ސޫރިޔާގައި ދެވަނައަށް އެންމެ ބޮޑު ވައިގެ ބަނދަރު ކަމުގައިވާ ޙަލަބު ވައިގެ ބަނދަރަށް ރޭ އިސްރާއީލުން ވައިގެ ޙަމާއެއް ދީ އެ ބަނދަރުގެ ޚިދްމަތްތައް ހުއްޓުވައިލައިފިއެވެ.
ސޫރިޔާގެ ރަސްމީ ނޫސް އޭޖެންސީ (ސަނާ) ބުނާގޮތުގައި ރޭ ފަތިހުގެ ވަގުތެއްގައި މި ޙަމަލާދީފައި ވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށެވެ. އިސްރާއީލުގެ މި ޢުދްވާނުގެ ސަބަބުން މި ބަނދަރަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ކަމުގެ ސަބަބުން މި ބަނދަރުގެ ޚިދްމަތް މިހާރު ވަނީ ހުއްޓިފައެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އިސްރާއީލުން ސޫރިޔާއަށް ވައިގެ އެތައް ސަތޭކަ ޙަމަލާއެއް ވަނީ ދީފައެވެ. އިސްރާއީލުން ބުނާގޮތުގައި މި ޙަމަލާތަކުގެ އަމާޒަކީ އީރާނުން ސޫރިޔާގައި ޢަސްކަރީ ބާރު ގަދަކުރިޔަ ނުދިނުމެވެ.
މިދިޔަ އަހަރުން ފެށިގެން އިސްރާއިލުން ދަނީ ސޫރިޔާގެ ބައިނަލްއަޤްވާމީ މުހިއްމު ދެ ބަނދަރު ކަމުގައިވާ ދިމަޝްޤު ވައިގެ ބަނދަރާއި ޙަލަބު ވައިގެ ބަނދަރަށް ޙަމަލާތައް ދެމުންނެވެ.