Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ކިޔަވާ ކުއްޖެއްގެ ނަޒަރުން މާދަރީބަސް

ކުޑަވެސް ޝައްކެއްނެތެވެ! އިންސާނުންގެ ބަސް ތަފާތު ކުރެއްވިކަން އެއީ، މާތް ﷲ ވޮޑިވާކަމުގެ މަތިވެރި ހެކިތަކުގެ ތެރެއިންވާ ކަމެކެވެ.

އިންސާނާޔަށް ކަންކަން ފަހުމުވުގެ އަސާސަކީ ބަހެވެ. އެގޮތުން ކޮންމެ އިންސާނެއްގެމެ މަދަރީބަހަކީ، އޭނާޔަށް އެހެން ބަސްބަހުގެ ބުނުންތަކާއި ލިޔުންތަކުގައި ހުންނަ ތަކެތި ފުރިހަމަޔަށް ދެނެގަނެވޭ ވަސީލަތެވެ. ސަބަބެވެ.

އެހެނީ، އިންސާނާޔަށް ބޭރު ބަސްބަސް އޭނާގެ ސިކުނޑި ތަރުޖަމާކޮށްދެނީ އޭނާގެ މާދަރީ ބަހުންކަމަށް ވާތީއެވެ. އެފަދައިން އިންސާނާގެ ސިކުނޑީގެ ހުސިޔާރުކަން ގުޅިފައިވަނީ ވެސް އިންސާނާ އޭނާގެ މާދަރީ ބަހަށް ކުރިއަރާފައިވާ މިންވަރެއްގެ މައްޗަށެވެ.

އެހެންކަމުން އަހަރުމެން ކިޔަވާ ކުދީން އަހަރެމެންގެ މާދަރީބަސް ކަމުގައިވާ ދިވެހިބަހަށް އިސްކަންދީ ދިވެހިބަހަށް އަހުލުވެރިވުމަކީ، ވަރަށް ވެސް މުހިއްމު ކަމެކެވެ. އެކަމަށްޓަކައި އަހަރުމެން ވާހަކަ ދެއްކުމުގައި ބޭރު ބަސްބަސް މަސްހުނިކޮށްގެން ވާހަކަ ދެއްކުން ދޫކޮށްލުމާއި އަހަރުމެން ކިޔަވާ ކުދީން އެއްކުއްޖަކާއި އަނެއްކުއްޖަކު ވާހަކަ ދެއްކުމުގައި ވެސް ދިވެހިބަހުން ވާހަކަ ދައްކާ ހާލަތެއްގައި ނަމަ، ބޭރު ބަސްބަސް މަސްހުނިކޮށްގެން ވާހަކަ ނުދެއްކުމަށް އާދަ ހިފާން ޖެހެއެވެ.

އަދި ބެލެނިވެރީން ވެސް ގޭގެ ވެށީގައި ޚާލިޞް ދިވެހިބަހުން އަހަރުމެނާ ވާހަކަ ދެއްކުމަށް އިސްކަން ދިނުމީ ވަރަށް ބޭނުންތެރި ބޭނުންބޮޑު ކަމެއްކަމުގައި ދެކެމެވެ.