެ ފުށް އިސްލާހުކުރުމަށް އޮންނަ ވަސީލަތެކެވެ.

މީގެ އިތުރުން، އާދެ، ފަރުދީ އިސްލާހުގެ އިތުރުން، މުޖުތަމައުގައި ހަމަހަމަކާއި އަދުލުވެރިކަން ގާއިމުކުރުމަށް ވެސް، ހަރު އަޑުން ދީން ގޮވާލައެވެ. މުޖުތަމައުގެ އެންމެނަށް ވެސް، އެމީހުންގެ އަސާސީ ބޭނުންތައް ފުއްދޭ ގޮތް ހަދައިދީ، މުޖުތަމާއިން ފަގީރުކަން ނައްތާލަން ދީން ބާރުއަޅައި ގޮވާލައެވެ. ކޮންމެ ހުކުރު ދުވަހަކު މިކަން އެންމެނަށް ވެސް ހަނދާންކޮށްދެއެވެ. إن الله يأمر بالعدل… (މާތްﷲ [ކަލޭމެންނަށް] އަމުރުކުރައްވަނީ އަދުލުވެރިކަން ގާއިމުކުރުމަށެވެ…) މިއާޔަތް ކިޔައެވެ. މާނައަކީ ދީނުގެ މުޖުތަމައީ ހުރިހާ، ތައުލީމާތުތަކެއްގެ، އުނގަންނައިދިނުންތަކެއްގެ، މަގުސަދަކީ މިއެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވާ މުޖުތަމާއެއް އުފެއްދުމަށެވެ.

ކުރިއަށް އޮތީ ރޯދަ މަހެވެ. މި މައްސަރަކީ ދީނުގެ ޖައުހަރަކީ، ރިސާލަތަކީ ކޮބައިކަން ދެނެގަތުމަށް ލިބޭ ވަރަށް ވެސް ރަނގަޅު ފުރުސަތެކެވެ. އެ މައްސަރުގެ ކުރީގެ ދުވަސްތަކާއި އެ މައްސަރުގެ ދުވަސްތަކާއި އަދި އެ މައްސަރާ ވިދިގެން އަންނަ ދުވަސްތަކުގެ މޮޅު އިތުރު ކަމުގެ ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަތީގައި ދެންމެ މިނަންގަތް ދީނުގެ ޖައުހަރީ ރިސާލަތު، އަސްލު އަސާސީ ވާހަކަ ދެއްކުން މުހިއްމެވެ. މުޖުތަމައިން ފަގީރުކަން ނައްތާލާނީ ކިހިނެއްކަމާއި، މުޖުތަމައުގެ އެންމެނަށް ވެސް، ހަމަޖެހިގެން ދިރިއުޅެވޭނޭ ގޮތެއް ހޯދައިދިނުމުގެ ވާހަކަ ދެއްކުން މުހިއްމެވެ. އެކަކު އަނެކަކަށް އަޅާލައި އެކަކަށް އޯގާތެރިކޮށް ހިތުމުގެ ވާހަކަދެއްކުން މުހިއްމެވެ. އަދި، ދެންމެ ނަތްގަތް ފަގީރުކަން ނައްތާލުމުގެ ލަނޑުދަނޑި ހާސިލުކުރާނޭ މަގެއް ކޮށައި ދިނުމުގެ ވާހަކަ ދެއްކުން މުހިއްމެވެ. މިފަދައިން ކަންތައް ކުރުމުގެ ވާހަކަތައް ދެެއްކުން ފަށައި، އަޅުގަނޑުމެންގެ ދީނީ ޚިތާބު ބަދަލުކޮށްލެވިއްޖެ ނަމަ، މީސްތަކުންގެ ކުރިމަތީގައި ދީނުގެ އަގު އުފުލި ދީނުގެ ބޭނުންތެރިކަން ފެނިގެންދާނެއެވެ.