Support Us

ޔުކްރޭނިޔާއަށް ހަނގުރާމަ ނާކާމިޔާބުވުމަކީ ހުޅަނގަށް ކުރިމަތިލާން ޖެހޭ އިސްތިރާތީޖީ ބޮޑު ކާރިސާއެއް

އެފް–16ގެ ހަނގުރާމަމަތީ މަތިންދާބޯޓު ދިނުމަށް ރައީސް ޒިލެންސްކީ އާދޭސްކުރައްވަމުން ގެންދަވާއިރުގައި ވެސް ރައީސް ބައިޑްން މި ހަތިޔާރު ކިޔީވަށް ދެއްވަން އަދި ކަނޑައެއް ނާޅުއްވައެވެ. ޒިލެންސްކީ ފަށްފަށްކޮށް ވިދާޅުވާ ގޮތުގައި ރަޝިޔާއިން ހަނގުރާމަ ކުރިއަށް ގެންދާއިރު ވައިގެ ދިފާޢީ ބާރުތައް ވަރުގަދަކުރުމަށް ޓަކައި އެފް-16 ފަދަ މަތިންދާބޯޓުފަހަރަށް ޔުކްރޭން ބޭނުންވެއެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފްގެ ދާރިސެއް ކަމުގައިވާ ކޮން ކަފްލިން ވިދާޅުވާގޮތުގައި މި ހަނގުރާމައި ކިޔީވް މޮޅުވަން ޖެހޭނެ ކަމަށް އެމެރިކާއިން ބުނާއިރު ޔުކްރޭނުގެ މި އެދުމަށް ރައީސް ބައިޑްން އިޖާބަނުދެއްވާތީ އެކަމާމެދު ވަރަށް ގިނަ ސުވާލުތަކެއް އުފެދެއެވެ.

ޔުކްރޭން ހަނގުރާމައަށް އެއް އަހަރުފުރުމުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ބައިޑްން ޔުކްރޭނަށް ކުއްލި ދަތުރުފުޅެއް ކުރެއްވިއެވެ. ޔުކްރޭނުގެ މަސްއަލައަށް އެމެރިކާއިން ވަރަށް ބާރާއެކު ތާއީދު ކުރާކަން އޭނާ ހާމަކުރެއްވިއެވެ. މި ދަތުރުފުޅަށްފަހު ޕޯލެންޑަށް ވަޑައިގެން ދެއްވި ބަޔާނުގައި އެމެރިކާއިން ޔުކްރޭނަށް ހިފެހެއްޓުމެއްނެތި އެހީވެދޭނެކަމަށް ވިދާޅުވިއެވެ. ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއާ ދެކޮޅަށް އެންމެ ބޮޑަށް އެހީވާ އެއް ޤައުމަކީ ޕޯލެންޑެވެ. ހުޅަނގުގެ ގިނަ ހަތިޔާރުތައް ޔުކްރޭނަށް ފޮނުވެނީ ޕޯލެންޑް މަގުންނެވެ. ވޯރސޯގެ ޝާހީ ކިއްލާ ފަހަތްޕުޅުގައި ބަހައްޓަވައިގެން ބައިޑްން ވިދާޅުވި ގޮތުގައި "ޔުކްރޭނަށް އެހީވުމުގައި އަހުރެމެން ފަހެއް ނުޖެހޭނަމެވެ."
ކަފްލިން ވިދާޅުވިގޮތުގައި ރައީސް ބައިޑްންގެ ވާހަކަފުޅާ ޢަމަލާ ދިމައެއް ނުވެއެވެ. ރަޝިޔާއިން މި އަންނަ ރަބީޢުގައި ވަރުގަދަ ޙަމަލާތަކެއް ދޭނެކަމަށް އެމެރިކާއިން ބުނާއިރު މި ޙަމަލާއަށް ރައްދުދެވޭނެ މަގު އެމެރިކާއިން ތަނަވަސްކޮށްދޭން އުޅޭ ތަނެއް ނުފެނެއެވެ.

އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް ބައިޑްން ކުރެއްވި ދަތުރުފުޅުގައި ޔުކްރޭނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ އެހީ ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގަންފައި ވެއެވެ. އެހެނަސް ޔުކްރޭނުގެ ބޭނުންތަކަށް ފައްސި ގޮތަކަށް ބައިޑްން އިޖާބަދެއްވަމުން ގެންދަވާތަނެއް ނުފެނެއެވެ. ބައިޑްން ވިދާޅުވިއެވެ. މި ވަގުތަށް ބަލާއިރު ހަނގުރާމަމަތީ ބާރުގަދަ މަތިންދާބޯޓުތައް ފޮނުވަން ޖެހޭ ވަގުތު އަދިއެއް ނާދެއެވެ. ކަފްލިން ވިދާޅުވާ ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ކާމިޔާބު ހޯދާދިނުމަށް މަސައްކަތްކުރާނެ ކަމަށް ހުޅަނގުން ބުނާއިރު ޔުކްރޭނަށް ބޭނުންވާ ބަރު ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅު ހެދުމުގައި ނުވަތަ ދޭތެރެދުރު ގޮތަކަށް ދިނުމުގައި ޙަޤީޤަތް ނޭނގޭ ވަންހަނާ އެޖެންޑާއެއް އޮތްކަމަށް ފެނެއެވެ.

ރަޝިޔާއިން 2022ގެ ފެބްރުވަރީގައި ހަނގުރާމަ ފެށުމުން ދުރު ރާސްތާ މިސައިލް ދިނުމާ ފުރަމަކޮޅުގައި ދެކޮޅު ހެދިއެވެ. ހައިމާރިސް ފަދަ ބަރު ހަތިޔާރު ދިނުމުން ޔުކްރޭނުގެ ދިފާޢުތައް ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔައެވެ.

ހަމަ މިމޭރުމުން ޔުކްރޭނަށް ހުޅަނގުގެ މޮޅު ޓޭންކް ދިނުމާ ވެސް ފުރަތަކޮޅުގައި ދެކޮޅު ހެދިއެވެ. އެމެރިކާއިން އަބްރާމްސް ޓޭންކް ދިނުމާ ފުރަތަކޮޅުގައި ދެކޮޅު ހެދުމުން ޖަރްމަނުން ވެސް ލެޕަރޑް މަރުކާގެ މޮޅު ޓޭންކް ދިނުމާ ދެކޮޅު ހެދިއެވެ. އެންމެ ފަހުން ވަނީ ޓޭންކް ވެސް ދީފައެވެ.

މިއަދު މި ފެންނަނީ ރައީސް ބައިޑްން އެފް 16 އިގެ ހަނގުރާމަމަތީ މަތިންދާބޯޓު ޔުކްރޭނަށް ދެއްވުމުގައި ފަސްޖެހިވަޑައިގަންނަވާ ތަނެވެ. ރައީސް ބައިޑްން މިއަދު ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ޔުކްރޭނުގެ ޕައިލެޓުންނަށް ތަމްރީނު ދެވޭނެއެވެ. އެހެނަސް އެމީހުންނަށް ތަމްރީނު ދެވޭނީ އެފް 16ގެ މަތިންދާބޯޓު ދުއްވާކަށް ނޫނެވެ. ރަޝިޔާގެ މިގް ބޯޓުފަހަރު ދުއްވާށެވެ.
ކަފްލިން ވިދާޅުވާގޮތުގައި ޔުކްރޭން ހަނގުރާމައިގައި ބައިޑްންގެ ފިޔަވަޅުފުޅުތައް ކަތިވަމުންދަނީ ހަނގުރާމަ ހޫނުވެ އިތުރަށް ފުޅައުވެގެން ހިނގައިދާނެކަމަށް ބިރުފުޅު ގަންނާތީއެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި ނޭޓޯ ސީދާ ކުރިމަތިލުމަކަށް ހިނގައިދާނެތީއެވެ.

ކަފްލިން ސިފަކުރައްވާ ގޮތުގައި މިއީ "މަކަރުވެރި ޙުއްޖަތެކެވެ." ކަފްލިން ވިދާޅުވާގޮތުގައި އެމެރިކާ ޖެހިލުން ވަނީ ރަޝިޔާއިން ނިޔުކްލިއަރ ހަތިޔާރުގައި އަތްލަން ޖެހިއްޖެނަމަ އަތްލާނެކަމަށް ބުނެ ބިރުދައްކާތީއެވެ. ކަފްލިން ވިދާޅުވާ ގޮތުގައި އެއީ ރަޝިޔާއަށް މި ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތަކުގައި މަތިޖެހުމަށް ޓަކައި ދައްކާ ވާހަކައެކެވެ.

ކަފްލިން ވިދާޅުވާގޮތުގައި ރަޝިޔާގެ ނިޔުކްލިއަރ ހަތިޔާރު ދެކެ ވޮޝިންގްޓަން ބިރުގަންނަގަތުމަކީ މަންޠިޤީ ގޮތުން ކުށެކެވެ.
އެމެރިކާއިން މި ހަނގުރާމަ ހޫނުވެގެން ހިނގައިދާނެތީ ބިރުގަންނަ އަނެއް ސަބަބަކި ޗައިނާ މި ހަނގުރާމައިގެ ތެރެއަށް ވަދެ ރަޝިޔާއަށް އެހީވެދާނެކަމުގެ ބިރެވެ. ވޮޝިންގްޓަން ދެކޭގޮތުގައި މިޙާލަތުގައި ހަނގުރާމައިގައި ނަޞްރު ލިބޭނީ ރަޝިޔާއަށެވެ.
ކަފްލިން ވިދާޅުވާ ގޮތުގައި ބައިޑްންގެ "ތާފަނާ" ސިޔާސަތުގެ ސަބަބުން ޗައިނާ ފަދަ "ޚުދްމުޚްތާރު ޤައުމުތަކަށް ލިބެމުންދަނީ" ފެހި އައްޔެކެވެ.

މި ހަނގުރާމައިގައި ހުޅަނގަށް ނާކާމިޔާބު ލިބިއްޖެނަމަ އެކަން ވާނީ އިސްތިރާތީޖި ކާރިސާއަކަށެވެ. މި ނާކާމިޔާބު އަފްޣާނިސްތާނުގައި ލިބުނު ނާކާމިޔާބީއަށްވުރެ މާ ބޮޑުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަންކަމަށް ޓަކައި ހުޅަނގުން ހަނގުރާމަކުރާނެކަން ރަޝިޔާއަށާއި ޗައިނާއަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *