Support Us

ތައްލު އަބީބުގެ މެދުތެރޭގައި ފިދާއީ ޙަމަލާއެއް

ތައްލު އަބީބުގެ މެދުތެރޭގައި ރޭ ފަލަސްޠީނުގެ ފިދާއީއަކު ދިން ޙަމަލާއެއްގައި ފަސް މީހަކު ޒަޚަމުވެ އިސްރާއީލު ބޮޑު ކަންބޮޑުވުމަކާއި ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ ކަމަށް އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނެފިއެވެ. 

އިސްރާއީލުގެ ފުލުހުން ބުނާގޮތުގައި ބަނޑިޖެހުމުގެ ހާދިސާ ހިނގީ ތައްލު އަބީބުގެ މެދުތެރޭ މަގެއް ކަމުގައިވާ ޑެޒެންގޯވް މަގުގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މި ހާދިސާ ސިފަކުރައްވާ ވިދާޅުވިއެވެ. "މިއީ ވަރަށް ދަތި ނިރުބަވެރި ޙަމަލާއެކެވެ. އެހެނަސް އަހުރެމެންގެ ޢަޒްމަށް ބަލިކަށިކަމެއް ނާންނާނެތެވެ."

ޙަމަލާގެ ބަޠަލަކީ ކާކު

ޢިބްރީ މީޑިއާތައް ހާމަކުރި ގޮތުގައި މި ޙަމަލާ ދިން ފަލަސްޠީނުގެ ޒުވާނަކީ އިސްރާއީލުގެ ޖަލުން ވަރަށް ފަހުން ދޫކޮށްލި 23 އަހަރުގެ މުޢުތައްޒު ޞަލާޙުލް ޚަވާޖާ އެވެ. އޭނާއަކީ ރާމަﷲގެ އުތުރުގައި އޮންނަ ނަޢުލީން ނަމަކަށް ކިޔާ ކުޑަ ރަށެއްގެ މީހެކެވެ.  

ޙަމާސުން ރޭ ނެރުނު ބަޔާން ބުނާގޮތުގައި މުޢުތައްޒަކީ އެ ޖަމާޢާތުގެ ފިދާއީއެކެވެ. މިއީ އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ދެމުންގެންދާ ޙައްދުފަހަނަޅައިފައިވާ ޢަމަލުތަކުގެ ރައްދުގައި ދިން ޙަމަލާއެކެވެ. ޙަމާސްގެ ތަރްޖަމާނު ޢަބްދުއްލަޠީފުލް ޤާނޫޢު ވިދާޅުވި ގޮތުގައި މިއީ "ޞިހްޔޫނީން އަހުރެމެންނާ ދެކޮޅަށް ކޮންމެ ދުވަހަކު ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކަށް ދިން ކުޑަކުޑަ ރައްދެކެވެ." 

އިއްޔެ ހެނދުނު އިސްރާއީލުން ވަނީ ޖަނީނުގެ ރަށްބޭރުގައި އޮންނަ ޖަބަޢު ނަމަކަށް ކިޔާ ރަށަށް އަރާ ފަލަސްޠީނުގެ 3 މީހަކު ޝަހީދުކޮށްލައިފައެވެ.

ފަލަސްޠީނުގެ ޖަމާޢަތްތައް މި ޙަމަލާއަށް ތާއީދު ކުރި 

ފަލަސްޠީނުގެ ހުރިހާ ޖަމާޢަތްތަކުން ވެސް ރޭ ބުނިގޮތުގައި މިއީ އިސްރާއީލުގެ ޖަރީމާތަކަށް ދެވުނު ރައްދެކެވެ. 

އިސްލާމީ ޖިހާދު ޖަމާޢަތުން ބުނިގޮތުގައި މި ޙަމަލާ ދިން ތަނަށާއި ވަގުތަށް ބަލާއިރު އެނގެނީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ ޢުދްވާނުތައް ފޭލްވެފައިވާ ކަމެވެ. 

ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕޮޕިޔުލަރ ފްރޮންޓުން  ނެރުނު ބަޔާން ބުނާގޮތުގައި "މި ޙަމަލާއިން އެނގެނީ ޢަދުއްވުގެ ޖަރީމާތަކަށް ހަމަ އަގު ދައްކަން ޖެހޭނެކަމެވެ." 

މި ޙަމަލާ ރޭ ދިނީ އިސްރާއީލު ސަރުކާރުން އެތާނގެ ޖުޑީޝަރީ އިސްލާޙުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތައްލު އަބީބުގައި މުޒާހަރާތައް ބައްވިމުންދިޔަ ވަގުތެއްގައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *