Support Us

ގުޅުންތައް އިޢާދަކޮށް އެންބަސީތައް ހުޅުވަން ސަޢޫދީ އާއި އީރާން އެއްބަސްވެއްޖެ

ޑިޕްލޮމެޓިކް ގުޅުން އިޢާދަކޮށް އަލުން އެންބެސީތައް ހުޅުވުމަށް ރިޔާޟާއި ޠަހަރާން މިއަދު އެއްބަސްވެއްޖެކަމަށް ސުޢޫދީ ނޫސް އޭޖެންސީ (ވާސް) ބުނެފިއެވެ.

މި ކަމަށް ސުޢޫދީ ޢަރަބިއްޔާއާއި އީރާން އެއްބަސްވީ ޗައިނާގައި ރައީސް ޝީ ޖިން ޕިންގްގެ ބެއްލެވުމުގެ ދަށުން ބޭއްވުނު ވާހަކަދެއްކުންތަކުގައެވެ. މި ވާހަކަދެއްކުންތައް ބޭއްވުނީ ޠަހަރާނާއި ރިޔާޟުގެ އެދުމުގެ މަތިން އެ ދެޤައުމުގެ ދެމެދުގައި ހުރި މަސްއަލަތަކާއި ދެބަސްވުންތައް ވާހަކަދައްކައިގެން ޞުލްޙަވެރި ވަސީލަތްތަކުން ޙައްލުކުރަން އެދުމުންނެވެ.

ވާސް ބުނާގޮތުގައި ސުޢޫދީ ޚާރިޖީ ވަޒީރާއި އީރާނުގެ ޚާރިޖީ ވަޒީރު ސަފީރުން ބަދަލުކުރުމާބެހޭ ކަންތައްތައް ތަރްތީބު ކުރެއްވުމަށް ޓަކައި ވަރަށް އަވަހަށް ބައްދަލު ކުރައްވާނެއެވެ. މި ބައްދަލު ކުރެއްވުމުގައި އެ ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ހަރުދަނާކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ. އަދި މި ދެ ޤައުމުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ސަލާމަތީ އެއްބާރުލުމަށް އަލުން ޢަމަލުކުރުމާ ބެހޭގޮތުން ވެސް ދެ ވަޒީރުން ބަހުސްކުރައްވާނެއެވެ. ދެ ޤައުމުން މިއަދު އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ޤައުމުތަކުގެ ސިޔާދަތަށް އިޙްތިރާމުކުރުމާއި ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ނުބެހުން ވެއެވެ.

ޖަޒީރާގެ ރިޕޯޓާރު ބޭޖިންގުން ޚަބަރުދިން ގޮތުގައި ރިޔާޟު– ޠަހަރާން ގުޅުންތައް އިޢާދަކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ސުޢޫދީ ޢަރަބިއްޔާއާއި އީރާނާއި ޗައިނާގެ މަންދޫބުންނެވެ.

ވަރަށް ފުޅައު ތަރްޙީބެއް

މި އެއްބަސްވުމަށް ކޮމެންޓް ކުރައްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބުދުﷲޔާން ވިދާޅުވިއެވެ. "އީރާން ސުޢޫދީ ގުޅުންތައް އިޢާދަކުރުމަކީ ސަރަޙައްދަށާއި އިސްލާމީ ދުނިޔެއަށް ވަރަށް ބޮޑު ކެރި ފޯރުންތެރިކަމެއް ލިބިގެންދާނެ ކަމެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ރަނގަޅު އަވަށްޓެރިކަމުގެ ސިޔާސަތަކީ ނާރެހީ ކަމެކެވެ. ސަރަޙައްދީ މަސްއަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެން އިތުރު ފިޔަވަޅުތައް އަޅާނަމެވެ."

އީރާނުގެ ޤައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލީހުގެ އަމީން ޢާންމު ޢަލީ ޝަމްޚާނީ ވިދާޅުވި ގޮތުގައި ސުޢޫދީ- އީރާން ގުޅުންތައް ޢިއާދަކުރުމަކީ ސަރަހައްދީ އަމްނާއި ހަމަޖެހުމަށް ސާބިތުކަން ގެންނާނެ ކަމެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ދިޔަ ހޯމަދުވަހުން ފެށިގެން ސުޢޫދީ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި މިކަމަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނާ ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އިޢާދަކުރުމުން ސަރަޙައްދީ ސަލާމަތަށާއި ހަމަޖެހުން ސާބިތުވެ ހަރުދަނާވެގެންދާނެއެވެ. ޝަމްޚާނީ ހާމަކުރެއްވި ގޮތުގައި ދެމަސްދުވަހުގެ ތެރޭގައި ސަފީރުން ބަދަލު ކުރެވޭނެއެވެ.

ޗައިނާއިން މި އެއްބަސްވުމަށް މަރްޙަބާ ކިޔައި މި ކަމުގައި ޗައިނާގެ ދައުރުގެ ބޮޑުކަން ހާމަކުރިއެވެ.

އައު ޞަފްޙާއެއް

ޢުމާނުގެ ޚާރިޖިއްޔާއިން ސުޢޫދީ އީރާން އެއްބަސްވުމަށް މަރްޙަބާ ކިޔަމުން ބުނިގޮތުގައި މި ކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ދާއިރާގައި އައު ޞަފްޙާއެއް ހުޅުވިގެންދާނެ ކަމަށް ޢުމާން ދެކެއެވެ.

ޢިރާޤުގެ ޚާރިޖިއްޔާއިން މި އެއްބަސްވުމަށް މަރްޙަބާ ކިޔެއެވެ. މި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިއާދަކުރުމުގެ މަސައްކަތުގައި ޢިރާޤުން ވަނީ ވަރަށް ބޮޑު ދައުރެއް ކުޅެފައެވެ. ބަޣްދާދު މެދުވެރިގެން ނުސީދާ ވާހަކަދެއްކުމުގެ އެތައް ބައްދަލުވުންތަކެއް ބޭއްވިފައި ވެއެވެ. އެއަށްފަހު ސީދާ ވާހަކަދެއްކުންތައް ފެށުނީ 2021ގައި ބަޣްދާދުގައެވެ. މީގެ ފަސް ބުރު ބޭއްވިފައި ވެއެވެ.

ވޮޝިންގްޓަނުން ވެސް މި ކަމަށް މަރްޙަބާ ކިޔެއެވެ. ވޮޝިންގްޓަން ބުނި ގޮތުގައި މި ކަމާބެހޭ މަޢުލޫމާތު ވޮޝިންގްޓަނަށް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *