...

Support Us

ޔަހޫދީން ޙައްވާރާއަށް އަރައި ފަލަސްޠީނީންނަށް އަލުން ޙަމަލާދީފި

އިސްރާއީލުން ހުޅަނގު އައްސޭރީގެ ބިންތަކުގައި ޤާނޫނާ ޚިލާފަށް ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ބަޔަކު ނާބްލުސްގެ ރަށްބޭރުގައި އޮންނަ ރަށެއް ކަމުގައިވާ ޙައްވާރާއަށް ރޭ އަރައި ފަލަސްޠީނީންގެ ފަސް މީހަކު ޒަޚަމުކޮށްލައިފިއެވެ. މީގެ ތެރެއިން އެކަކީ ކުޑަ އަންހެން ކުއްޖެކެވެ.

އިސްރާއީލު ސިފައިން ޔަހޫދީން ޙިމާޔަތް ކުރުމަށް ޓަކައި ކަރުނަގޭހާއި މަޢުދަނީ ވަޒަން ބޭނުން ކޮށްފައި ވެއެވެ. އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި ޒަޚަމުވި ފަލަސްޠީނުގެ ތިން މީހަކު ޒަޚަމުވެފައިވަނީ ޔަހޫދީން ގައު އުކުމުގެ ސަބަބުންނެވެ. ދެ މީހަކު ޒަޚަމުވީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން  ފަލަސްޠީނު މީހުން ދުރަށްލުމަށް ޓަކައި ޖެހި ކަރުނަ ގޭހުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

ޙައްވާރާ އޮތީ ޔަހޫދީ ވަޒަންވެރީންގެ ޙަމަލާތަކުގެ އަތްފޯރާފަށުގައި

އިސްރާއީލުގެ ޙައްޤުތަކާބެހޭ "ޔެޝް ދީން"– އެބަހީ އެ ތާނގައި ޤާނޫނެއް އެބަ އޮތް- ޖަމްޢިއްޔާއިން ބުންޏެވެ. "ޔަހޫދީ ވަޒަންވެރީން ޙައްވާރާއަށް ޙަމަލާދިނީ ބޮޑުވަޒީރު ނަތަންޔާހޫއާއި ޤައުމީ ސަލާމަތާބެހޭ ހަރުކަށި ވަޒީރު ބިން ޣަފީރު ހުޅަނގު އައްސޭރީގެ ސަރަޙައްދީ ފާރަވެރީންގެ ބޭހުގައި ތިއްބަވަނިކޮށްނެވެ." 

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން ބުނާގޮތުގައި ޙައްވާރާއަށް އަރައި ޔަހޫދީން ދިން ޙަމަލާގައި ފަލަސްޠީނުގެ އެކަކު ޒަޚަމުވީ ބޮލުގައި ޖެހުނު ގައުބުރިއަކުންނެވެ. އިސްރާއީލު ސިފައިންގެ ކަރުނަގޭހުގެ ސަބަބުން ފަސް މީހަކު ނޭވާ ހާސްވެގެން ފަރުވާދޭން ޖެހުނެވެ.

އިސްރާއީލުގެ ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ފަލަސްޠީނު މީހުންނާ ޔަހޫދީ ވަޒަންވެރީންނާ ދެމެދުގައި ކުރިމަތިލުންތައް ފެށުނީ ޔަހޫދީންގެ ބަޔަކު ޙައްވާރާއަށް ދާން އޮންނަ މައިމަގުމަތީގައި ޔަހޫދީ "ބޫރީމު" ޢީދު ފާހަގަކުރުމުގެ ކަންތައްގަނޑެއް ފެށުމުންނެވެ. މި ޢީދު ފެށުނީ އިއްޔެއެވެ. މި ކަމުގައި އިސްރާއީލު ސިފައިން ބައިވެރިވެ އެމީހުންނާއެކު ނެށިއެވެ.

މި ހުސްވި މަހު 26ވަނަ ދުވަހު ޔަހޫދީ ވަޒަންވެރީން ވަނީ ޙައްވާރާއަށް އަރާ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާގައި ފަލަސްޠީނުގެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. ޔަހޫދީ ވަޒަންވެރީން ވަނީ މި ރަށުގެ އެތައް ގެއަކާއި އެތައް ކާރުތަކެއް އަންދައިލައިފައެވެ.

48ގެ ޢަރަބި ވަފްދެއް ޙައްވާރާއަށް

އަނެއްކޮޅުން ޚަބަރު ލިބޭ ގޮތުގައި 48ގެ ޢަރަބި ވަފްދެއް މިއަދު ޙައްވާރާއަށް ޒިޔާރަތްކޮށްފިއެވެ. މި ވަފްދު ދިޔައީ މި ދިޔަ ހަފުތާގައި ޔަހޫދީ ވަޒަންވެރީން މި ރަށަށް ދިން ޢުދްވާނުގެ އާސަރުތައް ބަލައިލުމަށެވެ. 

މި ވަފްދުގައި އިސްރާއީލުގެ ބަރްލަމާނުގައި ހިމެނޭ ޢަރަބި ބައެއް ބޭފުޅުންނާއި އިސްރާއީލުގެ ވާތު ފިޔައިގެ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންގެ ތެރޭގައި އިސްލާމީ ޙަރަކާތުގެ ރައީސް ޝައިޚު ރާއިދު ޞަލާޙާއި އެ ޙަރަކާތުގެ ދެ މެންބަރުން ކަމުގައިވާ އަޙްމަދުއް ޠައްޔިބީއާއި ސާމީ އަބޫ ޝަޙްޛާ ހިމެނިވަޑައިގަންނަވައެވެ.

ރާއިދު އަބޫ ޞަލާޙު ފަލަސްޠީނުގެ ޖީ މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "އަހުރެމެން ޙައްވާރާއަށް މި އައީ މި ރަށުގައި ދިރިއުޅޭ އަހުރެމެންގެ އަހްލުންގެ ޙާލު ބަލައިލާށެވެ.  އަހުރެމެން އެމީހުން ގާތު ބުނީމެވެ. އަހުރެމެން ބިން ހިފައިގެން އުޅޭ މީހުން އަހުރެމެންގެ ގެދޮރު އަންދައިލާނެއެވެ. އަހުރެމެން ޒައިތޫނިގަސްތައް އުފުރާލާނެއެވެ. އެހެނަސް އެމީހުންނަށް ފަލަސްޠީނުގެ ޙައްޤުތައް އަންދައެއް ނުލެވޭނެއެވެ. އުފުރައެއް ނުލެވޭނެއެވެ."

ޙައްވާރާގެ ރަށު ކައުންސިލްގެ ވެރިޔާ މުޢީނުއް ޟުމައިދީ (ފޮޓޯގައި) ވިދާޅުވި ގޮތުގައި ޔަހޫދީ ވަޒަންވެރީންގެ ޢުދްވާނީ ޢަމަލުތަކުގެ ސަބަބުން މި ރަށަށް 18 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. އެމީހުން މިހާރުވަނީ ރަށުގެ ފިހާރަތައް ބަންދުކޮށް ވިޔަފާރި ކުރުން ހުއްޓުވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.