Support Us

ނަތަންޔާހޫގެ ޖުޑިޝަރީ އިސްލާޙާ ދެކޮޅުހަދާ މުޒާހަރާތައް ދިހަވަނަ ހަފުތާއަށް

އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ސަރުކާރުން އެތާނގެ ޖުޑިޝަރީ އިޞްލާޙު ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ހުއްޓައިލުމަށް ގޮވައިލާ އަދި އެކަމަށް ދެކޮޅު ހަދާ މުޒާހަރާތައް އިއްޔެ ވެސް އިސްރާއީލުގެ ބޮޑެތި ސަހަރުތަކުގައި ބާއްވައިފިއެވެ. މިއީ މުޒާހަރާތައް ބާއްވަމުންދާތާ 10 ވަނަ ހޮނިހިރު ދުވަހެވެ.

އިއްޔެގެ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެ ބޮޑުވަޒީރު ނަތަންޔާހޫއަށް މި އިސްލާޙުތައް ނުގެންނެވުމަށް ދެންނެވިއެވެ. މި މުޒާހަރާތައް ހުއްޓުވުމަށް ޓަކައި އިސްރާއީލު ފުލުހުން އެޅި ފިޔަވަޅުތަކުގެ  ސަބަބުން އެތައް ބަޔަކު ޒަޚަމުވިއެވެ. އަދި އެތައް ބަޔަކު ހައްޔަރުކުރިއެވެ.  

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި އިއްޔެގެ މުޒާހަރާތަކުގައި 300 ހާސް މީހުން ބައިވެރިވިއެވެ. ތައްލު އަބީބުގެ މުޒާހަރާގައި ދެ ލައްކަ މީހުން ބައިވެރިވިއެވެ. ޙައިފާގައި 50 ހާސް، ބިއުރުއްސަބްޢުގައި 10 ހާސް މީހުން އަޝްދޫދުގައި ފަސް ހާސް މީހުން މުޒާހަރާކުރިއެވެ.

މުޒާހިރީން ބުނިގޮތުގައި "އެއީ ޤަޟާއީ ނިޒާމު އިސްލާޙު ކުރުމެއް ނޫން… އެއީ އިސްރާއީލުގެ ވެރިކަން މުޅިން ޚުދްމުޚްތާރު ކުރުމަށް ގެންނަ އިންޤިލާބެއް… އަހުރެމެން ބޭނުންވަނީ އަހުރެމެންގެ ދަރީންނަށް ޓަކައި އިސްރާއީލު ދިމުޤްރާޠީ ނިޒާމުގެ މަތީގައި ދަމަހައްޓަން."

އިއްޔެ މުޒާހަރާތައް ފެށުނީ ސުލްހަވެރިކޮށެވެ. އެހެނަސް މުޒާހަރާގެ ބައިވެރީން ގިނަވެ މަގުތައް ތޮއްޖެހުމުން ދުއްވާ އެއްޗެއްސަށް ތަން ހަދާދިނުމަށް ޓަކައި ފުލުހުން މަސައްކަތް ފެށުމުން މުޒާހަރާ ހަލަބޮލިވީއެވެ. އަދި ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރު ކުރީއެވެ. އަދި ފުލުހުންގެ ފިޔަވަޅުތަކުގެ ސަބަބުން  ބަޔަކު ޒަޚަމުވީއެވެ. 

އިއްޔެގެ މުޒާހަރާތައް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވިގެން ދިޔުމުން އިސްރާއީލުގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ޔަޢުޤޫބު ޝަބްތާއި ތައްލު އަބީބުގެ ފުލުހުންގެ ވެރިޔާ އެހެން މަޤާމަކަށް ބަދަލު ކުރެއްވިއެވެ. އިސްރާއީލީން ދެކޭގޮތުގައި މިއީ ފުލުހުންގެ ހަރުކަށިކަން އިތުރުވެގެން ދާނެ ކަމުގެ އިންޒާރެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރުކަމަށް މިދިޔަ ޑިސެންބަރުގައި އެނބުރި ވަޑައިގެންނެވި ނަތަންޔާހޫ ވިދާޅުވާ ގޮތުގައި މި މުޒާހަރާތަކަކީ އޭނާގެ ސަރުކާރު ވައްޓައިލުމަށް އިދިކޮޅު ޕާޓިތަކުން ރާވައިގެން ހިންގާ ކަމެކެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފު ތިން މަސްއަލައެއްގައި ނަތަންޔާހޫގެ މައްޗަށް ދަނީ ޝަރީޢަތް ހިނގަމުންނެވެ. މުޒާހަރާގެ ބައިވެރިއަކު ސިފަކުރި ގޮތުގައި ނަތަންޔާހޫއަކީ ބޮޑުވަޒީރެއްނޫނެވެ. އެހެނަސް އެއީ ޖަރީމާ ވަޒީރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *