Support Us

ކޮލަމް ކަލާވެހި: "އޮފު ކަނޑުވައިލުން" އަދި "ހަޖަމު!" މިއީ ވަރަށްވެސް ޙީލަތްތެރި ހަތިޔާރުތަކެކެވެ.

ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އެކި ބާވަތުގެ މީހުންގެ ކިބައިން ފެންނަ ކިއްސަރު، އަދި ނުކިއްސަރު ސިފަތައް ދަނީ ގިނަވަމުންނެވެ. ކުރަމުން ގެންދާ ޢަމަލުތަކުގެ ނިޔަތާއި އާޚިރު ނަތީޖާވެސް ފެންނަމުންދަނީ ބައެއް ފަހަރު އޭގައި ހެވާއި ލާބަ، އަދި އަނެއްބައި ފަހަރު އޭގައި ފަނާކުރުމާއި ނުބައި ނުލަފާކަން އެކުލެވިގެންވާ ގޮތުގައެވެ. މި މަގުން އެއްޗެއް ދަންނަވާއިރު، ބަޔަކުމީހުންނަށް މާ ކަމުދާ ކަމެއް ކަމުގައި ބުނާ "ހަޖަމު" ކުރުމުގެ ޤާބިލިއްޔަތުގެ ނުފުށުގައި ބައެއްފަހަރު ފޮރުވިފައިވަނީ ކޮންކޮން ކަހަލަ ކަންތައްތަކެއްތޯ ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު ވިސްނާވަޑައިގަތީމުތޯއެވެ؟ "އޮފު ކަނޑުވައިލުމުގެ" އަޑު އެއްސެވީމުތޯއެވެ؟

ރާއްޖޭގެ ސިޔާސީ ދާއިރާޔަށް ތަފާތު އެކި މީހުން ނިކުންނަ މަޤްޞަދުތަކުގެ ތެރޭގައި މުޅި ޤައުމުގެ އެންމެހައި ރައްޔިތުންގެ ހެވާއި ލާބަޔާއި މަންފާޔާއި އަމާންކަމާއި ޞުލްޙަމަސަލަސްކަން ހިމަނައިގެން އުޅޭ ހެޔޮލަފާ ބަޔަކު މި ޤައުމުގައިވެސް އުޅޭ ކަމާމެދަކު އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ޝައްކެއް ނުކުރަމެވެ. އެހެންނަމަވެސް، ހަމަ އެޔާ އެއްވަރަށް، ޤައުމުގެ އެންމެހައި ރައްޔިތުންގެ އިސްވެ މިދެންނެވި މަޞްލަޙަތުތަކަށް ހަމަ ކޮންމެ ފަދަ ގޮތްތަކެއް ވިޔަސް ވަރިހަމަކަމަށް، ތިމާގެ އަމިއްލަ އަންބޮނޑިޔަށް ބަރުވަންޏާ ހަމަ ކޮންމެ ކަމެއްވެސް ކޮށްލަން ފަސްނުޖެހޭ ޒާތުގެ މީހުން ހަމަ އެ ދާއިރާޔަށް ނިކުމެ އުޅޭކަމީވެސް ޝައްކަކަށް ޖާގަޔެއް އޮތް ކަމެއް ނުމެ ނޫންމެއެވެ. އަދި ފަހުން މިދެންނެވި ޒާތުގެ މީހުންގެ ތެރެއިން މޫނުމަތި އަޅައިގެން ތިބޭ އަބުއި ޒާތުގެ މީހުންނަށް އަތްގާތްކޮށްދީ، އެމީހުންގެ އަތުން ފައިސާކޮޅު އަތުލައިގެން، އެމީހުންގެ އަޢުވާނުންގެ ގޮތުގައި ފައުޅުގައި ޙަރަކާތްތެރިވާ މީހުންވެސް އުޅޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އަޅުގަނޑަށް މިހާރަކަށް އައިސް ފާހަގަވާ ގޮތުގައި، އިސްވެ މިދެންނެވި "ހަޖަމު" މިލަފުޒު ބޭރުތެރޭގައި ގިނަގިނައިން ބޭނުންކޮށް މިއުޅެނީ، އައްސުން މީހުންނާ ޖެހިގަނެ، ފުރައްސާރަކޮށް، އަސާސީ ޙައްޤުތަކަށްވެސް އަރައިގަނެ، ހަނގާކޮށް އުޅޭ ޒާތުގެ ދަށުފަންތީގެ މީހުންނެވެ. މިދެންނެވި ޒާތުގެ، ޒަމީރުގެ އިސްކޮޅުން ވަރަށް ކުރު، އަޅު އަޢުވާނުންނެވެ. އަދި އެމީހުން އެކަން ކުރަނީ އެމީހުންގެ "ބޮހުންގެ" އަމާޒަކަށް އެވަގުތަކު ވެއްޖެ މީހެއްގެ އަގު ޢާންމުންގެ ކުރިމަތީގައި ވައްޓައިލާށެވެ. ބައެއް ކަހަލަ ސިޔާސީ މުދައްބިރުންގެ ޙަމަލާ އެ ދަނޑިވަޅެއްގައި އަމާޒުވާ މީހާގެ "އޮފު ކަނޑުވައިލުމުގެ" ނިޔަތުގައެވެ.

ދެން އަޅުގަނޑު މިދަންނަވާ "އޮފު ކަނޑުވައިލުމުގެ" މަސައްކަތް ވަކި މީހަކާ ދެކޮޅަށް ފެށުމުގެ ސަބަބުތަކަކީވެސް ހަމަ އެހައި ދަށުފަންތީގެ ވިސްނުންތަކެއްގެ ނަތީޖާޔަށް ނޫނީ ގިނަފަހަރަކު ނުވެއެވެ. މިފަދަ ދެތިން ސަބަބެއް، މިސާލުގެ ގޮތުގައި މިތާނގައި ދަންނަވާނަމެވެ. މީހެއްގެ ވިޔަފާރިޔެއް ތަންކޮޅެއް ހަލުއިކޮށް ކުރިއަރައި، ބައެއް މީހުންގެ ހިތުގައި އެމީހަކާ މެދު ހަސަދައިގެން ހުޅުކޮޅުތަކެއް ރޯވާވަރުގެ ފައިދާއެއް އޭނާޔަށް ލިބޭހެން ހީވެއްޖެތަ، އެމީހަކު ވެގެން އެދަނީ "އޮފު ކަނޑުވައިލުމުގެ" ޝިކާރަޔަކަށެވެ. ކުޑައިކޮށް ކިޔަވައިލައި ހަދައިގެން އުޅޭ، ނޫނީ ވަކި ހުނަރަކަށް ފަރިތަ މީހަކު ކަންކަމަށް ފާޑުނުކިޔައި، ސިޔާސީ ޕާޓީޔަކަށްވެސް ނުވަދެ، އެހައިތަނަށް މަޑުމަޑުން ގޭގައި ހުރި މީހަކު އެގޮތް ބަދަލުކޮށްފިއްޔާ އެ މީހަކާ ދިމާޔަށް އެތަކެއް ދުރުމި ހުއްޓޭނެއެވެ. އެކަހަލަ މީހަކު ޕާޓީޔަކަށް ސޮއިކޮށްފިތަ، އެމީހަކު މިދެންނެވި ކަހަލަ ޝިކާރަޔަށް ވެދާނެ މެއެވެ. އަދި ވަކީން ޚާއްޞަކޮށް، ޢާޑަފުރައްސާރަޔާ އެންމެހައި ހަވާސާ މީހުން ނިސްބަތުން ގިނަކަމަށް ޢާންމު ޙަރަކާތްތަކުން ފެންނަ ކަހަލަ ޕާޓީޔަކަށް ނުވަދެ، އެހެން ޕާޓީޔަކަށް އެމީހަކު ވަދެއްޖެނަމައެވެ. އެހިސާބުން އެ ފަކީރު "އޮފު ކަނޑުވައިލުމުގެ" ޝިކާރަޔަކަށް ހެދުން އޮންނާނީ ވަރަށް ގާތުގައެވެ. ނުވަތަ އެނޫންވެސް ޙާލަތެއްގައި، އަޑުގަދަ ޒާތުގެ އެކްޓިވިސްޓަކު މީހެއްގެ އަންހެން ދަރިޔަކާ މަތިންބައިންޖެހިގެން އުޅެ، އެކަމާ އެ ދަރި ނުރުހިއްޖެނަމަ، އެ ދަރީގެ ބަފަޔަށްވެސް "އޮފު ކަނޑުވައިލުމުގެ" ޙަމަލާތައް އަމާޒުވެދާނެއެވެ. ދެންވެސް މިޒާތުގެ ދަށުފަންތީގެ އެތައް ސަބަބެކެވެ!

"އޮފު ކަނޑުވައިލުމުގެ" ޙަމަލާތައް މީހަކާ އަމާޒުކޮށްފިނަމަ، ދެން އެ ޖެހުނީ ކަމަކާއެވެ. ޙަމަލާތައް އަމާޒުވާން ކަނޑައެޅި މީހާޔާ މަގުމަތީން ދިމާކޮށް، ކުރެވުނުހައި އުނދަގުލެއް ކުރާނެއެވެ. މީހަކަށް "އޮފު ކަނޑުވައިލުމުގެ" ޙަމަލަދޭން ޙަވާލުވާ ޢައުވާނުންގެ ތެރެއިން ބަޔަކު ތިބީ އެމީހަކަށް ބާރުފޯރުވޭ ފަދަ މަޤާމެއްގައި ކަމަށް ވެއްޖެނަމަ، މަޤާމުގެ ބާރު ނާޖާއިޒުކޮށް ބޭނުންކުރުމަކީ ރަދީފުގައި އޮތަސް، އެހެން ތަންތަނުގައި ނޯންނަ އެއްޗަކަށް ހަދައިލާނެއެވެ. ޙަމަލާ އަމާޒުވާ މީހާޔޭ ކިޔައިގެން އެތަންމިތާނގައި ނުކިއްސަރު އެތައް ވާހަކަޔެއް ހަދަހަދައިގެނަށް ދާންދެން ފަތުރާނެއެވެ. ސޯޝަލް މީޑިޔާގެ އެކި މަންސަތަކުގައި އެމީހަކަށް ހަޖޫޖަހައި، ފުރައްސާރަކޮށް ހަދަން ޖީ.ޕީ.އެސް ހަލާކުވެފައި ތިބޭ ޒާތުގެ ކުދީންނާއި އަމިއްލަ މަސައްކަތުން އާމްދަނީއެއް އަދި ނުހޯދިޔަސް ތަންކޮޅެއް ޚަރަދުބޮޑުކޮށް އުޅޭހިތްވާ ޒާތުގެ ބުރުޞޫރަ ރީތި، އެކަމަކު އަނގަހަޑި ކަނބަލުންވެސް ލައިފާނެއެވެ.

"އޮފު ކަނޑުވައިލުމުގެ" މިފަދަ ޙަމަލާ އަމާޒުވާ ގިނަ މީހުންނަށް ވާގޮތަކީ، ގަންނާކުރައްވާ ބިރުން އެމީހެއްގެ ހޮރަށް އެމީހަކު އަލުން ވަދެ ފިލަނީއެވެ. ކައިކައި އޮތް ބޯކިބާފޮތިވެސް މަގުމައްޗަށް އެއްލައިލައިފައި ޢާންމު ވުޖޫދުން ގެއްލެނީއެވެ. ތަހުޒީބު ޤައުމުތަކުގައި އެއީ އެމީހެއްގެ އިޖުތިމާޢީ ޙައްޤުތައް ކަމަށް ބަލާ އެތައް ކަމެއް ޤުރުބާން ކޮށްފައެވެ. އެބުނާ އަބުރަކާއި ޢިއްޒަތަކާއި ކިޔަވައިގެންހުރި ކަމުގެ ބާޒާރަށް ނުވިކޭ ލަޤަބު ގެއްލިދާނެތީ ބިރުންނެވެ. މީހަކު އެހެން ހަދައިފިތަ، އެހިސާބުން އެއްކަލަ އަނދިރި މުދައްބިރުންގެ މުޑުދާރު މަޤްޞަދު އެ ޙާޞިލުވީއެވެ!

އެޔާ ޚިލާފަށް، "އޮފު ކަނޑުވައިލުމުގެ" ޙަމަލާތަކަށް އެ ޙަމަލާތައް އަމާޒުވާ މީހާ ހަމަ އެބީދައިން، ހަމަ އެބަހުރުވައިން، ކެރިގެން ރައްދެއް ދީފިތަ، އަސްތާ ދެން އެމީހަކާ ދިމާޔަށް ނުގޮވާކަށް އެއްޗެއް ނޯންނާނެއެވެ. ނުވިސްނޭ މީހެކޭ ގޮވާނެއެވެ. ނުކިޔަވާ ހުރި ޖާހިލެކޭ އެއްފަދަ މީހެކޭ ގޮވާނެއެވެ. އަނގަހަޑި މީހެކޭ ގޮވާނެއެވެ. ޤައުމަށް ހުރި ހުތުރެކޭ ގޮވާނެއެވެ. ދެން މިހެންގޮސް ނުގޮވާކަށް އެއްޗެއް، ނެތް ހުތުރު ސިފައެއް، ނުކުރާ ކުށެއް، ހަޑިހުތުރު ކަމެއްވެސް އެމީހާގައި ނެތޭ ގޮވާނެއެވެ. ދިމާޔަށާއި ޣައިރު ހާޟިރުގައެވެ. ސޯޝަލް މީޑިޔާގައިވެސް މެއެވެ. އެކަމަކު އެޔަށްވުރެވެސް ބާރަށް ގޮވާނީ އެމީހަކަށް ކަންކަން "ހަޖަމު" ނުވާ ވާހަކައެވެ.

ދެން ބަލައިލަންވީ އެބުނާ "ހަޖަމު" އެއީ ކޮން އެއްޗެއްތޯއޭ އެވެ. ހަމަ ކަށަވަރުން، އެބުނާ "ހަޖަމު" އެއީ ކުރިހައި ހަނގާޔަކަށް ކެތްކުރުމެވެ. ދިރިއުޅުމަށް ކުރިމަތިކުރި ކޮންމެ ދައްޗަކަށް ކެތްކުރުމެވެ. ހުރަސްއެޅި ކޮންމެ އަސާސީ ޙައްޤަކުން އަމިއްލަ ނަފުސު މަޙުރޫމުވީމައި އެކަންވެސް ހިންދިރުވައިލައިފައި ބަލައިގަތުމެވެ. ގޮވިހައި ފުޅަޔަކަށް ބީރުކަންފަތް ދިނުމެވެ. ކުރިހައި ފުރައްސާރަޔެއް ބަލައިގަތުމެވެ! އަދި އަނގައިން ނުބުނެ ހުރެގެން، އެ ހުރިހައި ހަނގާކުރުމަކާއި، ފުރައްސާރަކުރުމަކާއި، ދިރިއުޅުމަށް ކުރިމަތިކުރި ދަތިތަކާއި ނިގުޅައިގަތް ޙައްޤުތަކަށްވެސް ޖާގަދިނުމެވެ! އެއިރުން "ހަޖަމު" އަދި ވިޔަކަސް ކުރަމުން ގެންދާ ދުއްތުރާ ތަކަކަށް ނިމުމެއް އަދި ނާންނާނެއެވެ. އެހެނީ، އާދައިގެ މީހެއްގެ ޙައްޤަކަށް އަބުރަކަށް ޢިއްޒަތަކަށް އަރައިގަތަކަސް ވާނޭ މާކަ ބޮޑުކަމެއްވެސް މިހާރަކަށް އައިސް އޮންނަތަން އޮށްޓަރުހުރި ގޮތަކަށް ނުފެންނާތީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު މިދެންނެވި ގޮތަށް މީހާ ނިކުތް ހޮރަށް އަނބުރާ ނުވަންނަމަ، ވިޔަފާރީގެ ދާއިރާޔާ ދުރަށް ނުދިޔަނަމަ، ނޫނީ ސިޔާސީ ކަންކަމަށް ފާޑުކިޔުން ދޫކޮށްނުލައިފިނަމަ، ނުވަތަ އެހެން ޕާޓީއެއްގައި ދެމިހުރި ނަމަ، އެމީހަކީ ވަކި ބާވަތެއްގެ ބަޔަކަށް ހުރި ބިރަކަށްވެސް ވާތީ ތޯއްޗެކޭ، "ހަޖަމު" އަދި ކުރިޔަކަސް ފުރައްސާރަޔަކަށް ދުއްތުރާލަކަށް ނިމުމެއް ހަމަ ނާންނާނެޔޭ ތަކުރާރުކޮށް ދަންނަވަމެވެ. އެއީ "އޮފު ކަނޑުވައިލުމުގެ" އަސްލު މަޤްޞަދު ކަމަށްވާ، ވިޔަފާރިންނާއި ފާޑުކިޔުމުންނާއި ގުޅުނު ޕާޓީން އެމީހާ ދުރަށް ލުމުގެ މަޤްޞަދު ފުރިހަމަ ނުވާތީއެވެ. އެހެންވީމާ، "ހަޖަމު" އެއީ އަދި އެކަމުގެ ޙައްލެއް ނޫނެވެ.

އަޅުގަނޑުގެ ރައުޔެއް ދަންނަވަންތޯއެވެ! ސިޔާސީ ލަޓޯފަޓޯއިން މިދެންނެވި ބީދައިން ދިމާކޮށްގަތީމައި، އެބުނާ "ހަޖަމު" ވެސް ކުރައްވާނޭ ކަމެއް ނެތެވެ. އަދި "އޮފު ކަނޑުވައިލުމުގެ" ގޮތުން އެކުރާހާ ކަންކަމުގެ ސަބަބުން އިޖްތިމާޢީ ކަންކަމާ ދުރަށްވެސް ވަޑައިގަންނަވާނޭ ކަމެއްނެތެވެ. އޭގެ ބަދަލުގައި ރައްދުވެސް ދެއްވާށެވެ. އަމިއްލަ ނަފުސާއި ނަފުސުގެ އިންސާނީ ޙައްޤުތައްވެސް އެފަދަ ޙަމަލާތަކުން ދިފާޢުކުރައްވާށެވެ. ފަރުދީ ޒިންމާގެ ރާގުގެ އަޑު ކޮންމެ ދިމާޔަކުން އިވެމުންދާ ޣައިރުމަސްއޫލު ޒަމާނެއްގައި އަދި ވަކީން ވަރުގަދަޔަށް މިކަން ކުރައްވާށެވެ.

އެހެނީ، ރައްދު ދެއްވިޔަސް، ތިމާޔަކީ މީހެއްކަމަށް ހެޔޮހިތުން ޤަބޫލުކުރާ މީހުން އަދިވެސް އެގޮތުގައި ދެމި ތިބޭނެއެވެ. ތިމާޔަށް ޤަދަރާއި ޢިހްތިރާމް ކުރާ މީހުން އަދިވެސް އެކަންކަން ދަމަހައްޓާނެއެވެ. ތިމާޔަކީ ޙަޤީޤަތުގައި ކަންކަން "ހަޖަމު"ނުވާކަމަށް ޤަބޫލުކުރާނީ ތާކުންތާކު ނުޖެހޭ މީހުންނެވެ. "އޮފު ކަނޑުވައިލުމުގެ" ޙަމަލާތައް އަމާޒުވާ މީހާގެ އޮފު ކެނޑޭނީ ޚުދު އެބައެއްގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމުގައި އޮފެއް ޢަމުދުން ނެތް މީހުންގެ ކުރިމަތީގައި އެކަންޏެވެ. އެހެންވީމާ އެއީ އެހައި މުހިންމު ބައެއް ނޫނެވެ. ނުކިއްސަރު ޙަމަލާތަކުން ނަފުސު ދިފާޢުކުރުން އެއީވެސް ޙަމަލާ އައި ގޮތަކުން، މަގަކުން، އަދި ބީދަޔަކުން އޮންނަ ޙައްޤެއްކަމަށް ޤަބޫލު ނުކުރާނީ ސިކުނޑީގައި ޢަމުދުން ތެތްކަމެއް ނެތް މީހުންނެވެ. އެހެންވީމާ، އެއީވެސް އެހައި މުހިންމު މީހުންނެއް ނޫނެވެ. ދެން އުޅޭނީ "އޮފު ކަނޑުވައިލުމުގެ" ޙަމަލާ ދޭން އިރުޝާދު ދިން މީހުންގެ ބަތާކައިގެން، އެމީހުންގެ ދަށުވެގެން އުޅޭ އަޅު ޒާތުގެ މީހުންނެވެ. އެއީ… ދެން ނުދެންނެވިޔަސް އެނގިވަޑައިގެންފި، ދެއްތޯއެވެ!

"އޮފު ކަނޑުވައިލުން" އަދި "ހަޖަމު!" މިއީ ވަރަށްވެސް ޙީލަތްތެރި ހަތިޔާރުތަކެކެވެ. ފަރުދީ ޒިންމާގެ ދަށުންނަމަވެސް އެ ޙީލަތްތެރި ހަތިޔާރުތަކުގެ ޙަމަލާތަކުން އަމިއްލަ ނަފުސުތައް ދަފަރާކުރައްވާށެވެ! ކޮންމެ އިންސާނަކަށްވެސް އޭނާގެ އިންސާނީ ޙައްޤުތައް ދިފާޢުކުރުމުގެ ފަރުދީ ޒިންމާޔާއި އިޚްތިޔާރު އޮންނާނެއެވެ. އަބުރާ ޢިއްޒަތާއި ކަރާމާތަށް އަރައިގަތުން ހުއްޓުވައި، އެފަދަ ކަންކަން ކުރާމީހުންގެ ކިބައިން ދިފާޢުވެވުނު ގޮތަކަށް ދިފާޢުވުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެއެވެ. ހުއްދަ ކޮންމެ ވިޔަފާރިޔެއް ކޮށްގެން ނަފާ ލިބިގަތުމުގެ އިޚްތިޔާރު އޮންނާނެއެވެ. ޤައުމުގެ ސިޔާސީ ޙަޔާތުގައި ގުޅޭނޭ ޕާޓީޔަކާ ގުޅިގެން އުޅުމުގެ އިޚްތިޔާރާއި ޙައްޤުވެސް އޮންނާނެއެވެ. އެކަންކަމާ ބަޔަކު ނުރުހިގެން ތިމާގެ "އޮފު ކަނޑުވައިލަން" ކުރާ ކަންކަމުން ޢަމަލީ ގޮތުން ތިމާގެ ނަފުސު ދިފާޢުކޮށްދޭނޭ ނިޒާމެއް ނެތި، ނުވަތަ އެހެން ފަރާތެއްގެ އެހީއެއް ނުލިބި ދާ ހިނދު، މިނެދިން ނާޅިޔަކުން މިނެދިނުމަކީ "ހަޖަމު" ނުވުމެއް ނޫނެވެ. އެއީ އަމިއްލަ ކެރިފޯރުންތެރިކަމެވެ!