Support Us

އީރާނު– ސުޢޫދީ އެއްބަސްވުމަކީ ސިޔާސީ މައިދާނަށް އައި ޒަލްޒަލާއެއް: ޔަޙްޔާ

އީރާން- ސުޢޫދީ އެއްބަސްވުމަކީ ސިޔާސީ މައިދާނަށް އައި ޒަލްޒަލާއެއް ކަމަށާއި މި ކަމުގެ ސަބަބުން އެމެރިކާގެ ނުފޫޒާއި އަތްގަދަކުރުން އެ ސަރަޙައްދުން ނެތިގެންދާނެ ކަމަށް އީރާނުގެ ދީނީ ޒަޢީމު އާޔަތުﷲ ޚާމަނައީގެ ޢަސްކަރީ މުޝީރު ޖެނެރަލް ޔަޙްޔާ ރަޙީމު ޞަފަވީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ މެދުވެރިވެގެން އީރާނާ ސުޢޫދީ ޢަރަބިއްޔާއިން، ޑިޕްލޮމެޓިކް ގުޅުން އިޢާދަކުރުމަށާއި ދެ މަސްދުވަހުގެ ތެރޭގައި ސަފީރުން ބަދަލުކުރުމަށް އެއްބަސްވި ތާރީޚީ އެއްބަސްވުމަކީ މެދުއިރުމަތީގައި އޮތް އެމެރިކާގެ ނުފޫޒުނެތި އައު ފިޔަވައްސެއްގެ ފެށުމެވެ.

ޞަފަވީ ވިދާޅުވި ގޮތުގައި ޗައިނާ މެދުވެރިވެގެން ޤާއިމުކުރެވުނު މި އެއްބަސްވުމަކީ އެމެރިކާގެ ގައިގައި ޗައިނާއިން ޖެހި ދެވަނަ ތަފާލެވެ. އީރާން ސުޢޫދީ އެއްބަސްވުމަށްފަހު މި ސަރަޙައްދުގެ މަލަތަކަށް ބަދަލުތައް އަންނަމުންދާ ތަން ވަރަށް އަވަހަށް ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ ދެ ޤައުމުގެ މަޞްލަޙަތަށާއި ހުޅަނގު އޭޝިޔާގެ ސަރަޙައްދުގެ މަޞްލަޙަތު އޭގައި ހިމެނޭ އެއްބަސްވުމެކެވެ. މިއީ އެއްވެސް ޤައުމަކާ ދެކޮޅަށް އެއްބަސްވެވުނު އެއްބަސްވުމެއް ވެސް ނޫނެވެ.

އީރާނުގެ ޚާރިޖިއްޔާ އިއްޔެ ބުނިގޮތުގައި ޠަހަރާނާއި ރިޔާޟާ ދެމެދުގައި އޮތް ގުޅުންތައް އަނބުރާ އިޢާދަކުރުމަށް އެ ދެ ޤައުމުން އެއްބަސްވި އެއްބަސްވުމަކީ އެ ދެ ޤައުމުގެ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތްކޮށްދޭނެ އެއްބަސްވުމެކެވެ. އީރާނުން ބުނިގޮތުގައި މި އެއްބަސްވުމުން އެނގެނީ އީރާނާއި އީރާނުގެ ރަޙްމަތްތެރީންނާއި ސަރަޙައްދީ އަވަށްޓެރީންގެ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް އީރާނުން މަސައްކަތްކުރާނެ ކަމެވެ.

އީރާނުގެ ޚާރިޖިއްޔާއިން ޗައިނާގެ އިސްނެގުމަށާއި މި އެއްބަސްވުން ޤާއިމުކުރުމުގައި ޗައިނާ ކުޅުނު ދައުރަށް ވަރަށް ބޮޑަށް ޝުކްރު އަދާކޮށްފައި ވެއެވެ. މި އެއްބަސްވުން އެކުލަވައިލުމުގައި ޢިރާޤާއި ޢުމާނުން އަދާކުރި ދައުރުގެ އަގު ވަޒަންކޮށް އެ ދެ ޤައުމަށް ވެސް ޝުކްރު އަދާކޮށްފައި ވެއެވެ.

އީރާން– ސުޢޫދީ އެއްބަސްވުމާ ހަމައަށް މި ދެ ޤައުމަށް ހުކުރު ދުވަހު ދެވުނީ ބޭޖިންގްގައި މި މަހު 6 ން 10 ށް ބޭއްވުނު ވާހަކަދެއްކުންތަކުގެ ތެރެއިންނެވެ.

އިސްލާމީ ޤައުމުތަކުންނާއި ޢަރަބި ޤައުމުތަކުންނާއި ދުނިޔޭގެ އެންމެހާ ޤައުމުތަކުން ދަނީ މި އެއްބަސްވުމަށް ތަހްނިޔާ ކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *